ސަރުކާރު މުވައްޒަފުން އެމީހަކު ވަޒީފާ އަދާކުރާ އޮފީހަކުން އަންގާފައި އޮންނަ ގޮތަށް ވަޒީފާ އަދާ ކުރަން މިއަދުން ފެށިގެން އޮފީހަށް ނުކުތުމަށް ތާލިބާނުން އަންގައިފި އެވެ.
މުވައްޒަފުންނަށް އަމުރުކޮށް ޕޯސްޓް ކޮށްފައި ހުރީ ފައިނޭންސް މިނިސްޓްރީގެ ފޭސްބުކް ޕޭޖްގަ އެވެ. ތާލިބާނުން ސަރުކާރު މުވައްޒަފުންނަށް މިގޮތަށް އަމުރު ކޮށްފައި ވަނީ އެ ޖަމާއަތުގެ އިސް ލީޑަރަކު ތާލިބާނުންގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވި ފަހުންނެވެ.
އެ އަމުރުގައި ބުނެފައި ވަނީ އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާންގެ ސަރުކާރު ހިނގައިގެންފި ކަމަށާއި ކުރިއެކޭ އެއްފަދައިން މުވައްޒަފުންނަށް މުސާރަ ދޭނެ ކަމަށެވެ.
ތާލިބާނުންނަކީ އެއްވެސް މީހަކަށް އަނިޔާވެރި ބައެއް ނޫން ކަމަށް ބުނުމާއެކު މަސައްކަތް ކުރެވޭ ފެންވަރުގެ މީހެއް ނަމަ މަސައްކަތަށް ނުކުތުމަށް ވެސް ގޮވާލާފައި ވެއެވެ.
ތާލިބާނުން ބުނާ ގޮތުން ބޭންކްތަކާއި މާލީ ދާއިރާ އަދި ކަސްޓަމްސްއާ ގުޅުން ހުރި ހަރަކާތްތައް ވެސް ލަސްނުވެ އެ ގައުމުގައި ހިނގައިގަންނާނެ އެވެ.
ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނުކުތުމަށް ތާލިބާނުން ގޮވާލި ނަމަވެސް އިއުލާންގައި ބުނެފައި އޮތީ ފައިނޭސް މިނިސްޓްރިގައި މަސައްކަތްކުރާ މުވައްޒަފުން އަަދި މަޑުކުރާށެވެ. އެމީހުން ވަޒީފާއަށް ނުކުންނަން ޖެހޭ ދުވަހެއް އިކޮނޮމިކް އެންޑް ފައިނޭންޝަލް ކޮމިޝަމުން އޮފް ދި އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާނުން ފަހުން އަންގާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ތާލިބާނުން ބުނީ ސަަރުކާރު ހިންގުމާ ގުޅުން ހުރި އަމުރުތައް ހަމަޖެހެމުން ދާ ވަރަކުން އާންމު ކުރާނެ ކަމަށެވެ.