ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސަމާލު: ކޮވިޑްގެ ހާލަތު ގޯސް ވެދާނެ

ކޮވިޑްގައި ދިވެހިން 536 ދުވަސް ހޭދަކޮށްފައި ވާއިރު މިހާތަނަށް 80،328 މީހަކަށް ބަލި ޖެހިއްޖެ އެވެ. 225 މީހަކު އެ ބަލީގައި މަރުވެއްޖެ އެވެ. ކޮވިޑްގެ ބަލާ މުސީބާތުގައި އޭޕްރީލް ފަހު ހަފުތާއިން ފެށިގެން ޖޫންގެ ފުރަތަމަ ހަފުތާއާ ހަަމައަށް ދިވެހިން ހޭދަކުރީ ވަރަށް ނުރައްކާތެރި އަދި އެހާމެ ބިރުވެރި ދުވަސްތަކެވެ. އެ މުއްދަތުގެ ތެރޭގައި އެކަނިވެސް 111 މީހަކު ކޮވިޑްގައި މަރުވިއެވެ. 30،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެއެވެ. މަރުވި މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ ކުރީން އެއްވެސް ބައްޔެއް ނެތް މީހުންނެވެ. ނަމަވެސް މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ހިފެހެއްޓި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް މަދުވިއެވެ.

ކޮވިޑްގެ ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވާއިރު އެފަދަ ހާލަތަކަށް ނުދާނެ ކޮންމެ ފިޔަވަޅެއް އަޅަން މަޖުބޫރެވެ. ބަލީން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތަކީ ކޮވިޑް-19 ވެކްސިނެވެ. ދިވެހިންގެ ނަސީބު ވަރަށް ރަނގަޅެވެ. މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ވަނީ ލިބިފައެވެ. އިއްޔެގެ ނިޔަލަށް 300،000 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައެވެ.

އަދި އުމުުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ހާއްސަ ކެންޕެއިނެއް އޮތީ ފެށިފައެވެ. ސުކޫލު ދަރިވަރުންނަށް ހާއްސަ މި ކެންޕެއިންގެ ތެރެއިން 10 ދުވަސްތެރޭ 30،000 ކުދިންނަށް ވެކްސިން ދީފައިވެއެވެ. ނަމަވެސް އެ ކުދިންނަށް ކޮވިޑުން ފުރިހަމަ ރައްކާތެރިކަމެއް އޮތީ ދެވަނަ ޑޯޒް ފުރިހަމަކޮށްގެންނެވެ.

ކޮވިޑް ވެކްސިން ޕްރަގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު ނަމަވެސް އަލުން ކޮވިޑްގެ ހާލަތު ގޯސްވެދާނެ ފަދަ ބައެއް އަލާމަތްތައް ދަނީ ފެންނަމުންނެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން ނުދިއުމެވެ. އޭގެ ބަދަލުގައި މަޑުމަޑުން ބަލި ޖެހޭ މީހުންގެ އަދަދު އެބަ އިތުރުވެއެވެ. ފާހަގަކުރެވޭ މިންވަރަކަށް ޕޮޒިޓިވް ރޭޓް މަތިނުވި ނަމަވެސް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 100 އިން ދަށުގައި ނަންބަރު ހުރީ މަދު ދުވަހެއްގައެވެ.

އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު 50 އިން ދަށް ކުރެވުނީ ދެތިން ދުވަހެއްގައެވެ. މީގެ ކުރީން މާލޭގެ ޕޮޒިޓިވް ނަންބަރު 25 އިން ދަށުގައި ހުރިނަމަވެސް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އިން މަތީގައި ހުންނަތާ ހަފްތާއެއްހާ ދުވަސްވީއެވެ. މިއީ ފާހަގަކުރެވޭ ވަރުގެ ބޮޑު ނަންބަރެއް ނޫން ނަމަވެސް ކޮވިޑް ވެކްސިން ޖެހި އާބާދީ ބޮޑުވެ އިތުރުވަމުންދާއިރު ޕޮޒިޓިވް ނަންބަރު ދަށްނުވެ އެއްވަރެއްގައި ނުވަތަ ކުޑަތަންކޮޅެއް ނަމަވެސް މަތިވަމުން ދިއުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

އަނެއް ކަމަކީ ކުޑަކުދިންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް އިތުރުވަމުން ދިއުމެވެ. ސުކޫލު ވެކްސިން ޕްރަގްރާމް ވަރަށް ބާރަށް އެހާމެ ކާމިޔާބު ކަމާއެކު ކުރިއަށް ދިޔަނަމަވެސް މިހާރުވެސް ސުކޫލުތަކުން ޕޮޒިޓިވް ކޭސްތައް ފެނެއެވެ. ހުރިހާ މައުލޫމާތެއް މީޑިއާތަކަށް ތިލަ ނުވި ނަމަވެސް މިހާރުވެސް ކިޔެވުމުން މެދުކެނޑިފައިވާ އެތައް ކުލާހެއް ބައެއް ސުކޫލުތަކުގައިވެއެވެ.

މިއީ ހާލަތު ގޯސްވެދާނެ އިންޒާރަކަށް ފުދެއެވެ. މީގެ ކުރީންވެސް ކޮވިޑްގެ ނުރައްކާތެރި ހާލަތަށް ގައުމު ދިޔައީ މިފަދަ ގޮތަކަށް މަޑުމަޑުންނެވެ. އޭގެ ފަހުން ކުއްލި އަކަށް ދެން ފެންނަނީ ހާލަތު ގޯސްވެފައިވާ މަންޒަރެވެ. ބަލީން ރައްކާތެރިވުމަށް އަދި ބަަލި ފެތުރޭ މިންވަރު މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް މުހިންމެވެ.

މީގެ ކުރީން ބަލީގެ ހާލަތު ގޯސްވި ކޮންމެ ފަހަރަކުވެސް ބަލި ފެތުރުން ކޮންޓްރޯލް ކޮށްފައިވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިގެންނެވެ. އޭގެން ވަރަށް ގިނަ ފިޔަވަޅުތައް މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން އޮތްހާ ހިނދަކު ދޫކޮށް ލެވެން ނެތް ބައެއް ފިޔަވަޅުތައް ވެއެވެ.

އެއީ މާސްކު އެޅުމެވެ. ގައިދުރުކުރުމެވެ. އަދި ސާފު ތާހިރުކަމަށް އިސްކަން ދީ އަތް ދޮވުން ގިނަ ކުރުމެވެ. މިއީ މިހާރުވެސް ކުރަން ޖެހޭ ކަންކަމެވެ. ކަމާބެހޭ އިދާރާތަކުގެ ގައިޑްލައިންގައި ލިޔެވިފައިވާ ކަންކަމެވެ. ނަމަވެސް ބޭރުގައި އުޅޭއިރު މާސްކު އަޅައިގެން އުޅޭ މީހުންގެ އަދަދު މަދުވާން ފަށައިފި އެވެ. ސައިހޮޓާ/ކެފޭ/ރެސްޓޯރަންޓްތައް އެތައް ވަގުތަކު ފުރިފައި އޮންނައިރު ރައްކާތެރިކަމުގެ ގޮތުން އަޅަން މަޖުބޫރު އެތައް ފިޔަވަޅެއް އޮންނަނީ ދޫކޮށްލެވިފައެވެ. ގައިދުރު ކަމެއް ނުފެނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގިނަ ބަޔަކު އެއްވެ ޝީޝާ ބުއިމާއި ވޭޕް ކުރުން ފަދަ ކަންކަން އާންމުވެެއްޖެ އެވެ. މިއީ ހާލަތު ގޯސްވުމަށް މަގުފަހި ކުރުވާނެ ކަންކަމެެވެ.

މީގެ އިތުރުން މިދިޔަ 72 ގަޑިއިރުތެރޭ ކޮވިޑްގައި ތިން މީހަކު މަރުވުމަކީވެސް ކޮވިޑްގެ ހާލަތު އަލުން ގޯސްވެދާނެ ކަމުގެ އިންޒާރެކެވެ. މިވަގުތުވެސް 17 ރަށަކަށް އަރާ ފޭބުން މަނަލެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގައި ބަލި ފެތުރުން އަދިވެސް ކޮންޓްރޯލެއް ނުވެއެވެ. އޭގެން އެއް ރަށަކީ ރ. ދުވާފަރެވެ. ހެޔޮ އާބާދީއެއް އޮތް އެ ރަށް ބަންދުގައި އޮންނަނީ މެއި މަަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

ތިން މަސް ދުވަސް ވެގެންދިޔައިރުވެސް ބަލި ކޮންޓްރޯލް ކުރެވި ރަށް ހުޅުވާލެވޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ބަލީގައި ހާލު ސީރިއަސްވެ މަރުވާ މީހުންގެ އަދަދު އިތުރުވީއެވެ. މިދިޔަ މުއްދަތުގައި އެ ރަށުން އެކަނިވެސް ހަ މީހަކު މަރުވިއެވެ. މިދިޔަ 72 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މަރުވި ތިން މީހުންގެ ތެރޭގައިވެސް އެ ރަށުގެ މީހަކު ހިމެނެއެވެ.

މީގެ އިތުުރުން ދުނިޔޭގެ އެކި ގައުމުތަކުން އައު ވޭރިއަންޓް ފެނުމާއި ބަލި ފެތުރޭ މިންވަރު އިތުރުވުމުގެ ކަންބޮޑުވުން އަދިވެސް ފިލާ ނުދެއެވެ. އަވައްޓެރި އިންޑިއާގެ ހާލަތު އަދިވެސް ރަނގަޅެއް ނޫނެވެ. ކޮވިޑް މެނޭޖްކުރުމުގައި ނަމޫނާ ދެއްކި ސްރީލަންކާގެ ހާލަތު އޮތީ ދުވަހަކު އެ ގައުމު ނުދެކޭ ފަދަ ހާލަތެއްގައެވެ. މި ފަހުން ކޮންމެ ދުވަހަކު 100 ވުރެ ގިނަ ކޮވިޑް މަރު އެ ގައުމުން ރިޕޯޓް ކުރެއެވެ. ޔޫރަޕްގައިވެސް ހާލަތު ގޯސް ގައުމުތައް ވެއެވެ. ތުރުކީ އައު ވޭރިއަންޓެއް ފެނިގެން އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

އެހެން ކަމުން ރާއްޖެ ކޮވިޑްގެ ފަސްވަނަ ރާޅެއްގެ ތެރެއަށް ދިއުމުގެ ކުރީން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ގަދައަށް ހިފަހައްޓަން ޖެހެއެވެ. ކޮވިޑްގެ ހާލަތު ގޯސްވެ އެތައް ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ބަންދު ކުރެވެން އޮތީ މިހާރު ހުރި ފިޔަވަޅުތަކަށް ހުރިހާ އެންމެންވެސް ތަބާވެގެންނެވެ. އެކަން އެހެން ނުވެއްޖެނަމަ އިތުރު ހަރުކަށި ފިޔަވަޅުތައް އަޅާން ޖެހިދާނެ އެވެ. އޭރުން އަނެއްކާވެސް އުނދަގޫ ދަތި ދިރިއުޅުމުގެ ތެރެއަށް ދާންޖެހުނީއެވެ.

ސުކޫލުތަކުގެ ކިޔެވުން މެދުކެނޑިއްޖެނަމަ އެއީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށްވާނެ އެވެ. އޮފީސްތަކާއި ވިޔަފާރިތައް ހުއްޓިއްޖެނަމަ ކޮޅުން ނެއްހާ ބޮޑު ގެއްލުމެވެ. އެެހެންވީމަ ވެކްސިން ނުޖަހާ ތިބި މީހުން އަވަހަށް ވެކްސިން ވީއެވެ. ވެކްސިން ޖެހިޔަސް ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅުތަކުގައި ބާރަށް ހިފަހައްޓާ ފަރުވާތެރިކަމާއެކު އަމަލު ކުރަން ޖެހެއެވެ.