ކޮވިޑް-19 ގެ ހާލަތު ގޯސްވެ މިދިޔަ ހަފްތާގައި 13،880 މީހަކަށް ކޮވިޑް ޖެހިފައެވެ. މާލެ އާއި އަތޮޅުތަކުން އަދި ރިސޯޓްތަކުންވެސް ބަލި ޖެހޭ މީހުންގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަތް ދުވަހަކީ ބަލީގެ ހާލަތު އެންމެ ގޯސްވި ހަތް ދުވަހެވެ. މި މުއްދަތުގައި ބަލި ޖެހުނު މީހުންގެ ތެރެއިން 7،520 މީހުންނަކީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް ބައެއް ދުވަސް ދުވަހު ވަނީ 36 ޕަސެންޓަށް އުފުލިފައެވެ. މި މުއްދަތުގައި އަތޮޅުތަކުން 3،951 މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި ރިސޯޓްތަކުން 568 މީހަކަށް ބަލިޖެހިފައިވެއެވެ. މިއީ އަތޮޅުތަކާއި ރިސޯޓްތަކުންވެސް މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވީ ހަފްތާއެވެ. މީގެ އިތުރުން ސަފާރީތަކާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް ޕޮޒިޓިވް ކޭސްތައް ފެނިފައިވެއެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ މިދިޔަ ހަތް ދުވަހުގެ ތެރޭގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު މަރުވީ އެއް ދުވަހެއްގައެވެ. އެއީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކާއި 63 އަހަރުގެ ދިވެހި އަންހެނަކާއި 76 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކުވެސް މަރުވެފައެވެ. އޭގެ ތެރެއިން ދެ މީހުން މަރުވީ ލ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. ދެން ހިމެނެނީ އައްޑޫ ކޮވިޑް ފެސިލިޓީގައި އޮތް މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް މީހެކެވެ.
އިއްޔެވެސް މި ބަލީގައި މީހަކު މަރުވިއެވެ. އެއީ އުމުރުން 42 އަަހަރުގެ ދިވެހި އަންހެނެކެވެ. އޭރު އެ މީހާއަށް ފަރުވާ ދެމުން އައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައެވެ.
ހަތް ދުވަހުގެ ކޮވިޑް ނަންބަރު
- ޖަނަވަރީ 17 - 1،420 މީހަކު ޕޮޒިޓިވް
- ޖަނަވަރީ 18 - 1،594 މީހަކު ޕޮޒިޓިވް
- ޖަނަވަރީ 19 - 2،137 މީހަކު ޕޮޒިޓިވް
- ޖަނަވަރީ 20 - 2،199 މީހަކު ޕޮޒިޓިވް
- ޖަނަވަރީ 21 - 1،697 މީހަކު ޕޮޒިޓިވް
- ޖަނަވަރީ 22 - 2،349 މީހަކު ޕޮޒިޓިވް
- ޖަނަވަރީ 23 - 2،484 މީހަކު ޕޮޒިޓިވް
ރާއްޖޭގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްވާނެ ކަމަށް އެޗްޕީއޭއިގެ އަންދާޒާއިން ބުނެ އެވެ.
އެޗްޕީއޭގެ އަންދާޒާ ބުނާ ގޮތުން މިއީ އަދި ޕީކު -- ބަލީގެ ހާލަތު އެންމެ ގޯސް -- ދުވަސްތަކެއް ނޫނެވެ. އަންދާޒާ ކުރެވިފައިވާ ގޮތުން ޕީކު ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު 6،000 ވުރެ މައްޗަށް ދާނެ އެވެ. 4،000 ވުރެ ދަށެއް ނުވާނެ އެވެ. ނަމަވެސް ރަނގަޅު ފިޔަވަޅުތަކާއެކު އެ ހާލަތަށް ނުގޮސް ހިފެހެއްޓިދާނެ އެވެ.
މިދިޔަ ހަތް ދުވަހަށް ބަލާއިރު އެންމެ ދުވަހަކު ފިޔަވައި އެހެން ހުރިހާ ދުވަހަކު ނަންބަރުތައް ވަނީ އުފުލިފައެވެ. ޖަނަވަރީ 17 ވަނަ ދުވަހު 1،400 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެއެވެ. އެއީ 6،456 ސާމްޕަލް ޓެސްޓްކޮށްގެނެވެ. ޖެހިގެން އައި ދުވަހު 5،870 ސާމްޕަލް ޓެސްޓް ކޮށްގެން އޭގެ ތެރެއިން 1،594 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވިއެވެ.
އޭގެ ފަހުން ކޮވިޑް ނަންބަރު 2،000 އިން މައްޗަށް އެރި އެވެ. ޖަނަވަރީ 19 ވަނަ ދުވަހު 7،171 ސާމްޕަލް ޓެސްޓް ކުރިއެވެ. އޭގެ ތެރެއިން 2،137 މީހަކު ޕޮޒިޓިވްއެވެ. އެ ދުވަހު މާލެ ސަރަހައްދުން 3،361 ސާމްޕަލް ޓެސްޓް ކުރިއެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް ހުރީ 36 ޕަސެންޓްގައެވެ.
ކޮވިޑް ނަންބަރު 2،000 އިން ތިިރިއަށް ދިޔައީ ޖެހިގެން އައި 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ދެ ދުވަހުވެސް ނަންބަރު ހުރީ 2،000 އިން މަތީގައެވެ.
ހަތް މީހަކު އައިސީޔޫގައި، ހަތަރު މީހަކު ވެންޓިލޭޓަރުގައި
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ޖެހޭ މީހުންގެ ނިސްބަތް ރެކޯޑް މިންވަރަކަށް އުފުލެމުންދާއިރު އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ.
މި ފަހުން ހާލަތު ގޯސްވުމާ ހަމައަށް ބައެއް ފެސިލިޓީތައް ހުރީ ފަޅަށެވެ. އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ދިހައަކަށް ވުރެ ދަށަށް ދިޔައެވެ. އެ މުއްދަތުގައި ހާލު ބޮޑު އެއްވެސް މީހެއް ނެތެވެ. އައިސީޔޫ އަދި ވެންޓިލޭޓަރަށް ލާން ޖެހުނު މީހަކު ނެތެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު 47 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. މިއީ މި ފަހުން މިހާ ބޮޑަށް ހާލަތު ގޯސްވި ފުރަތަމަ ފަހަރެވެ. އިއްޔެެ މަރުވީވެސް އައިސީޔޫގައި އޮތް މީހެކެވެ.
އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގައި 16 މީހަކު އެބައޮތެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 37 މީހަކު އެބައޮތެވެ. އަދި އައްޑޫ ކޮވިޑް ފެސިލިޓީ އާއި ބ އަތޮޅު ފެސިލިޓީގައިވެސް މީހަކު އެބައޮތެވެ.
އޮމިކްރޯންގެ 74 ކޭސް
މިހާތަނަށް އޮމިކްރޯނަށް ޓެސްޓް ކުރަން 3696 ސާމްޕަލް ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން 74 ސާމްޕަލް ވަނީ އޮމިކްރޯން އަށް ޕޮޒިޓިވްވެފައެވެ.
އެންމެ ފަހުން ޓެސްޓު ކުރުމަށް ސާމްޕަލްތައް ފޮނުވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ސެ ދުވަހު ފޮނުވި 100 ސާމްޕަލްގެ ތެރެއިން 50 ސާމްޕަލް އޮމްރިކޯނަށް ޕޮޒިޓިްވިއެވެ. އެހެން ކަމުން ރާއްޖޭގައި ހަލުވި ކަމާއެކު އެ ވައިރަސް ފެތުރެމުންދާ ކަމަށް ބެލެވެއެވެ.
ބަލީގެ ހާލަތު އަދި ގޯސްވާނެ ކަމަށް އަންދާޒާ ކުރެވޭ މައިގަނޑު ސަބަބަކީވެސް އެއީ އެވެ.
ކޮވިޑް ޖެހިފައިވާ މީހުން ދެނެގަނެ ބަލި ފެތުރުން ހުއްޓުވަން އެންޓިޖެން ޓެސްޓު ހެދުމަށް ފަސޭހަ އިންތިޒާމުތަކެއްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. 15 އާއި 20 މިނެޓްތެރޭ ނަތީޖާ ލިބޭ މި ޓެސްޓް ހެދުމަށް ވަކި ސަރަހައްދުތަކެއް މިހާރު ވަނީ ހާއްސަކޮށްފައެވެ.
އެގޮތުން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައިވާ ސެންޓަރުންނާއި މާލޭގައި ހެންވޭރު ދަނޑު އަދި ސޯޝަލް ސެންޓަރުން އެންޓިޖެން ޓެސްޓު ހެދޭނެ އެވެ.
މިއަދު ފޭސް-2 ގައިވެސް އިތުރު ސެންޓަރެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގައިވެސް އިތުރު ދެ ސެންޓަރަކުން އެންޓިޖެން ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.
އެންޓިޖެން ޓެސްޓު ހަދަނީ ކޮވިޑްގެ އަލާމަތްތައް ހުންނަ މީހުންނެވެ. މިއީ ޕީސީއާރު ޓެސްޓާ ތަފާތުކޮށް ވަރަަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ޓެސްޓެކެވެ. މި ޓެސްޓުން ޕޮޒިޓިވްވެއްޖެނަމަ އެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއެވެ. އެހެން ކަމުން އެންޓިޖެން ޓެސްޓުން އަވަހަށް ބަލި ދެނެގަނެވި އޭނާގެ ފަރާތުން އެެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
ކޮވިޑަށް ޓެސްޓް ކުރަން ސެންޓަރުތަކަށްދާ މީހުންގެ ތެރެއިން ބަލީގެ އަލާމަތް ހުންނަ މީހުން މިހާރުވެސް ހަދަނީ އެންޓިޖެން ޓެސްޓެވެ.