ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ނަންބަރުތައް މައްޗަށް، މާލެ ނުރައްކަލަށް

Jan 20, 2022

ކޮވިޑް-19 ގެ ފަސްވަނަ ރާޅެއްގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވީ އެވެ. 100 އިން ދަށުގައި ހުރި ކޮވިޑް ނަންބަރު މަތިވަމުން އައިސް ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ 2،000 ވުރެ މައްޗަށް އަރާފައެވެ. އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ ކޮވިޑްގެ ނުރައްކާތެރި ދުވަސްތަކެއް އަލުން ތަޖުރިބާ ކުރަން ޖެހުމުގެ ބިރު ބޮޑުވެއްޖެ އެވެ. ސިއްހީ ތަޖުރިބާކާރުން މިވަގުތު ދޭ އިންޒާރަކީ ހާލަތު ގޯސްވެ ކުރީން ތަޖުރިބާ ކޮށްފައިނުވާ ފަދަ ހާލަތަކަށް ރާއްޖެ ގޮސްދާނެ ކަމެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވެއެވެ. މީގެ ތެރެއިންވެސް މިދިޔަ އަހަރުގެ އޭޕްރީލް ފަހުކޮޅުން ފެށިގެން ޖޫންގެ ކުރީ ހަފްތާއާ ހަމައަށް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ތަޖުރިބާ ކުރަން ޖެހުނު ހާލަތުގެ ބިރުވެރިކަން ބޮޑެވެ. އެހާތަނަށް ބަލި ޖެހުނު މީހުންގެ 60 އިންސައްތަ އަކީ އެ މުއްދަތުގަައި ބަލި ޖެހުނު މީހުންނެވެ. އަދި މިހާތަނަށް ކޮވިޑްގައި މަރުވި 265 މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން މަރުވީވެސް އެ މުއްދަތުގައެވެ.

މެއި މަހު އެކަނިވެސް 88 މީހަކު މަރުވިއެވެ. 35،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. މެއި މަހުގެ އެންމެ ދުވަހެއް ފިޔަވައި އެހެން ހުރިހާ ދުވަހަކު ކޮވިޑްގައި މީހުން މަރުވިއެވެ. ސައުވީސް ގަޑިއިރުތެރޭ 13 މީހަކު މަރުވި ދުވަހެއްވެސް ދިޔައެވެ.

އެ ހާލަތުން އަރައިގަނެ އާންމު ހާލަތަކަށް ދިއުމަށް މަަސައްކަތް ކުރަނިކޮށް ކޮވިޑްގެ ހާލަތު މި ފަހަރު ގޯސްވީ ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށުމުންނެވެ. އައު ވޭރިއަންޓާއެކު ބަލި ފެތުރޭ މިންވަރު ބޮޑުތަނުން ހަލުވި ވެގެންދިޔަ އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދެ ހާހުން މައްޗަށް ގޮސްފައެވެ.

މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އަލަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 2،137 އެވެ. މިއީ މި ފަހުން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ. މި ނަންބަރާއެކު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 108،732 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 9،574 އަށް އަރާފައެވެ.

މާލޭގެ ހާލަތު ގޯސް، ޕޮޒިޓިވް ރޭޓް 36 ޕަސެންޓްގައި

ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ދިިރިއުޅޭ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަނީ މިހާތަނަށް ގޯސްނުވާ މިންވަރަށް ގޯސްވެފައެވެ. ކޮވިޑްގައި ދިވެހީން ތަޖުރިބާ ކުރި ހަތަރު ރާޅުގައިވެސް މާލެ ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު އެއިން އެއްވެސް ފަހަރަކު މާލެ ސަރަހައްދުގައި ހާލަތު ގޯސްނުވާ މިންވަރަށް ހާލަތު ދަނީ ގޯސްވަމުންނެވެ. ނުވަތަ ހާލަތު ވަނީ ގޯސްވެފައެވެ.

މިދިޔަ ސައުވީސް ގަޑިއިރުތެރޭ މާލެ ސަރަހައްދުން 3،361 މީހެއްގެ ސާމްޕަލް ޓެސްޓް ކުރެވުނެވެ. އޭގެ ތެރެއިން 1،219 މީހަކު ކޮވިޑަށް ޕޮޒިޓިވްއެވެ. މިއީ ވަރަށް މަތީ ނަންބަރެކެވެ. އެހާމެ ނުރައްކާތެރި އަދަދެއްވެސް މެއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ސައުވީސް ގަޑިއިރުތެރޭ މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ވަނީ 36 ޕަސެންޓަށް މައްޗަށް ޖެހިލާފައެވެ.

މިއީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ ދުވަސްތަކުގައިވެސް ނުއުފުލޭ މަތީ މިންގަނޑެކެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ހާލަތުވެސް ދަނީ ގޯސްވަމުންނެވެ. އިއްޔެ އެކަނިވެސް އަތޮޅުތަކުން 547 މީހަކަށް ބަލި ޖެހުނެވެ. އަދި ރިސޯޓްތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތްވެސް ދަނީ އިތުރުވަމުންނެވެ. މި ފަހުން ކޮންމެ ދުވަހަކު ރިސޯޓްތަކުން 100 އިން މަތީގައި ކޮވިޑް ކޭސްތައް ހުރެއެވެ.

ފިޔަވަޅުތަކަށް ސަަމާލު ކަމެއް ނެތް

ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމުން ރައްކާތެރި ކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ކުރީންވެސް މަޖުބޫރު ކޮށްފައި އޮތް މާސްކު އެޅުން އަލުން ހަނދާން ކޮށްދީ އެ ފިޔަވަޅު ވަނީ އިތުރަށް ދަމަހައްޓާފައެވެ. މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާނަމަ ކޮވިޑް ޓެސްޓް ހަދާ ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެއެވެ. ވެކްސިން ނުޖަހާ މީހުން ކަރަންޓީން ވާން ޖެހެއެވެ.

އެއްވުންތަކާއި ކުޅިވަރު މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަަކަށް މާބޮޑު ސަމާލު ކަމެއް ނުދެއެވެ. މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދު އަދިވެސް މަދެއް ނޫނެވެ. ކެންޕެއިނަށް އަތޮޅުތަކަށް ދަތުރުކުރާ ސިޔާސީ ވެރީން ތިއްބެވީ އެ މަސައްކަތުގައެވެ. ކޮވިޑްގެ ފިޔަވަޅެއް އޮތް ކަމަކަށް އެއިން ބޭފުޅަކަށް ހީފުޅުވާހެނެއް ހީއެއް ނުވެއެވެ.

ބައެއް އެއްވުންތައް އެ ގޮތުގައި ކުރިއަށް ގެންދެއެވެ. ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުންގެ އިދާރާއިން މާ ބޮޑު މަސައްކަތްތަކެއް ކުރާތީއެއް ނުފެނެއެވެ. އެޗްޕީއޭ އާއި އެޗްއީއޯސީންވެސް ކޮވިޑް ނަންބަރު ބުނެލުން ފިޔަވައި މާ ބޮޑު މަސައްކަތްތަކެއް ކުރާތީއެއް ނުފެނެއެވެ. ދޭތެރެއަކުން ޓީވީ ޝޯއެއްގައި ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ދެމުން ދެއެވެ.

ވެކްސިން ޕްރަގްރާމް ކުރިއަށް، އިންތިޒާމް ދެރަ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ޕްރަގްރާމް އެންމެ ކާމިޔާބުކޮށް ހިންގާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ވެކްސިން ހޯދުމާއި ލިބުމުގައި އެންމެ ނަސީބުވެރި އެއް ގައުމަކަށްވެސް ރާއްޖެ ވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 397،290 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 368،963 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުންނަށެވެ.

މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 40،571 މީހުންނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ބޫސްޓާ ޖެހުމަށް އާންމުކޮށް ހުޅުވާލުމުން މިދިޔަ ހަތަރު ފަސް ދުވަހަކު ސެންޓަރުތައް ކައިރީ ބޮޑެތި ކިއުތައް ދަމާލި އެވެ. އެތައް ބަޔަކު ގިނަ ވަގުތުތަކެއް ހޭދަކޮށް ވެކްސިންގެ ތިންވަނަ ޑޯޒް ޖެހިއެވެ.

ނަމަވެސް އަދިވެސް ފެންނަނީ އިންތިޒާމްތައް ވަރަށް ދޯދިޔާކޮށް އޮއްވައެވެ. ވެކްސިން ކިއުތަކުގައި ގައިދުރުކަމެއް ނެތެވެ. އެތައް ބަޔަކު ގަދަ އަވީގައި ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ނޫނީ ވެކްސިން ނުޖެހެއެވެ. އެކަންކަން ފަސޭހަކޮށް އިންތިޒާމު ކުރަން މާ ބޮޑު މަސައްކަތެއް ކުރާތީއެއްވެސް ނުފެނެއެވެ.