ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ޕީސީއާރާއެކު ކުރެވޭ ތުހުމަތާއި ސުވާލުތައް!

ކޮވިޑް-19 އިގެ ބަލިމަޑުކަމުން އަރައިގަނެވިދާނެ ކަމުގެ އުންމީދު އާ ވެފައި ވަނިކޮށް އަނެއްކާ ވެސް އެ އުންމީދު މި ވަނީ ފަނޑުވެފަ އެވެ. ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯންގެ ސަބަބުން މުޅި ދުނިޔެ އަލުން ނުރައްކަލުގެ ތެރެއަށް ހުށައެޅުމުގެ ބިރު ހީވީ އެވެ. އޮމިކްރޯންގެ ކުރީން އުފެދުނު ޑެލްޓާގެ ބިރުން ސަލާމަތް ނުވެ އުޅެނިކޮށް ދެ ވޭރިއަންޓް އެކުވެ ޑެލްޓާކްރޯން ވެސް މިހާރު ވަނީ ފެނިފަ އެވެ. އެކަމާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑްގެ ފިޔަވަޅުތައް ވަަރުގަދަ ކުރަން ވަނީ ފަށާފަ އެވެ. ދަތުރުކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އިތުރުކޮށް ބަލީން ރައްކާތެރިވުމަށް ކުރީން ގެންނާން ޖެހުނު އުނދަގޫ ފިޔަވަޅުތައް ވެސް އަޅަން ފެށި އެވެ. ރާއްޖޭގެ ހާލަތު ވެސް އޮތީ މިފަދަ ގޮތަކަށެވެ. ޑިސެންބަރު ފަަސްވަނަ ދުވަހު އޮމިކްރޯންގެ ކޭހެއް ރާއްޖެއިން ފެނި އެ ވޭރިއަންޓްގެ ނުރައްކާ ރާއްޖެއަށް ވެސް ވަނީ ބޮޑުވެފަ އެވެ.

މި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެ ބަލީގައި ހާލު ގޯސްވާ މީހުންގެ އަދަދާއި މަރުވާ މީހުންގެ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ. ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ރޭޓް ހުރީ ފަސް ޕަސެންޓަށްވުރެ މަތީގަ އެވެ. އެއީ ތިން ހާހެއްހާ ސާމްޕަލު ނެގުމުން ފެންނަ މަންޒަރެވެ. އެހެން ކަމުން މާލެ ސަރަހައްދަކީ ކޮމިއުނިޓީ ސްޕްރެޑް -- ބަލި ފެތުރުމުގެ ފުރުސަތު އޮތް -- ސަރަހައްދެއް ކަމަށް ނިންމާ އިތުރު ފިޔަވަޅުތައް އެޅީއެވެ.

މީގެ 48 ގަޑިއިރު ކުރީން ގެނައި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ރުޅިއަރުވާލި އަދި އެ ފިޔަވަޅަކާމެދު އެންމެ ބޮޑު ބަހުސެއް އޮތީ މާލެއިން ރަށްރަށަށްދާ މީހުން ކޮވިޑަށް ޓެސްޓް ކުރަން މަޖުބޫރުވުމެވެ. ފުރުމުގެ 72 ގަޑިއިރު ކުރީން ހަދާފައިވާ ކޮވިޑް ޓެސްޓްގެ ނެގެޓިވް ނަތީޖާއެއް އޮތުމުން ނޫނީ ދަތުރު ކުރުން މަނަލެވެ. އެ އެންގުން އައީ ޖެހިގެން އައި ދުވަހު އަމަލު ކުރާން މަޖުބޫރު ކޮށްފަ އެވެ.

ނަމަވެސް މިއީ ސުކޫލު ބަންދު ދުވަސްވަރަކަށްވެފައި އަދި ސުކޫލުތައް ހުޅުވެން އޮތީ ހަފުތާއަކަށް ވުރެ ކުރު މުއްދަތެއް ކަމަށް ވުމުން އެތައް ބަޔަކު ތިބީ ފުރަފުރައިގެންދާން ތައްޔާރަށެވެ. ސުކޫލު ތަކެތި ހޯދުމާއި ޑޮކްޓަރަށް ދެއްކުމަށާއި އެ ނޫންވެސް އެކި ބޭނުންތަކަށް މާލެ ގޮސްފައިވާ އެތައް ބަޔަކު ފުރަން ތައްޔާރުވެފައި ވަނިކޮށް އެފަދަ ފިޔަވަޅެއް އެޅުމުން އެއީ ރައްޔިތުންނަށް ކުރިމަތި ކުރުވި ވަރަށް ބޮޑު ތަކުލީފެއްގެ ގޮތުގައި ވިސްނުނެވެ. އެހެން ވިސްނެއް މެދުވެރިވި ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެންމެ ކުރުކޮށް ނަމަ ބުނެވޭނީ ކޮވިޑް މެނޭޖްކުރުމުގައި ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުމުގައި ގެންގުޅޭ ހަމަހަމަ ކަމެއް ނެތް ތަރުތީބާއި ހަމައެއް ނެތި ފިޔަވަޅުތައް ގެނައުމެވެ. އަދި އެ ފިޔަވަޅުތައް އެޅުމުން ރައްޔިތުންނަށް ވެދާނެ ދައްޗަކަށް އުނދަގުލަކަށް ކުޑަކޮށް ވެސް ވިސްނާލެވިފައި ނެތުމެވެ.

ކޮވިޑްގެ ފިޔަވަޅުތައް ރާއްޖޭގައި ހަރުދަނާ ކުރަން ފަށާފައި މިވަނީ އާ ވޭރިއަންޓް އޮމިކްރޯން ފެނުނުތާ މަސް ދުވަސް ފަހުންނެވެ. މާލެ ސަރަހައްދާއި އަތޮޅުތަކުގެ ތެރޭގެ އަދި ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތާ ވެސް ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އޭގެ އިތުރުން ކުރިއަށް އޮތް ތިން ހަފުތާއަކީ ކޮވިޑްގެ ހާލަތު ގޯސްވެދާނެ ދުވަަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާފައި ވަނިކޮށެވެ. ރައީސް އެ އިއުލާނު ކުރެއްވިއިރު ސަރުކާރުގެ ބޮޑު ވަފުދަކާއެކު ރަށްރަށަށް ދަތުރު ކުރެ އެވެ.

އޭގެ ކުރިއަށް އާ އަހަރު ފާހަގަކުރަން ބޮޑު މިއުޒިކު ޝޯ އަކާއި ހަވާ އެރުވުން ކުރިއަށް ގެންދިޔައެވެ. ކޮންމެ ކަމަކުން ސިޔާސީ ކްރެޑިޓް ނަގަން ސަރުކާރުގެ ވެރިންގެ ކިބައި އޮންނަ ފޯރި ބޮޑުކަމުން މިއުޒިކު ޝޯއަށް 11،000 މީހުން އެއްތަން ކުރި ކަމަށް އިއުލާނު ވެސް ވެގެން ދިޔައެވެ. މި ހުރިހާ ކަމެއް މި މަގުން ހިނގުމަށް ފަހު 50 މީހުންނަށް ވުރެ ގިނައިން އެއްވުން މިހާރު މަނަލެވެ. ކުޅިވަރު ކުޅޭ ތަންތަނަށް ސަޕޯޓަރުން ވެއްދުން މަނަލެވެ. މާލެއިން ފުރާނަމަ ޕީސީއާރު ހައްދަން މަޖުބޫރެވެ. ވެކްސިން ނުޖަހާނަމަ ކަރަންޓީނަށް ގެންދަން ފެށީއެވެ.

ނަމަވެސް އޭގެ ކުރީން ކުރަން ޖެހޭ އެއްވެސް ކަމެއް އޮތީ ނުކޮށެވެ. މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް މާސްކު މަޖުބޫރެވެ. އެއީ އިހަށް ދުވަހަކު ހަނދާން ކޮށްލައިދީ އެ އެންގުން އިތުރަށް ވަރުގަދަ ކޮށްލިނަމަވެސް މީގެ އެތައް މަހެއް ކުރީން ފެށިގެން މަޖުބޫރު ކަމެވެ. ހާއްސަކޮށް ވެރިރަށް މާލޭގަ އެވެ. ނަމަވެސް މާސްކު މަޖުބޫރުކަން ހަނދާން ކޮށްދިން އިރު މާސްކު އަޅާ މީހުންނަށްވުރެ މާސްކު ނާޅާ މީހުން ގިނައެވެ.

ދެން އޮތީ ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރު ކުރުމެވެ. މިއީ ކޮވިޑް ފެށުނީއްސުރެ ރައްޔިތުންގެ ވަރަށް ބޮޑު ތުހުމަތެއް އޮތް ކަމެކެވެ. ޕީސީއާރު ޓެސްޓް މަޖުބޫރުކޮށް އެތައް ބަޔަކު ލައްވާ އެކަން ކުރުވުމުގެ ފަހަތުގައި އޮތީ ވަކި ބަޔަކަށް މާލީ ބޮޑު މަންފާއެެއް ހޯދާ ދިނުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. ހާއްސަކޮށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕްގެ ބައެއް އިސް ބޭފުޅުންގެ ވިޔަފާރި މަސްލަހަތާ އެކަން ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް ދެކެއެވެ. އެ ތުހުމަތު ކުރެވޭ ސަބަބުތައް ވެސް އެބަހުއްޓެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓް ހަދާ އެއް ލެބޯޓަރީގެ ހިއްސާދާރުންގެ ތެރޭގައި ޓެގް ޓީމުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އެކަން ރައްޔިތުންނަށް އެނގި އެ ވާހަކަތައް ބޭރުވުމުގެ ކުރީން އެ ބޭފުޅުން ތިއްބެވީ ނަމެއްގައި އެ ކުންފުނިތަކުން ދުުރުވެގެނެވެ. ނަމަވެސް އެކަމުން ޝައްކުވީ އިތުރެވެ.

މިދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދިއުމަށާއި ބައެއް ރަށްތަކާއި ރިސޯޓްތަކަށް ދިއުމަށް އެތައް ބަޔަކު ކޮންމެ ދުވަހަކު ބޮޑު އަގުގައި ޕީސީއާރު ޓެސްޓް ހައްދަމުން ގެންދިޔައެވެ. އެކަމުގެ ސަބަބުން އެ ވިޔަފާރީގައި އުޅެމުން ދިޔަ މީހުންނަށް އެކަންވީ ވަރަށް ބޮޑު އާމްދަނީ އެއް ލިބެމުން އައި ކަމަކަށެވެ. ފުރަތަމަ ކޮޅު 1،500 އިން ފެށި ޕީސީއާރު ނަތީޖާ މިއަދު ހައެއްކަ ސަތޭކަ ރުފިޔާގައި ހުރި ނަމަވެސް މިއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި މިހާ އަގު ބޮޑު ޓެސްޓެއް ވެސް ނޫނެވެ. އަގު ބޮޑުކޮށް ޓެސްޓް ހެދޭ ގައުމުތަކުގައި ވެސް ހާލަތު ހުރީ ރާއްޖޭގައި ހުރި މިންގަނޑުގަ އެވެ. އެ ގައުމުތަކުގައި ވެސް ޕީސީއާރު މަޖުބޫރުކޮށް ޓެސްޓްތައް އިތުރު ކުރުމުގެ ފަހަތުގައި ތިބީ އެ ވިޔަފާރިން މަންފާ ލިބޭ ސިއްހީ ދާއިރާގެ ނުފޫޒު ގަދަ މީހުންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މީގެ ކުރީން އެޅި އެއްވެސް ފިޔަވަޅެއް ނާޅާ އަދި ވަރަށް އާދައިގެ ގޮތަކަށް އެޗްޕީއޭ އާއި އެޗްއީއޯސީގެ މަސައްކަތްތައް ހިންގުމަށް ފަހު މިފަދަ ދަނޑިވަޅެއްގައި އެތައް ބަޔަކު މާލެއިން ރަށްރަށަށް ދަތުރުކުރަން ތައްޔާރުވެފައި ވަނިކޮށް ޕީސީއާރު ހަދަން މަޖުބޫރު ކުރުވުމުން ރައްޔިތުންނަށް އެކަންވީ ވަރަށް ބޮޑު ތަކުލީފަކަަށެވެ. އެހެން ކަމުން ހިލޭ ޕީސީއާރު ޓެސްޓް ހެދޭ ސެންޓަރުގައި ދިގު ކިއުތައް ދަމާލަން ނެގީ ދެތިން ގަޑިއިރެވެ. ބައެއް މީހުން ހަތަރު ފަސް ގަޑިއިރު ކިއުގައި ތިބެގެން ވެސް ޕީސީއާރު ޓެސްޓަށް ސާމްޕަލް ނެގިއެވެ.

އެހެން ދިމާވީ ހިލޭ ޓެސްޓް ހެދެން އޮތީ ސޯޝަލް ސެންޓަރުގައި އެކަނި ކަަމަށްވާތީ އެވެ. އެތަނުގައި ކިއު ޖެހި އެތައް ގަޑިއިރެއް ހޭދަކޮށް ސާމްޕަލް ނެގުމުން ފުރަންވާއިރަށް ނަތީޖާ ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނޯންނާނެ އެވެ. އެހެންވީމަ އެންގުން އައި ވަގުތު ފުރަން ވަގުތު ކުޑަތަން ވެފައިވާ މީހުންނަށް މަޖުބޫރުވީ ކްލިނިކްތަކަށް ގޮސް ބޮޑު އަގުގައި ޓެސްޓްތައް ހަދާށެވެ.

އެ ތަންތަނުން ވަރަށް ފަސޭހަކޮށް ސާމްޕަލް ނެގެއެވެ. ހިލޭ ސެންޓަރުން ދެ ނޭފަތާއި އަނގައިން ސާމްޕަލް ނަގާއިރު ބައެއް ފަހަރު މީހާގެ ދުވަސް ހުންނަނީ ގޮސްފަ އެވެ. އަގު ބޮޑު ކްލިނިކް ތަކުން އެހެން ނުވެއެވެ. ބައެއް ފަހަރު އެންމެ ނޭފަތަކުން އަދި ކަރުގައި ކިރިޔާ ޖެހޭ ހަމައިން ސާމްޕަލް ނަގައިދެ އެވެ. ހިލޭ ސެންޓަރުން ނަތީޖާ ލިބެން 24 ގަޑިއިރު ހޭދަވީ ނަމަވެސް ކްލިނިކްތަކުން ހައެއްކަ ގަޑިއިރުތެރޭ ނަތީޖާ ދޫކުރެއެވެ. އަދި އެއަށްވުރެ ވެސް އަވަސް ކޮށްދެ އެވެ. ނެގެޓިވް ނަތީޖާ ބޭނުން މީހުންނަށް އެކަން ކޮށްދޭ ކަމުގެ ތުހުމަތުވެސް އޮވެއެވެ. ޓެސްޓް ނުކޮށް އެފަދަ ނަތީޖާ ހޯދި މީހުން އެ ވާހަކަ ދައްކަން ވެސް ދައްކައެވެ.

މި ހުރިހާ ކަމެއް މިހެން އޮއްވާ ކުއްލި އިއުލާނަކުން ދަތުރުވެރިންނަށް ކޮވިޑް ޓެސްޓް ހަދާ ނެގެޓިވް ނަތީޖާއަކާއެކު ނޫނީ ދަތުރު ނުކުރެވޭނެ ކަމަށް ބުނުމުން ރައްޔިތުން ރުޅި ގަދަވާނެ އެވެ. ޝައްކުތަކާއި ސުވާލުތައް އުފައްދާނެ އެވެ. ކޮވިޑް ޓެސްޓް ހަދަން މަޖުބޫރު ކުރުވަނީ ވަކި ބަޔަކަށް މާލީ މަންފާ ހޯދައިދޭންތޯ ސުވާލު ކުރާނެ އެވެ.

އެ ޝަކުވާ އާއި ތުހުމަތު އަދި ސުވާލުތައް ބޮޑުވުމުން މީގެ ކުރީންވެސް ޓެގް ޓީމުގެ އެ ތުހުމަތު އޮތް ބޭފުޅުން މަންޒަރުން ގެއްލުނީ އެވެ. މަގާމުގައި ހުންނެވީ އެވެ. އަދި ވިޔަފާރި ފުޅާކޮށްލީ އެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮވިޑް ޓެސްޓަށް ނެގި ފައިސާއިން ލިބުނު ބޮޑު މުއްސަނދި ކަމުގައި އެފަދަ ބައެއް ބޭފުޅުން އިތުރު ވިޔަފާރިތައް ފައްޓަވައިފި އެވެ. ރިސޯޓްތަކުން ހިއްސާ ގަތުމާއި ހަމައަށް މުއްސަދިވެ ތަނަވަސްކަން ބޮޑުވެފައިވާ ބޭފުޅުން ވެސް އެބަތިއްބެވެ.

އެ ތުހުމަތުތަކުގެ އަޑު ގަދަވެ އެ ވާހަކަތަކުގެ ބާރު ގަދަވުމުން ކޮވިޑަށް ޓެސްޓް ކުރެވޭނެ ދެ ސެންޓަރެއް ވަރަށް އަވަހަށް އަވަހަށް ތައްޔާރު ކޮށްލައިފި އެވެ. އަދި ރޭ ހަތަރު ދަަމު ކަމާގުޅޭ އިދާރާތަކުން ގެންދިޔައީ އެ ސެންޓަރުތައް ފަޅަށް ހުރި ކަމަށް ބުނެ ފޮޓޯތައް އާންމު ކުރަމުންނެވެ. ބޭނުމަކީ ކުރީން އޮތް ތުހުމަތުތައް ދުއްވާލުން ކަމަށް ވެދާނެ އެވެ. އެކަންް އެހެން ނުވިޔަސް ކޮވިޑް ޓެސްޓް ހެދުން މިހާރު ކުރިއަށް ވުރެ ފަސޭހަވުމަކީ ރައްޔިތުންނަށް ފަސޭހައެކެވެ. ނަމަވެސް އެ ފަސޭހައަކީ ކުރީން ހަދާފައިވާ ބޮޑު ގޯސް މަތިން ރައްޔިތުން ހަދާން ނެތޭނެ ކަމެއް ނޫނެވެ. އަދި ކުއްލި ގޮތަކަށް މިފަހަރުވެސް ކޮވިޑް ޓެސްޓް މަޖުބޫރުކޮށް ކުރާން އުޅުނު ކަންކަން ފޮރުވޭނެ ކަމެއްވެސް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.