ދުނިޔެ

އައިއެސް އާއި އަލްގާއިދާ އަކީ މާ ރަނގަޅު ބައެއްތަ؟

ޓެރަރިސްޓް ޖަމާއަތް އަލްގައިދާ އާއި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ހީވަނީ ބިންމަތީގައި ލެއްވި ހުރިހާ މުސްލިމުންގެ ބެލެނިވެރިޔަކީ އެމީހުން ކަމަށެވެ. ފަހަރެއްގައި އަލްގައިދާ އަކީ މުސްލިމުންގެ މަންމަ އެވެ. އައިއެސް އަކީ ހުރިހާ މުސްލިމުންގެ ބައްޕަ އެވެ.

މިހެން ކިޔާފައި "އިސްލާމީ ހިލާފަތެއް" އިއުލާނުކޮށް ހުރިހާ މުސްލިމުންނަށް ބާރުފޯރުވަން މަސައްކަތްކުރަނީ އެވެ. ދެން ތިބެގެން ކުށްވެރި މި ކުރަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކެވެ. އެންމެ ގިނައިން މުސްލިމުން ނުވަތަ އެހެން މީހުން ވެސް މަރަނީ އެމެރިކާ ކަމަށް ބުނެ އަޑު އުފުލަނީ އެވެ. 

ނަމަވެސް ކަން އޮތް ގޮތަށް ބަލާލާއިރު އެމެރިކާ އެކޭ މި އުޅޭ އަލްގައިދާ އެކޭ އެއްވެސް ތަފާތެއް ނެތެވެ. އެމެރިކާ އެކޭ އައިއެސް އެކޭ ވެސް ތަފާތެއް ނެތެވެ.

ހަގީގަތަކީ މިއެއް ނޫނެވެ. އެމެރިކާ އިން އާންމުކޮށް މި ހަމަލާ ދެނީ މުސްލިމުންނަށެވެ. ޕާކިސްތާނާއި އިރާގާއި އަފްޣާނިސްތާނާއި ސީރިއާ ފަދަ ގައުމުތަކުގައި މުސްލިމުން މަރާ ކަމަށް އެމެރިކާ މަޝްހޫރެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމެރިކާ އަށް ވުރެ އަލްގައިދާ އާއި އައިއެސްގެ އަނިޔާވެރިކަން މި ދުނިޔެ އަށް އަދި އިންސާނީ ނަސްލަށް ވެސް ބޮޑުވެއްޖެ ކަމެވެ. މި ވެރިން މި ވަނީ މީހުން މަރައި ކަތިލުމުގައި ހައްދުފަހަނަޅައި ގޮސްފަ އެވެ. އެމެރިކާ އިން މުސްލިމުން މަރާ ކަމަށް ބުނެ އަޑު އުފުލާއިރު އެންމެ ގިނައިން ފާޅުގައި މުސްލިމުން މަރާ ބަޔަކީ އަލްގައިދާ އާއި އައިއެސް އެވެ.

އަލްގައިދާ އާއި އައިއެސްއޭ ކިޔުނު މި ދެ ޖަމާއަތުން ދަނީ މުސްލިމުންނާ އެކު ދެން ވެސް ލެއްވި ހުރިހާ ދީނެއްގެ ބަޔަކު ކަތިލައި ނަގަމުންނެވެ. މިއީ އެމެރިކާ އާއި ޔޫރަޕްގެ ނުބައި ނުލަފާ ގައުމުތަކުން ވެސް ނުފެންނަ ވަރުގެ ސިފަ އެކެވެ.

މިސާލަށް އަލްގައިދާ އިން މިފަހުން ފްރާންސްގެ ހަފުތާ މަޖައްލާ އަކަށް ދިން ހަމަލާ އަކީ ވެސް އެމީހުންގެ އަނިޔާވެރިކަން ތަމްސީލުކޮށްދިން އަމަލެކެވެ. އެ ހަމަލާގައި ބައިވެރިވި އަލްގައިދާގެ ދެ ވަފާތެރިން ގޮސް އެންމެ ފުރަތަމަ ވެސް މަރާލީ މުސްލިމެކެވެ.

އެކަމަކު މި ހަމަލާ ދިނުމަށް ފަހު އޭގެ ޒިންމާ އުފުލުމަށް އަލްގައިދާގެ ޔަމަން ގޮފިން އާންމުކުރި ވީޑިއޯގައި އެ ސަރަހައްދުގެ ބޮޑު ޓެރަރިސްޓް، ނަސީރު އިބްނު އަލީ އަލް އަންސީ ބުނީ މުސްލިމުންގެ ލޭ އޮހޮރުވުމަކީ އެމެރިކާ އާއި ހުޅަނގުން އެކަނި ކަމަށެވެ. އެހެންވީމަ މުސްލިމުން ކަތިލައި ހުސްކުރަމުން އަންނަ ހުޅަނގާ ދެކޮޅަށް ހުރިހާ މުސްލިމުން ނުކުމެ ހަނގުރާމަކުރުމަށް ވެސް އޭނާ ގޮވާލި އެވެ.

އެހެންވީމަ އަލްގައިދާހާ ނުބައި ނުލަފާ ބަޔަކު އަޅެ ފަހެ ކޮބައި ހެއްޔެވެ؟ މުސްލިމުން ކަތިލުމަށް ފަހު މި ބުނަނީ މުސްލިމުން މަރައި ހުސްކުރަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ކަމަށެވެ. މިހެން ބުނާއިރު، އަލްގައިދާ އާއި ތާލިބާނުންނާއި އައިއެސް އިން މި ދަނީ ތައުލީމު އުނގެނެން މަދަރުސާ އަށް ދާ މުސްލިމު އަންހެން ކުއްޖާ އަށް ވެސް މަރުގެ އިންޒާރު ދެމުންނެވެ.

މުސްލިމު ޑޮކްޓަރު މީހާ އާއި ނަރުސް މީހާ އާއި ހިޔާލު ތަފާތުވާ ދީނީ އިލްމުވެރިޔާ ވެސް މަރާލަނީ އެވެ. އަދި އެމީހުންގެ ފިކުރަށް ނޫން އެހެން ފިކުރަކަށް ތަބާވާ އެކި މަޒުހަބުތަކުގެ މުސްލިމުން ވެސް ކަތިލައި އެމީހުންގެ ތަންތަނަށް ވެސް ގެއްލުން ދެނީ އެވެ.

އެއަށް ފަހު މި ބުނަނީ އެމެރިކާ އިން ޕާކިސްތާނަށް ދިން ޑްރޯން ހަމަލާއެއްގައި މިވެނި އެވެނި އަދަދަކަށް މުސްލިމުން މަރުވެއްޖެ ކަމަށެވެ.

ރައްދުގައި އެމެރިކާ އާއި ހުޅަނގުގެ މީހުން މެރުމަށް އަލްގައިދާ އާއި އައިއެސް ފަދަ ޖަމާއަތްތަކުގެ ހަތިޔާރު އެޅި މީހުން ނުކުމެ މި ގޮއްވާލަނީ މުސްލިމުން ނަމާދަށް އަރާ މިސްކިތެކެވެ. ކޮމްބެޓިން ޓެރަރިޒަމް ސެންޓާ އެޓް ވެސްޓް ޕޮއިންޓް އިން 2009 ވަނަ އަހަރު ނެރުނު ރިޕޯޓަކުން ވެސް ދައްކާ ގޮތުން މިފަދަ ޖަމާއަތްތަކުން ދޭ ހަމަލާތަކުގައި މަރުވާ ހުޅަނގުގެ ކާފަރުންނަށް ވުރެ މުސްލިމުންގެ އަދަދު މާ ގިނަ އެވެ.

އެ ރިޕޯޓް ދައްކާ ގޮތުން 2004 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދު އަލްގައިދާ އިން ދިން ހަމަލާތަކުގައި މަރުވި ހުޅަނގުގެ ކާފަރުންގެ އަދަދަކީ އެންމެ 12 ޕަސެންޓެވެ. ދެން ތިބީ މުޅިން ވެސް މުސްލިމުންނެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަމަލާތަކަކީ ސީދާ އަލްގައިދާ އިން އަމިއްލަ އަށް ޒިންމާ ނަގާފައިވާ ހަމަލާތަކެވެ.

އަލްގައިދާގެ ބާރު މިހާރު އެންމެ ގަދަ ކަމަށް ވަނީ ޕެރިހަށް ވެސް ހަމަލާ ދިން ހަނގުރާމަވެރިން އުފެއްދި ޔަމަނުގަ އެވެ. ޔަމަނަކީ މުސްލިމުންގެ 99 ޕަސެންޓް އާބާދީއެއް ގައުމަކަށްވާއިރު މި ގައުމުގައި ކޮންމެ ދުވަހަކީ ވެސް އަލްގައިދާ އިން ހަމަލާ ދޭ ދުވަހެކެވެ. ގައުމުގެ އާބަދީ 65 ޕަސެންޓަކީ ސުންނީންނެވެ. ޝިއައީންނަކީ 35 ޕަސެންޓެވެ.

އެހެންވީމަ ޔަމަނުގައި އަލްގައިދާ އިން ދޭ ކޮންމެ ހަމަލާއެއްގައި ވެސް މުސްލިމުން މަރުވުމުގެ ޕަސެންޓް ވަރަށް ބޮޑެވެ. އޭގެ އެއް ހެއްކަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވާދަވެރި އެހެން ގްރޫޕެއްގެ ލީޑަރަކު މަރާލަން އަލްގައިދާ އިން ދިން ބޮމުގެ ހަމަލާއެކެވެ. އެ ހަމަލާގައި މަރުވީ 15 ކުދިންނާއި 10 މީހެކެވެ.

އެއަށް ފަހު ޔަމަނުގައި ކުރިއަށް ދިޔަ މުޒާހަރާއަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ވެސް އަލްގައިދާ އިން 47 މީހަކު މަރާލާއިފައިވެ އެވެ. އަދި 2013 ވަނަ އަހަރު ޔަމަންގެ ހޮސްޕިޓަލަށް އަލްގައިދާ އިން ހަމަލާއެއްގައި 52 މީހަކު މަރާލާފައިވެ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ބަލި މީހުން ހިމެނެ އެވެ.

މި ހުންނަނީކީ އޮޅިގެން ދެވޭ ހަމަލާތަކެއް ނޫނެވެ. ގަސްދުގައި ދޭ ހަމަލާތަކެވެ. އަދި ޒިންމާ ވެސް ނަގާފައިވާ ހަމަލާތަކެވެ.

އައިއެސްގެ ހާލަކީ ވެސް ހަމަ މިއީ އެވެ. އދ. އިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއް ދައްކާ ގޮތުން އެމެރިކާ އިން މެރި މުސްލިމުންނަށް ވުރެ އައިއެސް އިން މެރި މުސްލިމުންގެ އަދަދު މާ ގިނަ އެވެ. އައިއެސް އިން ކުރިއަށް ގެންދަނީ ސުންނީންނާއި ޝިއައީން ކަތިލުމުގެ ކެމްޕޭނެކެވެ.

އެންމެފަހުން މި ހަނގުރާމަވެރިންގެ ކުރިމަތީގައި ބަތަލުންނަކީ ވެސް މުސްލިމުން މަރާ އެމީހުންގެ ބައިވެރިންނެވެ. ޕެރިހަށް ހަމަލާ ދިން މީހުންނަކީ އަލްގައިދާގެ ކުރިމަތީގައި ދެ ބަތަލުންނެވެ. 

މިގޮތަށް ހައްދުފަހަނަޅައި ގޮސް ހަލާކުވެފައި ވަނީ އަލްގައިދާ އާއި އައިއެސް އާއި ތާލިބާނުން އެކަންޏެއް ނޫނެވެ. އެފްރިކާގައި ހަމަނުޖެހުން އުފައްދަމުން އަންނަ ބޯކޯ ހަރާމަކީ ވެސް އިސްލާމުންގެ ނަމުގައި ނުކުމެ މުސްލިމުން މަރަމުން ގެންދާ ގްރޫޕެކެވެ. އެމީހުން އެންމެ ގިނައިން ހަމަލާ ދެނީ ކިޔަވަން ދާ މުސްލިމުން އަންހެން ކުދިންނަށެވެ.

އެހެންވީމަ މި ހުރިހާ ކަމަކަށް ބަލާލާއިރު މުސްލިމުންގެ ހިމާޔަތުގައި ކަމަށް ބުނެ ނުކުމެފައިވާ ހައްދުފަހަނެޅި ގްރޫޕްތައް އެމެރިކާ އަށް ވުރެ ސަހަލު ހެއްޔެވެ؟ މުސްލިމުން ދިފާއުކުރަން ނުކުތް މީހުންގެ ހަމަލާތައް މިއަދު އަމާޒުކޮށްފައި ވަނީ ދެން ތިބި މުސްލިމުންނަށެވެ. މުސްލިމުން ނުކުމެ މުސްލިމުން ކަތިލާ ނަމަ ދުވަހަކު ވެސް މުސްލިމުންނަށް ކުރި ލިބޭނެ ހެއްޔެވެ؟