ޕެޕް ގާޑިއޯލާ

ގާޑިއޯލާ ކްލަބް ކޯޗިން ދޫކޮށްލަނީ

ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ލިސްޓުގެ ކުރީ ސަފުގައި ހިމެނޭ ޕެޕް ގާޑިއޯލާ އޭނާގެ ކޯޗިން ކެރިއާ ނިންމާލަން އޫޅެ ކަމަށް ބުނެފި އެވެ.

ގާޑިއޯލާ ބުނީ މިހާރު މެންޗެސްޓާ ސިޓީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ކޯޗިން ކެރިއަރު ދޫކޮށްލަން ވިސްނާ ކަމަށެވެ. "މި ކްލަބާއެކު ހަތް އަހަރު ހޭދަ ކުރުމަށް ފަހު މިހާރު އަހަރެން ހިތަށް އަރަނީ ބްރޭކެއް ނަގަންވީއޭ" ގާޑިއޯލާ އިތުރަށް ބުންޏެވެ. ގާޑިއޯލާއާއެކު ސިޓީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ގަ އެވެ.

މެންޗެސްޓާ ސިޓީ ދޫކޮށްލުމަށް ފަހު ފުރުސަތު ލިބިއްޖެ ނަމަ ގައުމީ ޓީމެއްގެ ކޯޗުކަން ކުރަން ބޭނުންވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އަދި ވަކިން ހާއްސަކޮށް ޔޫރަޕިއަން ޗެމްޕިއަންޝިޕް، ކޮޕަ އެމެރިކާ ނުވަތަ ވޯލްޑް ކަޕްގައި ޓީމަކަށް ކޯޗުކަން ކޮށްދެން ބޭނުންވާ ކަމަށް ގާޑިއޯލާ ބުންޏެވެ.

ޒުވާން ދުވަސްވަރުގައި ގާޑިއޯލާއަކީ މޮޅު ކުޅުމެއް ދައްކާފައިވާ ޑިފެންސިވް މިޑްފީލްޑަރެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ގާޑިއޯލާ އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަ ކުރީ ބާސެލޯނާގަ އެވެ. އޭގެ ފަހުން ބާސާގެ ބީ ޓީމަށް ކުޑަ ދުވަސްކޮޅަކު ކޯޗުކަން ކޮށްދިނުމަށް ފަހު އޭނާ ވަނީ ބާސާގެ ސީނިއާ ޓީމާއި ހަވާލުވެފަ އެވެ.

ބާސާގެ ޓީމާއި 2008 ވަނަ އަހަރު ހަވާލުވި ފަހުން ގާޑިއޯލާ ވަނީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެގޮތުން ހަތަރު އަހަރަށް ފަހު ބާސާ އާއި ގާޑިއޯލާ ވަކިވިއިރު، އޭނާ ވަނީ ބާސާ އާއި އެކު 14 އެވާޑް ހޯދާފަ އެވެ. ގާޑިއޯލާ އަކީ ބާސާގެ ތާރީހުގައި ވެސް އެއް ކޯޗަކު އެންމެ ގިނަ ކާމިޔާބި ހޯދައިދިން ކޯޗެވެ.

އޭގެ ފަހުން 2013 ބަނަ އަހަރު ބަޔާން މިއުނިކާއި ގުޅި އެޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު ގާޑިއޯލާ ސިޓީ އާއި ހަވާލުވީ 2016 ވަނަ އަހަރު އެވެ.