މެންޗެސްޓާ ސިޓީ

ހާލަންޑުގެ މުސާރަ ބޮޑުކުރަނީ

މެންޗެސްޓާ ސިޓީގެ ތަރި އާލިން ބްރައުޓް ހާލަންޑަށް މުސާރަ ބޮޑުކޮށްދީ، އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ކްލަބުން މަސައްކަތް ފަށައިފި އެވެ.

އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ސިޓީން ބޭނުންވަނީ ހާލަންޑްގެ މިހާރުގެ ކޮންޓްރެކްޓަށް އިތުރު ދެ އަހަރު އިތުރުކުރާށެވެ.

އާ ކޮންޓްރެކްޓްގެ ދަށުން ހާލަންޑް ވެގެންދާނީ ޕްރިމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ.

މިހާރު އޭނާއަށް ހަފްތާއަކު 375،000 ޕައުންޑް (500،000 ޑޮލަރު) ލިބެ އެވެ. މިވަގުތު އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަކީ ހަފްތާއަކު 425،000 ޕައުންޑް (560،000 ޑޮލަރު) ލިބޭ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އެވެ.

ސިޓީން މި މަސައްކަތް ފަށާފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާއިން ހާލަންޑަށް ހުށަހެޅުންތަކެއް ހުށަހެޅުމުގެ ފުރުސަތު އޮތުމުންނެވެ. ސްޕޭންގެ މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބާސާ އަދި ރިއާލުންވެސް ގެންދަނީ ހާލަންޑަށް ފާރަލަމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހާލަންޑް އަންނަނީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއަށް ތަފާތު ކުޅުމެއް ދައްކަމުންނެވެ. އޭނާ ދޫކޮށްލަން ޕެޕް ގާޑިއޯލާ ބޭނުން ނުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. ކިތަންމެ ބޮޑު ހަރަދެއް ކޮށްގެންވެސް ސިޓީގައި ހާލަންޑް ބެހެއްޓުމަކީ ގާޑިއޯލާ އަދި ސީޓީ އިން މިވަގުތު ބޭނުންވާ ގޮތް ކަމަވެސް ވެއެވެ.

ހާލަންޑްގެ ހުނަރުވެރިކަމަށް ބަލާއިރު އޭނާ ވަނީ ޕްރިމިއަ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހެޓްރިކް ހަދާފަ އެވެ. އަދި ދެ އަހަރު ތެރޭގައި ސިޓީއަށް 11 ހެޓްރިކް ހަދައިދީފައިވެ އެވެ. ލީގުގައި ކުޅުނު 69 މެޗުން 70 ލަނޑު ޖަހާފައިވާއިރު ޖުމްލަ 102 މެޗުން 97 ލަނޑު ޖަހައިދީފައިވެ އެވެ.