ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދާ ގުޅުމަށް ކެވިން ޑިބްރޫނާ އެއްބަސްވެފައި ނުވާ ކަމަށް އެންމެ އިތުބާރު ހިފޭ އެއް ކުޅިވަރު ޖާނަލިސްޓް، ފަބްރިޒިއޯ ރޮމާނޯ ބުނެފި އެވެ.
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ވަނީ ފަހުން މިކަން އިތުރަށް ކަށަވަރުކޮށްދީފަ އެވެ.
ޑިބްރޫނާ ސިޓީގައި މަޑުކުރުމަށް ނިންމައިފައިވާ ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ. އަދި ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ޑިބްރޫނާ ބަދަލުވާ ވާހަކަތަކަކީ ރޯ ބުހުތާނު ދޮގު ކަމަށާއި މީޑިއާ ޒިންމާދާރުވާން ޖެހޭ ކަމަށް ބުނެ އިނގިރޭސި މީޑިއާ އަށް އޭނާގެ ބަހުގެ ހަމަލާތަކެއް ދީފައި ވެއެވެ.
އުމުރުން 33 އަހަރުގެ ޑިބްރޫނާ މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ ފަހު އަހަރުގެ ދުވަސްތައް މިހާރު ދަނީ ގުނަމުންނެެވެ. ޑިބްރޫނާ ސައުދީ އަރަބިއްޔާގެ ލީގަށް ބަދަލުވާން އުޅޭ ކަމަށް ވާހަކަތަކެއް ދެކެވޭތާ ދުވަސްތަކެއްވީ ނަމަވެސް އިއްތިހާދު ސްޓޭޑިއަމް ދޫކޮށްލަން އެއްބަސްވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސިޓީން ބުނެ އެވެ.
މިއަހަރުގެ ކުރީކޮޅު ޑިބްރޫނާ ބުނެފައިވަނީ ގިނަ އަދަދެއްގެ ފައިސާ އާލް އިއްތިހާދުން އޭނާއަށް ހުށަހަޅާފައިވާއިރު އެހާ ގިނަ އަދަދެއްގެ ފައިސާއަށް ދެކޮޅު ހެދުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ.
"އަހަރެންގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެއް އަހަރު. އެހެންވެ ވެދާނެ ގޮތަކާ މެދު ވިސްނަން ޖެހޭ،" އޭރު އޭނާ ބުންޏެވެ.
"އަހަރެންގެ ދޮށީ ދަރިފުޅުގެ އުމުރުން މިހާރު އަށް އަހަރު ވެފައިވާއިރު އޭނާއަށް އިންގްލެންޑު ނޫން އެހެން އެއްޗެއް ނޭނގޭ. އޭނާވެސް އަހަނީ އަހަރެން މެން ސިޓީއަށް ކުޅޭނީ ކިހާ ދުވަހަކުތޯ. އެވަގުތު އައުމާއެކު އަހަރެމެންނަށް ޖެހޭނީ ވަކި ގޮތަކަށް އެކަމާ ކުރިމަތިލާން،"
ވަރަށް ގިނަ އަދަދެއްގެ ނޫސްތަކުގައި ޑިބްރޫނާ ސައުދީގެ އަލް އިއްތިހާދަށް ބަދަލުވާން އެއްބަސްވި ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.
އިނގިރޭސި މީޑިއާ -- ޑެއިލީ މެއިލް އިން ވެސް ވަނީ ޑިބްރޫނާ ސައުދީއަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓް ކޮށްފަ އެވެ