ކުޅިވަރު

ހާލަންޑަށް އާސެނަލް މެޗުގައި ނުކުޅެވޭނެ؟

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އިން 1-3 އިން އެސްޓަން ވިލާ ބަލިކުރި މެޗުގައި އާލިން ބްރައުޓް ހާލަންޑަށް އަނިޔާވެ ކުރިއަށް އޮތް އާސެނަލް މެޗުގައި ކުޅެވޭނެ ކަމާ މެދު ޝައްކު އުފެދިއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފަށް ފަހު، ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހާލަންޑްގެ ބަދަލުގައި އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ކުޅެން އަރުވާފަ އެވެ.

ފުރަތަމަ ހާފުގައި ސިޓީ ތިން ގޯލުގެ ލީޑެއްގައި އޮއްވައި ހާލަންޑް ބަދަލުކުރުމުން ގަބޫލުކުރެވުނީ ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ އާސެނަލްއާ ދެކޮޅަށް ކުޅުމުގެ ކުރިން ހާލަންޑަށް އަރާމުކުރަން ފުރުސަތުދިނީ ކަމަށެވެ. އެކަމަކު މެޗަށް ފަހު ގާޑިއޯލާ ބުނީ ހާލަންޑް ބަދަލުކުރީ ކުޑަ އަނިޔާއެއް ވުމުން ކަމަށެވެ.

"ހާލަންޑް ބަދަލުކުރީ ކުޑަ އަނިޔާއެއްވެ މެޗު ކުޅެން އުނދަގޫވުމުން. ހާފް ޓައިމްގައި އަހަރެން ޑޮކްޓަރުންނާ ވާހަކަދެއްކިން. ޑޮކްޓަރުން ބުނީ ތިން ގޯލުގެ ލީޑެއް އޮތުމާއެކު ދެވަނަ ހާފުގައި ރިސްކަކަށް ހާލަންޑް ނާރުވަން. އެހިސާބުން އަހަރެން އެކަމަށް އެއްބަސްވީން" މެޗަށް ފާހު ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ބޮޑު ލީޑެއް ނެތްނަމަ ފަހަރެއްގަ ހާލަންޑް ރޭގެ މެޗުގައި ބަދަލުނުކުރާނެ ކަމަށެވެ. ހާލަންޑަށް ލިބުނީ އަނިޔާއެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ތަފްސީލް އެނގޭނީ މެޗަށް ފަހު ހާލަންޑްގެ ހާލަތު އިތުރަށް ބެލުމުން ކަމަށް ގާޑިއޯލާ ބުންޏެވެ.

"އުއްމީދަކީ ބުދަ ދުވަހުގެ މެޗުގައި ހާލަންޑަށް ކުޅެވުން. އެކަމަކު ހާލަންޑް ރަނގަޅަށް ފިޓް ނުވާނަމަ އާސެނަލް މެޗުގައި ނުކުޅުވާނަން" ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރޮޑްރީ އާއި އިލްކާއީ ގުންޑޮގަންގެ އިތުރުން ރިޔާދު މާރޭޒް އެވެ. މެޗުގައި މާރޭޒް ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ. އަދި، ގުންޑޮގަން ގޯލު ޖެހީ ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ހާލަންޑް ވަނީ މި ސީޒަނުގެ ލީގުގެ 25 ގޯލު ޖަހައިފަ އެވެ. އާސެނަލްއާ ދެކޮޅަށް ނުކުންނަ މެޗަކީ ސިޓީ އަށް ލީގުގެ އެއްވަނަ އަށް އަރަން މުހިއްމު މެޗެވެ. މިވަގުތު 51 ޕޮއިންޓާ އެކު އާސެނަލް އެއްވަނައިގައި އޮތްއިރު ސިޓީ އޮތީ 48 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. ބުދަ ދުވަހުގެ ރޭ އާސެނަލް ދަނޑުގައި އެޓީމު ބަލިކޮށްގެން ސިޓީ އަށް އެއްވަނަ މަގާމް ލިބޭނެ އެވެ. އެކަމަކު އޭރު ސިޓީ އޮންނާނީ އާސެނަލަށް ވުރެ އެއްމެޗު އިތުރަށް ކުޅެފަ އެވެ.

"އެޓީމު (އާސެނަލް) އޮތީ އެއްމެޗު މަދުން ކުޅެފަ. އެހެންވީމަ އަހަރެމެން ބަލާނީ މިހާރު މިއޮތީ ހަ ޕޮއިންޓް ފަހަތުގައި ކަމަށް. ލަންޑަނަށް އަހަރެމެން ދާނީ ސިޓީގެ ގޭމް ކުޅެ މެޗުން މޮޅުވާން" އާސެނަލް މެޗާ ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.

ލީގުގައި އާސެނަލް މި ހަފްތާ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގާޑިއޯލާ ބުނީ އާސެނަލަށް ޕޮއިންޓް ގެއްލުމުން އެސްޓަން ވިލާ ބަލިކޮށް ކުރިއަށްދާން އެޓީމަށް ހިތްވަރު ލިބުނު ކަމަށެވެ.

އާސެނަލްއާ ދެކޮޅަށް ކުޅޭ ބޮޑު މެޗަށް ތައްޔާރުވާއިރު އެޓީމުގެ އެއްވަނަ ފޯވާޑް ހާލަންޑަށް ނުކުޅެވޭނަމަ، އެއީ ސިޓީ އަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. އެކަމަކު ގާޑިއޯލާގެ ވާހަކަތަކަށް ބަލާއިރު އެ މެޗުގައި ހާލަންޑް ފެނުމުގެ ފުރުސަތު އެބައޮތެވެ.