އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވުލްވްސް 0-3 އިން ބަލިކޮށް މެންޗެސްޓާ ސިޓީ އިން ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެ ޕޮއިންޓަށް ކައިރިކޮށްފި އެވެ.
އާސެނަލަށް 47 ޕޮއިންޓް ލިބިފައިވާއިރު ސިޓީ ދެވަނައިގައި އޮތީ 45 ޕޮއިންޓާ އެކު އެވެ. އެކަމަކު ސިޓީ އޮތީ އާސެނަލަށް ވުރެ ދެ މެޗު އިތުރަށް ކުޅެފަ އެވެ. އާސެނަލް މިރޭ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
ވުލްވްސް ކޮޅަށް ސިޓީގެ ތިން ގޯލު ވެސް ޖެހީ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ހާލަންޑް މި ސީޒަނުގައި ހެދި ހަތަރު ވަނަ ހެޓްރިކެވެ. އަނެއްކޮޅުން ޕްރިމިއާ ލީގުގައި ހާލަންޑް ޖެހި ގޯލުގެ އަދަދު މިހާރު ވަނީ 25 އަށް އަރައިފަ އެވެ. ސީޒަނުގައި ހާލަންޑް ވަނީ މިހާތަނަށް 31 ލަނޑު ޖަހައިފަ އެވެ.
ހާލަންޑް ހަތަރު ހެޓްރިކް ހެދީ އެންމެ 19 މެޗުންނެވެ. މީގެ ކުރިން އެންމެ މަދު މެޗު ކުޅެގެން ހަތަރު ހެޓްރިކް ލީގުގައި ހެދީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ރޫޑް ވަން ނިސްޓެރޫއީ އެވެ. ނިސްޓެރޫއީ އަށް ހަތަރު ހެޓްރިކް ހެދުނީ 65 މެޗުންނެވެ.
ސިޓީގެ ފުރަތަމަ ގޯލު ހާލަންޑް ޖެހީ 40 ވަނަ މިނެޓުގަ އެވެ. ކެވިން ޑި ބްރޭނާ ނަގައިދިން ހުރަސް ހާލަންޑް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. ދެވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ހާލަންޑް ވަނީ ދެވަނަ ލަނޑު ޖަހައިފަ އެވެ. މިއީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ހާލަންޑް މެޗުގައި ހެޓްރިކް ފުރިހަމަކުރީ 54 ވަނަ މިނެޓުގަ އެވެ. ރިޔާދް މާރޭޒް ދިން ބޯޅަ ހާލަންޑް ގޯލަށް ވައްދާލީ ހަމަޖެހިލާފައި ހުރެ އެވެ.
މިރޭ ކުޅުނު އަނެއް މެޗުގައި ލީޑްސް ޔުނައިޓެޑް ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިންނެވެ.
ލީގުގައި މިރޭ ކުޅޭ ބޮޑު މެޗުގައި އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗު ފަށާނީ 9:30 ގަ އެވެ.