ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކުގެ ޒިންމާ ހުރިހާ އެންމެންވެސް ނަގަންޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ސިޓީ މޮޅުވީ އެންމެ މެޗަކުންނެވެ.
ގަޑިއޯލާ ބުނީ ޓީމުގެ ދަށް ނަތީޖާތަކުގެ ޒިންމާ އާލިން ހާލަންޑް އެކަނި ނަގަން ނުޖެހޭނެ ކަމަށާއި އެ ޒިންމާ ހުރިހާ ކުޅުންތެރިން އެއްވަރަށް ނަގަންޖެހޭނެ ކަމަށެވެ.
މިވަގުތު ޕްރިމިއާ ލީގުގެ ހަތްވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މިއީ ގަޑިއޯލާގެ މުޅި ކޯޗިން ހަޔާތުގައި އޭނާ ކުރިމަތިލާން ޖެހުނު އެންމެ ދަށް ނަތީޖާތަކެވެ.
ލީގުގެ ފުރަތަމަ ފަސް މެޗުގައި ހާލަންޑް 10 ގޯލު ޖަހާފައިވީ ނަމަވެސް އެންމެ ފަހުން ކުޅުނު އަށް މެޗުގައި އޭނާއަށް ޖެހިފައިވަނީ ދެ ގޯލެވެ.
ގާޑިއޯލާ ބުނީ މިއީ ހާލަންޑް އެކަނި ނަގަންޖެހޭ ޒިންމާއެއް ނޫން ކަމަށާއި ލަނޑުތައް ނުޖެހެނީ މުޅި ޓީމުގެ ކުޅުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
ޕްރިމިއާ ލީގުގައި މާދަމާ އެވަޓަން އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ނިކުންނައިރު އެ ޓީމަށް ވަނީ އަނިޔާގެ މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. ލީގުގެ 15 ވަނައިގައި އެވަޓަން އޮތް ނަމަވެސް މި ސީޒަނުގައި އެ ޓީމުގެ ޑިފެންސްލައިން ފެންނަނީ ވަރަށް ވަރުގަދަ ކޮށެވެ. އެހެންކަމުން މި މެޗަކީ އަނެއްކާވެސް ސިޓީއަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ.