އެމްޑީޕީ

މަހްލޫފަށް ދެވަނަ ފުރުސަތު ވެސް ނުދިނީ ޝަރުތު ހަމަނުވާތީ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މާގަމުން އެކަހެރިކޮށްފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފަށް ދެވަނަ ފަހަރަށްވެސް ފުރުސަތު ނުދިނީ ޝަރުތު ހަމަނުވާތީ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިނިސްޓަރު މަހްލޫފަށް ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް އެންގުމުން ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި ޝަކުވާ ބަލައި ކޮމިޓީން އޭގެ ޖަވާބު ވެސް މަހްލޫފަށް މިހާރު ދީފައިވާނެ ކަމަށެވެ.

ހަސަން ވިދާޅުވީ މަހްލޫފް ޝަކުވާ ހުށަހެޅުމުން ވެސް އަމަލުކޮށްފައިވާނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ގުޅޭގޮތުން އަމަލުކުރާ އާންމު އުސޫލުން ކަމަށެވެ.

"ލިސްޓާ ގުޅޭ ޝަކުވާއެއް އޮތިއްޔާ ޝަކުވާ ހުށަހެޅީމަ ޝަކުވާ ބަލާ ކޮމިޓީން ބެލުމަށް ފަހު ޖަވާބެއް އެ ކެންޑިޑޭޓަކަށް އަރުވަނީ. އެރުވީމަ އެއާ ދެތެރޭ ހިތްހަމަޖެހިވަޑައި ނުގަންނަވާނަމަ އިސްތިއުނާފީ ފަޑިޔާރުންގެ މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޝަކުވާ ކޮމިޓީގެ ޖަވާބު މިހާރު މިނިސްޓަރު މަހްލޫފަށް އަރުވާފައި ވާއިރު ޖަވާބާ ދޭތެރޭގައި ހިތްހަމަޖެހިވަޑައި ނުގަންނަވާނަމަ އިސްތިއުނާފީ ފަޑިޔާރުންގެ މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އެ މަރުހަލާ ކަނޑައްތު ކުރުމުން ގާނޫނީ ގޮތުން އެކަން އޮތް ގޮތް ސާފުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފް ވަނީ އޭނާގެ ކެންޑިޑެސީ ބަލައިނުގެން މައްސަލަ އީސީ އަށް ހުށަހަޅުއްވާފަ އެވެ.

އެކަމުގައި ހަސަން ވިދާޅުވީ މަހްލޫފަށް ފިޔަވަޅު އެޅި ކޮމިޓީގެ ނިންމުންތަކުގެ ތަފްސީލް ލިޔުމުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިއްޔެގެ ވަގުތެއްގައި ސިޓީއަކުން އެދިފައިވާ ކަމަަށެވެ. ސިޓީގައިވާ މުއްދަތުގައި އީސީ އަށް ޖަވާބު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މާލެ ދާއިރާ އަށް ވާދަކުރައްވާ އަކްރަމް ކަމާލުއްދީން ވެސް ޝަކުވާ ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވި އެވެ. ނަމަވެސް ދެ ބޭފުޅުނަށް އެރުވި ޖަވާބު ތަފާތެވެ. މިކަމާ ގުޅޭގޮތުން ހަސަން ވިދާޅުވީ މި އިންތިހާބާއި ގުޅިގެން 24 އޭޕްރީލްގައި ގައުމީ ހިންގާ ކޮމިޓީން ކެޑިޑޭޓުންގެ ފުރިހަމަވާން ޖެހޭ ޝާރުތުތަކެއް ކަނޑަޅާފައި ވާނެ ކަމަށެވެ. އަދި ޝަރުތުތައް ފުރިހަމެވޭތޯ ބެލުމަށް ކޮމިޓީން މައްސަލަ ބަލައި މުއައްސަސާތަކަށް ކެންޑިޑޭޓުންގެ ނަންތައް ފޮނުވި ކަމަށް ވެސް ވިދާޅުވި އެވެ.

ކެންޑިޑޭޓުންގެ ނަންތައް ފޮނުވީ އެސެޓް ރިކަވަރީ ކޮމިޝަން، ޕޮލިސް، މަރު ކޮމިޝަން، އޭސީސީ އަދި ޕީޖީ އެވެ. ނަންތައް ފޮނުވުމަށް ފަހުގައި އިންތިހާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއްވެސް މައްސަލައެއް އޮތްތޯ ބެލުމަށް އެދުނު ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"މުއައްސަސާތަކުން ޖަވާބު ލިޔުމުން ފޮނުވި. އަދި ޖަވާބުތަކަށް ރިޔާއަތްކޮށް ނިންމުންތައް ނިންމާފައި ވާނީ އަޅުގަނޑުމެން. ޝަކުވާ ކޮމީޓިން ވެސް ނިންމުން ނިންމާފައިވަނީ މުއައްސަސާތަކުން ދިން ޖަވާބަށް."

ވަކި ބާވަތެއްގެ ކުށްތައް ކެންޑިޑޭޓުންނަށް ތުހުމަތުކޮށްފައި އޮތްތޯ ސާފުކުރި އިރު، މުއައްސަސާތަކުގައި އެ މައްސަލަ ހުރި ކަމަށް ބުނެފައި ހުރި ކެންޑިޑޭޓުން ޝަރުތު ހަމަ ނުވީ ކަމަށްވެސް ހަސަން ވިދާޅުވި އެވެ. އެއީ މަހްލޫފާއި އަކްރަމްގެ އޮތް ތަފާތު ކަމަށް ވިދާޅުވި އެވެ. އަދި އެ ދެ ބޭފުންނާއި ގުޅޭގޮތުން ނިންމުމެއް ނިންމިއިރު އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.