އަހުމަދު މަހްލޫފު

ހަސަން ލަތީފުގެ ފަރާތުން ފެނުނީ ލަދުވެތި ހަޑި ކަންތައްތަކެއް: މަހުލޫފް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ދިނުމަށް ނިންމި ނިންމުމަށް ފާޑުވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އަމަލު ކުރެއްވީ ވަރަށް ހަޑި އެހާމެ ލަދުވެތި ގޮތަކަށް ކަމަށް ވިދާޅުވެ މަހުލޫފް، ހަސަން ލަތީފަށް ފާޑުވިދާޅުވެއްޖެ އެވެ.

މަހުލޫފްގެ ފާޑުވިދާޅުވުން ހަސަން ލަތީފަށް އަމާޒު ކުރެއްވީ އަވަސް އިން މިއަދު ގެނެސްދިން "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަަކަފުޅުގައެވެ. އިންތިހާބުގެ ވޯޓް ނެގުން ވަރަށް ކައިރިވެފައިވަނިކޮށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ހަސަން ލަތީފް ވަނީ މަަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމި ނިންމުމާ މެދު ފާޅުގައި ދެކޮޅު ހައްދަވާފައެވެ. ވިދާޅުވީ އިސްތިއުނާފް ފަނޑިޔާރުންގެ ކޮމިޓީގެ ނިންމުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަހުލޫފް މިއަދު ވިދާޅުވީ ހަސަން ލަތީފު ކުރެއްވީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އިދާރީ އެންމެ އިސް މަގާމުގައި ހުންނަވައިގެން ބޭފުޅަކު ނުކުރައްވާނެހާ ހަޑި ކަމެއް ކަމަށެވެ. ހަސަންގެ އެ އަމަލަކީ އޭނާއާ ދެކޮޅަށް ކުރެއްވި "އެންޓި ކެންޕެއިން" ގެ އަމަލެއްގެ ގޮތުގައިވެސް މަހުލޫފް ސިފަ ކުރެއްވިއެވެ. މަހުލޫފް ވިދާޅުވީ "ކުލަ ބަދަލުކޮށްފައިވާ ބޯވަ" އެއް ކަމަށާ "އެމްއެމްޕީއާރުސީގެ ވަގެ"އް ކަމަށް ބުނެ ތަފާތު ވާހަކަތައް ދައްކާ ދޮގު އިލްޒާމުތައް އެޅި ކަމަށެވެ.

މަހުލޫފް ވަނީ މަގާމުތަކުގައި ތިއްބަވައިގެން އުސޫލުން ބޭރުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވައިގެން ފާޑުވިދާޅުވުމުގެ ބަދަލުގައި އިންތިހާބުތަކުގަައި ވާދަކޮށް އޭނާ "ބަލި" ކުރުމަށް އެދިވަޑައިގެންފައެވެ.

"ވަރަށް ބީރައްޓެހި ގޮތަކަށް ޗެއާޕާސަން ފެންނަނީ. ދައްކަވަނީ މުޅީން އެހެން މޫނެއް. އަމަލުތައް ހުންނަނީ އެހެން ގޮތަކަށް. އެއީ ވަރަށް ހަޑި ލަދުވެތި ކަމެއްްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އެކަންކަމާއި ހަގީގަތުގައި ވަރަށް ބޮޑަށް ގުޅިފައި އެބައޮތް ކުޅިވަރާވެސް އެނގޭތޯ،"

ހަސަން ލަތީފް އެެ ގޮތަށް އަމަލު ކުރެއްވި ސަބަބުތަކާއި ގުޅޭގޮތުން މަހުލޫފް ވިދާޅުވީ އޭނާ ދެކެ ހަނަސް އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައިނުގަތީ ޓީޓީގެ އިންތިހާބާއި ގުޅިގެން ކަމަށެވެ. އެ އިންތިހާބުގައި ހަސަންގެ އާއިލީ ބޭފުޅަކު ވާދަކުރެއްވި ކަމަށާ އޭނާ ބޭނުންފުޅުވީ ކޮންމެ ގޮތަކުންވެސް އިންތިހާބުން މޮޅުވާން ކަމަށެވެ. އަދި އިންތިހާބުގެ ތެރެއަށް ވަދެ "އަތްނުބޭނީމަ" ގޯސްވީ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ހަަސަން ލަތީފު ގަބޫލުކުރައްވަނީ އެ އިންތިހާބު އެ ބޭފުޅާގެ އާއިލީ ބޭފުޅަކަށް ކާމިޔާބު ކޮށްދޭން އަޅުގަނޑު ޖެހޭ ކަމަށް ވޯޓްވެސް އޮޅުވާލަން. އަޅުގަނޑު ދެންނެވިން ވަރަށް ސާފުކޮށް އެ ކަމެއް އަޅުގަނޑު ނުކުރާނަމޭ. ސީވިޑް ލަތީފް ޓީޓީގެ ރައީސަކަށް ހުންނެވިއިރުގައި އޮތް އަސާސީ ގަވާއިދަށް މިފަހަރުވެސް ވޯޓްލީ. ވޯޓްލާ މެންބަރުންގެ ވިސްނުން ބަދަލުވެގެން ވޯޓްލާ މެންބަރުންގެ އަދަދު އިތުރުވެގެން ގޮސް އެ ވޯޓުން ބަލިވުމަކީ އެއީކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. ހަަސަން ލަތީފް އެންމެ ހިތްހަމަނުޖެހުނު ކަމަކީ އެއީ،" މަހުލޫފް ވިދާޅުވިއެވެ.

ހަަސަން ލަތީފު ގަބޫލުކުރައްވަނީ އެ އިންތިހާބު އެ ބޭފުޅާގެ އާއިލީ ބޭފުޅަކަށް ކާމިޔާބު ކޮށްދޭން އަޅުގަނޑު ޖެހޭ ކަމަށް ވޯޓްވެސް އޮޅުވާލަން. އަޅުގަނޑު ދެންނެވިން ވަރަށް ސާފުކޮށް އެ ކަމެއް އަޅުގަނޑު ނުކުރާނަމޭ. ސީވިޑް ލަތީފް ޓީޓީގެ ރައީސަކަށް ހުންނެވިއިރުގައި އޮތް އަސާސީ ގަވާއިދަށް މިފަހަރުވެސް ވޯޓްލީ. ވޯޓްލާ މެންބަރުންގެ ވިސްނުން ބަދަލުވެގެން ވޯޓްލާ މެންބަރުންގެ އަދަދު އިތުރުވެގެން ގޮސް އެ ވޯޓުން ބަލިވުމަކީ އެއީކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. ހަަސަން ލަތީފް އެންމެ ހިތްހަމަނުޖެހުނު ކަމަކީ އެ
އަހުމަދު މަހުލޫފް | ޔޫތު މިނިސްޓަރު

މަހުލޫފް ވިދާޅުވީ ކުޅިވަރު ސިޔާސީ ނުކުރައްވާނެ ކަމަށާ އެ ފުރުސަތު އެ މަގާމުގައި ހުންނަވައިގެން އެއްވެސް ބޭފުޅަކަށް ނުދެއްވާނެ ކަމަށެވެ. އަދި ޓީޓީ އިންތިހާބު "ގަޑުބަޑު" ނުކުރެއްވުމުގެ ފޮނި ނަތީޖާ މިއަދު ފެންނަމުންދާ ކަމަށެވެ. ޓީޓީގެ އައު ލީޑާޝިޕާއެކު ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންދާ ކަމަށާ ރާއްޖޭގެ ޓީމު މިހާރު ދަނީ ޓީޓީ ވޯލްޑް ޗެންޕިއަންޝިޕަށް ކޮލިފައިވުމަށް ފުރުސަތު ހޯދަމުން ކަމަށްވެސް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ސިޔާސީ ވަކި އެޖެންޑާތަކެއް ހާސިލު ކުރަން ނުފޫޒު ފޯރުވައި ނުދީގެން ޒާތީގޮތުން ދިމާކޮށްލުން ބަލައިގަންނަން ދަތި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަންނަ ރުޅީގައި އެމްޑީޕީ މަތިން ފޫހިކޮށްލަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަމެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.

"ކިތަންމެ އަޅުގަނޑު ފޫހިކޮށްލަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެ. އެ ޖައްސަވަނީ ނުބައި ހިސާބެއް އިނގޭތޯ،"

މަހުލޫފް ވިދާޅުވީ އިންތިހާބުން ފުރުސަތު ގެއްލުވާލަން މަސައްކަތް ކުރީ އިންތިހާބުން ނެރޭނެ ނަތީޖާ އެނގޭތީ އެ މަންޒަރު ބަލަން ބޭނުން ނުވާތީ ކަމަށެވެ. މަހުލޫފަކީ މިފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓެވެ. މަހުލޫފް ވަނީ 3،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އޭނާ ވާދަކުރެއްވި މެދު އުތުރު ޕްރޮވިންސްގެ ބައެއް ރަށްރަށުން 100 ޕަސެންޓް ވޯޓް ހޯއްދަވާފައިވެއެވެ. 32 ރަށް ހިމެނޭ އެ ޕްރޮވިންސްގެ ހުރިހާ ރަށަކުން މެޖޯރިޓީ ހޯދީވެސް މަހުލޫފެވެ.