އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަމްރާއި މަހުލޫފް؟

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވާދަ ކުރަން ނިންމަވާފައިވާ ކަމުގެ އަޑުތައް ގަދަވެ އެ ދެ ބޭފުޅުންގެ ތެރެއިން އާންމު މެންބަރުންގެ ތާއީދު އޮތް ބޭފުޅެއް ބެލުމަށް ޕޯލްތައް ނަގަން ފަށައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން ވަރަށް އަވަހަށް އޮންނާނެ އެވެ. އެ މަގާމުގައި މިހާރު ހުންނެވި ހަސަން ލަތީފަށް މަގާމުގެ މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވާނެ އެވެ. އާ ދައުރަކަށް އެ މަގާމަށް ކުރިމަތި ނުލައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުގައި އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ އަމްރް އަދި މަހުލޫފެވެ. އެ ދެ ބޭފުޅުން ގެންދަވަނީ ތާއީދު ހޯއްދެވުމަށް މިހާރު ވެސް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ރަސްމީކޮށް އެފަދަ ވާހަކައެއް ދެ ބޭފުޅުން އަދި ވިދާޅުވެފައެއް ނުވެއެވެ.

އެމްޑީޕީގެ މެންބަރުން ގެންދަވަނީ އެ މެންބަރުން ތާއީދު ކުރަނީ ކޮން ބޭފުޅަކަށްކަން ހާމަކޮށް ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ވަރަށް ގިނަ ބޭފުޅުން ފޮލޯ ކްރާ ޓްވިޓާ އެކައުންޓެއް ކަމަށްވާ "ހަސަން ކުރުސީ" ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ވަނީ އެ ދެ ބޭފުޅުންގެ ތެރެއިން ތާއީދު އޮތީ ކޮން ބޭފުޅަކަށްތޯ ބެލުމަށް ޕޯލެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ޕޯލުން ކުރި ހޯއްދެވީ އަމްރެވެ. 19،099 މީހަކު ވޯޓް ދިން މި ޕޯލްގެ ނަތީޖާ ދައްކާ ގޮތުން އަމްރަށް ލިބިފައި ވަނީ 59 ޕަސެންޓް ވޯޓެވެ. މަހުލޫފަށް ލިބިފައި ވަނީ 41 ޕަސެންޓް ވޯޓެވެ.

މަހުލޫފާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. ނިމިގެންދިޔަ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފަށް ވާދަ ކުރުމަށް ގިނަ ހުރަސްތަކެއް ވެސް ކުރިމަތި ކުރުވިއެވެ. އެ ހުރަސްތައް ނެތި އިންތިހާބުން ފުރުސަތު ލިބުނީ އެންމެ ފަހު ވަގުތު އެވެ. ނަމަވެސް ވަރުގަދަ ކެމްޕެއިނަށް ފަހު މަހުލޫފް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގެ އަމްރު ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯއްދަވާފަ އެވެ.