އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެންގި އެންގުން ރިވިއު ކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހުށަހަޅާފައިވާ ޝަކުވާއަށް ޖަވާބެއް ނުލިބި ލަސްވެފައި ވާތީ އިލެކްޝަން ކޮމިޝަނަށް އެ މައްސަލަ ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް މަހުލޫފަށް އެ ޕާޓީން އަންގާފައިވެ އެވެ. އެ ނިންމުމަކީ ގާނޫނީ އިމުގެ ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި އެ ނިންމުން ރިވިއު ކޮށްދިނުމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީއަށް މަހުލޫފް ވަނީ ޝަކުވާ ހުށަހަޅާފަ އެވެ.
މަހުލޫފު މިއަދު ވިދާޅުވީ އެ ޝަކުވާއަށް އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އިންތިހާބަށް މިހާރު 30 ދުވަސް ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް، އީސީއަށް މިއަދު އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
މަހްލޫފް ރޭ ވަނީ ރިވިއުކުރަން ހުށަހެޅި މައްސަލަ އަވަސް ކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އޭނާ އެކަމަށް އެދިވަޑައިގެންފައި ވަނީ އަކްރަމް ކަމާލުއްދީނަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު އިންތިހާބުން އަކްރަމަށް ފުރުސަތު ދޭން އެމްޑީޕީން ނިންމި ނިންމުމަށް އިޝާރާތް ކުރައްވަ އެވެ.
އަކްރަމަށް މަރުހަބާ ވިދާޅުވެ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވެފައި ވަނީ އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރި ފަހުން ހަ ދުވަސް ވެއްޖެ ކަމަށެވެ. އެމްޑީޕީގެ ގަވާއިދު ބުނާ ގޮތުން އެފަދަ މައްސަލަތަކުގައި ދެ ދުވަސްތެރޭ ޖަވާބު ދޭން ޖެހެ އެވެ.