އަހުމަދު މަހްލޫފު

ގިނަ މައްސަލަތަކެއް ފާހަގަކުރައްވާ ނިންމުން ބާތިލުކޮށްދޭން މަހުލޫފް އެދިވަޑައިގެންފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން އަ އަންގާފައިވާއިރު އެ ނިންމުމަކީ ގާނޫނީ އިމުން ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެ އެ ނިންމުން އަލުން މުރައާޖާކޮށްދެއްވާއި އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދެއްވުމަށް މިނިސްޓަރު މަހުލޫފް އެދިވަޑައިގެންފި އެވެ.

މަހުލޫފް މިކަމަށް އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ހަދާފައިވާ ގިނަ ގޯސްތަކަކާއި އަދި މަހުލޫފާއިމެދު ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަން ސާބިތުކޮށްދެއްވުމަށް ގިނަ ވާހަކަތަކެއް ހިމަނުއްވާފައިވެއެވެ.

މަހުލޫފް ވިދާޅުވީ ގާނޫނީ ގޮތުން އޭނާއަކީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް ޝަރުތު ފުރިހަމަވާ މީހެއް ކަމަށާ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމައި ހަވާލާދީފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ކަމަކީ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރައްވާ ކެންޑިޑޭޓުން ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް އޭޕްރީލް 24، 2021 ގައި ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ހިމަނާފައިވާ ޝަރުތެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައި ވެސް ބަޔާންކޮށްފައިވާ ޝަރުތެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

މަހުލޫފްގެ ސިޓީގައި ވިދާޅުވީ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރައްވާ ކެންޑިޑޭޓުން ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް އޭޕްރީލް 24، 2021 ގައި ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ހިމަނާފައިނެތް ޝަރުތުތަކެއް އޭގެ ފަހުން އޭޕްރީލް 27، 2021 ގައި ނެރެފައިވާ އިއުލާނުގައި ހިމަނާފައިވާއިރު އެއީ ކަނޑައެޅިގެން އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ވަރަށް ގިނަ މިސާލުތައް ސިޓީގައި ވަނީ ހިމަނުއްވާފައެވެ.

"..އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާނަމަ އެ ޝަރުތަކަށެވެ. އެނޫން މަގާމުތަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައެއްނުވެއެވެ. އަދި އެނޫން މަގާމުތަކަށް ޝަރުތު ކަނޑައާޅާނަމަ އެމްޑީޕީގެ އަސާސީގަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް އިންތިހާބުތަކާބެހޭ ގަވާއިދު އިސްލާހުކޮށް އެފަދަ ޝަރުތުތަށް އިންތިހާބަށް އިއުލާންކުރުމުގެ ކުރިން ކަނޑައަޅުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާނަމަ ކުރަންޖެހޭ ގޮތެވެ. އަދި އެފަދަ ހާލަތެއްގައިވެސް ވަކި ބަޔަކު އިންތިހާބަށް ވާދަކުރުން މަހުރޫމު ކުރުމުގެ ނިޔަތުގައި ޝަރުތު ކަނޑައެޅުމަކީ ޑިމޮކްރަސީއާ ބީރައްޓެހިކަމެއްކަމުގައި ދެކެމެވެ،"

މީގެ އިތުރުން މަހުލޫފް ވަނީ މީގެ ކުރީން އެމްޑީޕީން އަމަލު ކުރަމުން އައި އުސޫލުތައްވެސް ޕާޓީގެ ޗެއާޕާސަންއަށް ހަނދާން ކޮށްދެއްވާފައެވެ. އެ ގޮތުން ޖެނުއަރީ 11، 2017 ގައި އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގައި އިންތިހާބަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ގާނޫނު އަސާސީގައި ނުވަތަ ގާނޫނެއްގައި ކަނޑައަޅާފައިވާނަމަ އެ އިންތިހާބަކަށް ކުރިމަތިލާ ކޮންމެ މެންބަރެއްގެ ކިބައިގައި އެ ޝަރުތުތައް ފުރިހަމަވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތެއް ހޯދުމަށް ބޭއްވުނު ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވިއިރު އޭރު އެމަނިކުފާނުގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްާގެ ޝަރުތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުވާ ކަން ފާހަގަކޮށްފައިވެއެވެ.

"މިއަދު އަޅުގަނޑު ތަކުރާރުކޮށް ބުނަމުން މިދަނީ އަޅުގަނޑުގެ މައްސަލައަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އަޅުގަނޑަށް ސިޔާސީ އަނިޔާއެއް ދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމެވެ. އަދި އަޅުގަނޑުގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު އަޅުގަނޑަކީ ކުށްވެރިއެއް ނޫނެވެ. މިކަން ވަރަށް ސާފުކޮށް އެވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްދީފައެވެ. ވީއިރު އަޅުގަނޑާއި މެދު މިހާ ނިކަމެތިކޮށް މި މައްސަލާގައި ތިޔަ އަމަލުކުރެއްވީ ކީއްވެކަމާއި މެދު އަޅުގަނޑު މިހުރީ ހައިރާންވެފައެވެ،"

މަހުލޫފް ވިދާޅުވީ މިއަދު އިންތިހާބަކަށް ގޮވާލިކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ވެސް އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށާ އަދި އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަލާއިރު އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސް އަދި ޗެއާޕާސަންގެ މަގާމު މިއަދު ހުސްވި ނަމަވެސް އެ މަގާމުތަކަށް ވެސް ޝަރުތު ހަމަވާ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެންގުމަކީ އެއްވެސް ތާކުންތާކު ނުޖެހޭ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.

"ޕާޓީގެ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް އިންތިހާބާ ދިމާކޮށް ބަދަލުކުރުމަކީ އެއްވެސް ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުންދާ އުސޫލެއް ނޫނެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި އަދި ޕާޓީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމަކުން ނިންމާ ނިންމުމަކުން ބަދަލުކުރުމަކީ ގާނޫނީ ހަމަތަކާ އުސޫލުން ބޭރުން ވަކި ބައެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ،"

މީގެ އިތުރުން އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގެ 12 ވަނަ މާއްދާގައި "އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަމާއި ކެންޑިޑޭޓް ނަންބަރު ޕާޓީގެ ވެބްސައިޓުގައި އިއުލާންކުރަންވާނެ" ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު މެއި 8، 2021 ގައި ހަމަވެފައިވާއިރު ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފައިވަނީ އޮގަސްޓް 16، 2021 ގައިކަން ވަނީ ފާހަގަކޮށްފައެވެ. އަދި އިންތިހާބު ފަސްކުރާނެ ކަމަށް އިއުލާންކޮށްފައިވާ ތާރީހަކީ ވެސް މެއި 15، 2021 ކަމަށްވީއިރު އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައި ވާގޮތުން ކެންޑިޑޭޓުންގެ ލިސްޓް އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު ހަމަވާތާ ފަސް ދުވަހުގެ ތެރެގައި އިއުލާންކުރަން ޖެހޭއިރު އެކަން ކޮށްފައިވަނީ 99 ދުވަސް ފަހުން ކަމަށް ފާހަގަކޮށްފައިވެއެވެ.

ސިޔާސީ ޕާޓީ އުފައްދައި ހިންގައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގަކަށްވާއިރު ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުން ހަނިކުރެވެންވާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ނުވަތަ އެ ޕާޓީއެއްގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިންކަމުގައި ކަމަށްވީއިރު މަގާމަކަށް ވާދަކުރުމުގެ ހައްގު އޭނާގެ ކިބައިން ނިގުޅައިގެންފައި ވަނީ ކަނޑައެޅިގެން ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މަހުލޫފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި އެކަމުގެ ސަބަބުން އާންމު މެންބަރުން ޕާޓީއަށް ކުރާ އިތުބާރުވެސް ގެއްލިގެން ދާނެކަ ކަމަށް ވިދާޅުވެފައިވެއެވެ.

"..މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރާއިރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް އަޅުގަނޑު ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނީ އިމުން ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަން ސާބިތުވެގެންދާތީ އަޅުގަނޑު ޝަރުތު ފުރިހަމަ ނުވާކަން ނިންމާފައިވާ ނިންމުން އަލުން މުރައަޖާކޮށްދެއްވާއި އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަޅުގަނޑަށް ހަމަޖައްސަވައި ދެއްވުން އެދި ދެންނެވީމެވެ،" މަހުލޫފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.