ހޯޑެއްދޫއާއި މަޑަވެލި ގުޅާލާފައިވާ ކޯޒްވޭ ނަގައިދިނުމަށް ހޯޑެއްދޫ ކައުންސިލުން ސަރުކާރުގައި އެދިއްޖެ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ ހޯޑެއްދޫ އާއި މަޑަވެލި ގުޅާލުމަށް ކޯޒްވޭ ހަދާފައިވަނީ
އީއައިއޭ އާއި ޑިޒައިނާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އެކަމުގެ ސަބަބުން އެ ރަށުގެ 6.7 ހެކްޓަރުގެ ބިމުގައިވާ ގުދުރަތީ ދިރުންތައް މަރުވެ، ބިންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
ވާރިޝް ވިދާޅުވީ ކޯޒްވޭ ނުނެގި ދޮޅު އަހަރު ފާއިތުވެ ވެއްޖެނަމަ އެރަށުގެ ބިމުގެ 30 ޕަސަންޓަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި ބިންގަނޑު އޮންނާނެ ކަމާ ދޭތެރޭވެސް ސުވާލު އުފެދޭ ކަމަށެވެ.
"މިހާރުވެސް ކޮންމެ ދުވަހަކު ކޯޒްވޭއާ ދިމާލުން ބޮޑެތި ރާޅު ނަގައި އެ ސަރަހައްދުގައި ހުރި ގަސްތަކަށް ދަންދެން އެހުރީ މަރުވެފައި. އަޅުގަނޑުމެންނަށް އެންމެ މުހިއްމީ ރަށުގެ ބިން ރައްކާތެރިކުރުމާއި އެކު ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުން. އެކަން ކަށަވަރުކުރަން ކޯޒްވޭ ނަގައިދިނުމަށް ޕްލޭނިންގައި އެދުނީ،" ވާރިޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލުން ފާސްކޮށްގެން ކޯޒްވޭ ނަގައިދިނުމަށް ރަސްމީކޮށް ސަރުކާރުގައި އެދުނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. ނަމަވެސް އަދި ޖަވާބު ދީފައި ނުވާ ކަމަށެވެ.
ވާރިޝް ވިދާޅުވީ ކޯޒްވޭ އަކުން މަޑަވެއްޔާ ގުޅާލާފައި އޮތުމުން ދެ ރަށުގެ ރައްޔިތުންނަށް ވެސް ލިބޭ ފައިދާ ތަކެއް ހުންނަ ކަމަށެވެ. އެހެންކަމުން ކޯޒްވޭ އެއް އެ ދެ ރަށުގެ ދޭތެރޭގައި އޮތުމަށް އަބަދުވެސް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނީ މަޑަވެއްޔާއި ހޯޑެއްދޫގެ ބިމަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން އެބައޮތް އާ ކޯޒްވޭ އެޅުމަށް މެއި މަހު ވެސް ސޮއި ކުރާނެ ވާހަކަ އަންގާފައި. އެކަމަކު އެ ދުވަހެއް ދުވަހަކުވެސް ނާދޭ. އެއީ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް،" ވާރިޝް ވިދާޅުވި އެވެ.
ހޯޑެއްދޫ އާއި މަޑަވެލި ގުޅާލަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މަޝްރޫއުގެ ސަބަބުން މަޑަވެއްޔާއި ހޯޑެއްދޫ އަށް ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިހުމާލުވި ފަރާތްތަކުގެ އަތުން ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ތެރޭގައި ފާސްކޮށްފައިވެ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަން މަޖިލީހުގައި މައްސަލަ ދިރާސާކުރި އެންވަޔަރަންމަންޓް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އޭގެ ފަހުން އެކަމުގައި ފިޔަވަޅު އެޅުމަށް އަދި އެއްވެސް ކަމެއް ކުރިކަން އެނގިފައެއް ނުވެ އެވެ.
ހޯޑެއްދޫ އާއި މަޑަވެލި ގުޅާލުމަށް ހަދާފައިވާ 440 މީޓަރުގެ ދިގު އަދި ހަތް މީޓަރު ފުޅާ ކޯޒްވޭގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ.
ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯޑެއްދޫއާއި މަޑަވެލި ކޯޒްވޭ އަކުން ގުޅާލާފައިވަނީ އެ ދެ ރަށުގެ މެދުގައިވާ ހާދޫ ކޔާ ފަޅު ރަށަކާ ވެސް އެކު އެވެ.
ހޯޑެއްދޫ އާއި މަޑަވެލި ކޯޒްވޭގެ ހަދާފައިވާ ގޮތާ ގުޅިގެން ދެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބޭތީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މީގެކުރިން އެ ކޯޒްވޭ ކަނޑަލާފައިވެ އެވެ. ނަމަވެސް ފަހުން ސަރުކާރުން އިތުރު ހަރަދުތަކެއް ކޮށްގެން ކޯޒްވޭ މިހާރު ވަނީ ގުޅާލާފަ އެވެ. ފަހުން ކުރި މަސައްކަތާ އެކު އެ މަޝްރޫއަށް ދައުލަތުން ކުރި ހަރަދު ވަނީ 31 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކޯޒްވޭ ކަނޑާލާފައި ވަނިކޮށް އަލުން ކޯޒްވޭ ގުޅާލުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުން ވެސް މަޖިލީހުގެ ބައެއް މެންބަރުން ފާޑު ވިދާޅުވެފައިވެ އެވެ.