ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ ދޫކުރާ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން މި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދެމުންދާ ކަމަށް ބުނެ ބޯހިޔާވަހިކަމާ ގުޅޭ ހަގީގީ ސިޔާސަތުތައް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ފްލެޓް ޕޮއިންޓް ދިން ގޮތުގެ ސަބަބުން ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުން ލިބިފައިވާ ކަމަށެވެ.
ހުސައިން ވަނީ ފްލެޓް ލިސްޓަށް ޕޮއިންޓް ދިނުމުގައި ގެންގުޅުނު ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް މީގަ ގަބޫލުނުކުރެވިގެން މިއުޅޭ އެއްކަމަކީ ޕޮއިންޓް ދިނުމުގައި ގެންގުޅުނު ދޯހަޅި އުސޫލު. ހަމަ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަކަށް ފްލެޓް ދެވޭނެ ކަމަށް ބުނި ފުރަތަމަ 4،000 ޔުނިޓް ތެރޭގައި ފްލެޓު ދެވޭނެ ކަމަށް ބުނެފައި އޮތް އޮތުމާއި އެ ގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން،" ހުސައިން ވިދާޅުވި އެވެ.
ފްލެޓް ޕޮއިންޓް ދިން ގޮތަށް ފާޑު ވިދާޅުވަމުން ހުސައިން ވިދާޅުވީ ޕޮއިންޓް ލިބުނު ގޮތް ރައްޔިތުންނަށް ސާފު ކަމަށެވެ.
އެގޮތުން ދަރިއަކުވެސް ނެތް މީހުންނަށް ފްލެޓް ލިބުނުކަން ފަސް ކުދިންނާއެކު އެއް ކޮޓަރިއެއްގައި އުޅޭ މީހާއަަށް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މާލެ ނައިސް ރަށްރަށުގައި އުޅުނު މީހުންނަށްވެސް ފްލެޓް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ ފްލެޓަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އޭރު ސަރުކާރަށް ވަގުތު ނުލިބުނު ކަމަށް އެނގިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރާ ހިލާފަށް މިފަހަރު ދައުރު ފުރިހަމަ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ނިސްބަތްވާ ޕާޓީއެއްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމެއްކަމުގައި ވީނަމަވެސް ރަނގަޅަށް ބަލާފައި ކޮށްފައި އޮތް ކަމެއް ނޫން." ހުސައިން ވިދާޅުވި އެވެ.