ރައީސް މުހައްމަދު ނަޝީދު

ފެބްރުއަރީ ހަތެއްގެ ހާދިސާ އޮޅޭ ގޮތަށް އެމްޑީޕީން ވާހަކަ ދެއްކި: ނަޝީދު

ފެބްރުއަރީ ހަތަކާއި ގުޅޭ ގޮތުން ދާދި ފަހުން އެމްޑީޕީގެ ބައެއް މިނިސްޓަރުންނާއި ބައެއް މަޖިލިސް މެންބަރުން އެދުވަހުގެ ހާދިސާ އޮޅޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި ސަރުކާރުގެ އިދާރާތައް ހިންގަމުން އަންނާތީ ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރަން ޖެހޭތީ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅި ގަރާރަށް ބަހުސް ކުރުމުގެ ތެރެއިން ބައެއް މެންބަރުންގެ ވާހަކަތަކުގައި ފެބްރުއަރީ ހަތެއްގެ ވާހަކަ ގެނެސްފައި ވާތީ ރައީސް ނަޝީދު ވަނީ އެވާހަކަ ދައްކަވާފަ އެވެ.

"އިއްޒަތްތެރި މެންބަރުވެސް (ހުސައިން ޝަހީމް) ފާހަގަ ކުރައްވައިފި އަދި މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރުވެސް ފާހަގަ ކުރައްވައިފި، ފެބްރުއަރީ ހަތަކާއި ގުޅޭ ގޮތުން ދާދި ފަހުން އެމްޑީޕީގެ ބައެއް ވަޒީރު ބޭފުޅުންނާއި އަދި ބައެއް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެ ހާދިސާ ހިނގި ގޮތް އޮޅޭ ގޮތަށް އަދި އަޅުގަނޑުގެ މައްޗަށް ބަދުނާމުވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުން އެ މޭރުމުން ވާހަކަ ދައްކަވާފައިވަނީ އެ ވަގުތު އެ ބޭފުޅުންނަށް އެ ވަގުތު އެ ގޮތަށް ވާހަކަ ދައްކަވަން ފެނިވަޑައި ގަތުމުން ކަމަށެވެ. ނަމަވެސް އެގޮތަށް ވާހަކަ ދެއްކެވުމުން ވާހަކައިގެ ތެދު ދޮގު އޮޅޭ މިންވަރަށް ކަންކަންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނާއި ވަޒީރުން އެވާހަކަތައް ދެއްކެވީ ކޮން ސަބަބަކާއި ގުޅިގެންކަން ނޭނގޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިކަހަލަ ކަންކަން ހިނގާތީ ހިތާމަކުރާކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ފެބްރުއަރީ ހަތެއްގެ ހާދިސާއަށް ފަހު ޕީޕީއެމްއިން އޭރުވެސް މިހާރުވެސް ބުނަމުން އަންނަނީ އެއީ ބަގާވާތެއް ނޫން ކަމަށެވެ. ނަމަވެސް އޭރުވެސް އެމްޑީޕީން ބުނަމުން އައީ އެއީ ބަގާވާތެއް ކަމަށް އާދަމް ޝަރީފް ވިދާޅުވެފަ އެވެ.

"އެކަމަކު މިއަދު މިހާހިސާބަށް އައި އިރު އެމްޑީޕީގެ ތެރެއިން އެއީ ބަގާވާތެއް ނޫންކަމަށް މިއަދު ބުނާކަމަށް ވެއްޖިއްޔާ އަޅުގަނޑުގެ ހިތުން ޕީޕީއެމްގެ އޭރުގެ ސްޓޭންޑްވެސް މިހާރުގެ ސްޓޭންޑްވެސް ވަރަށް ސާފުވޭ. އެއީ ބަގާވާތެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެއީ ބަގާވާތެއް ނޫން ކަމަށް ވިދާޅުވާނަމަ އޭރުގައި އެމްޑީޕީން ހިންގި ޓެރަރިޒަމްގެ އަމަލުތަކުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

އާދަމް ޝަރީފްގެ ވާހަކައާއި ގުޅިގެން ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އެމްޑީޕީން އެއްވެސް އިރެއްގައި ރަސްމީ ސިފައެއްގައި ފެބްރުއަރީ ހަތެއްގައި ހިނގާ ދިޔަ ކަންކަމަކީ ބަގާވާތެއް ނޫން ކަމަށް ނުބުނާ ކަމަށެވެ.

"އަޅުގަނޑުވެސް މި ޕާޓީ (އެމްޑީޕީ)ގައި މިހުރީ. އެމްޑީޕީން އެއްވެސް ރަސްމީ ހައިސިއްޔަތެއްގައި ހަތެއް ފެބްރުއަރީގައި ހިންގީ ބަގާވާތެއް ނޫން ކަމަށް ނުބުނޭ. އެއީ ބަގާވާތެއް،" ހުސައިން ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ގެންދަވަނީ ފެބްރުއަރީ ހަތެއްގެ ހާދިސާއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.