އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގައުމީ ސަލާމަތުގެ ބިލު މަޖިލީހުން ބޭރުކުރީ ވާދަވެރި މެންބަރުންގެ އަޑު ކަނޑުވާލުމަށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅުއްވި ގައުމީ ސަލާމަތުގެ ބިލް މަޖިލީހުން ބޭރުކުރުމަށް މަޖިލިސްގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީން ނިންމުމާ ގުޅިގެންނެވެ.
މިކަމާ ކަންބޮޑުވެވަޑައިގެން އާދަމް ޝަރީފް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ބިލް މަޖިލީހުން ބޭރުކުރަން ނިންމުމަކީ މަލްޓި ޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި އަގުކުރާ ކަންކަމާ ނުހަނު ބީރައްޓެހި އަދި ނާތަހުޒީބު ނިންމުމެއް ކަމަށެވެ.
ގައުމީ ސަލާމަތުގެ ބިލެއް މަޖިލީހަށް ހުށަހެޅީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެފައިވާތީ ދީފާނެ ހަމަލާއަކުން ގައުމާއި ރައްޔިތުން ސަލާމަތްކޮށް، ޖާސޫސީ ކަންކަން ހަރުދަނާކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގައި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ކަމަށް ފާހަގަކޮށްފައިވެ އެވެ.
ގައުމީ ސަލަމާތާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ގައުމީ ސަލާމަތާ ބެހޭ ކައުންސިލާއި ނެޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި، އެ މީހުންގެ ޒިންމާތަކާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އަމަލުކުރާނެ ގޮތްތައް ބިލްގައި ހިމަނާފައިވެ އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތުގެ ބިލް 2016 ވަނަ އަހަރު ޑްރާފްޓް ކުރަން ފެށީ ރާއްޖޭގެ އަސްކަރިއްޔާގައި ތިއްބެވި ގާނޫނީ ބޭފުޅުންނާ ގުޅިގެން އޭރުގެ ހާލަތަށް ބަލައިގެން އަދި އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތްތައް ވެސް ދިރާސާކޮށްގެންނެވެ. ފަހުން ބިލް މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގައި މިހާރުގެ ހާލަތަށް ފެތޭ ގޮތަށް ބިލަށް ބައެއް ބަދަލުތައް ގެނެސް މިހާރ ހުރި އިދާރާތަކަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ކަންކަން ތަރުތީބުކުރެވޭ ގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.
"ޤައުމީ ސަލާމަތާބެހޭ ބިލު ރާއްޖޭގެ އެއްވެސް ޤާނޫނަކާ ތަޢާރަޒެއް ނުވެ އެވެ. ބިލަށް ވާހަކަ ދެއްކެވި އެއްވެސް މެންބަރަކު ބިލުގައި މައްސަލައެއް ހުރިކަމަކަށް ފާހަގަ ކުރައްވާފައެއް ނުވެ އެވެ. ގައުމީ ސަލާމަތާ ބެހޭ ބިލެއް ބޭނުންވާކަން ގިނަ މެންބަރުން ފާހަގަކުރައްވާފައިވެ އެވެ." ސިޓީގައިވެ އެވެ.
ސިޓީގައި ބުނެފައިވަނީ ބިލް ފާސްކުރި ނަމަ ގައުމީ ސަލާމަތް ރައްކާތެރިކުރެވި ލާދީނީ ފިކުރާއި ހަރުކަށި ފިކުރުގެ ތެރެއިން ދިވެހިންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މަދު ކުރެވި ބޭރުގެ ނުފޫޒުތައް ކުޑަކުރެވުނީސް ކަމަށެވެ. އެމްޑީޕީގެ ލީޑަޝިޕަށް މިފަހުން ގެނެވުނު ބަދަލުތަކާ އެކު ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތައް ބަލައިނުގަންނަ ކަމަށާއި އެކަމުގެ ސަބަބުން ޖަވާބުދާރީކުރުވުމަށް ދަތިވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހަރުދަނާ ހިޔާލުތަކަށް މަރުހަބާ ކިޔާ މެންބަރުންނަށްވުމަށް ވުމަކީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި ގާނޫނުއަސާސީގެ ތިންވަނަ ބާބުން ލާޒިކުކުރާ ކަމެއްކަން ފާހަގަކުރަން" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިބިލް މަޖިލީހަށް ހުށަހަޅަން ފުރުސަތު ދެއްވާ، ބިލްގެ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ކޮށްދެއްވި މަސައްކަތްތަކަށް އާދަމް ޝަރީފްގެ ސިޓީގައި ޝުކުރު އަދާކުރައްވާފައިވެ އެވެ.