އާދަމް ޝަރީފު އުމަރު

މަޖިލިސް "ޑެޑްލޮކް"އަކަށް ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ: އާދަމް ޝަރީފު

ރައްޔިތުންގެ މަޖިލިސް "ޑެޑްލޮކް"އަކަށް ދިއުމުގެ ޒިންމާ އެމްޑީޕީ އާއި ސަރުކާރުން ނަގަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ނެތުމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ލީޑްކުރާ އެމްޑީޕީ އިން މަޖިލީހަށް ހުށަހަޅައިގެން ޖަލްސާތައް ކުރިއަށް ނުދާނެކަން އެމްޑީޕީ އާއި ސަރުކާރަށް އެނގޭނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތުމުން މަޖިލީހުގެ ޖަލްސާ ނިންމާލާފައިވާއިރު އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސް ނަޝީދު އާއި ނައިބު ރައީސް އީވާ ވަނީ މަޖިލީހުގެ އަމީންއާންމަށް އަންގަވާފަ އެވެ.

އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލިސް ހުއްޓިފައިވަނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމާއި އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އަލުން ކޮމިޓީތައް އެކުލަވާލަންޖެހިފައިވުމެވެ.

އިދިކޮޅު މެންބަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަޖިލިސް ކުރިއަށްދާނީ ރައީސް ނަޝީދު ނުވަތަ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށްފަހު އަލުން އާންމު ކޮމިޓީ އެކުލަވާލައިގެން ކަމަށެވެ.