ހުސައިން ޝަހީމް

އަނދުން ހުސައިނަށް ކުރި ތުހުމަތު ތަހުގީގުކުރަން ހުށަަހަޅަނީ

May 12, 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވަން ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން)ގެ މައްޗަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތު ތަހުގީގުކުރަން ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ހުސައިން ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެގެ ވަގުތެއްގައި ހުސައިން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ބޮމުގެ ހަމަލާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތެއް ކުރުމުގެ ސަބަބުން ހައްގުތަކާއި އިމްތިޔާޒުތަކަށް އުނިކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކުރެއްވި ތުހުމަތުގެ ގޮތުން ފުރާނައަށް ނުރައްކާ އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ތުހުމަތުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރަންޖެހޭތީވެ މައްސަލަ ތަހުގީގުކުރަން އިދާރާތަކަށް ހުށަހެއްޅުވުމަށް ނިންމަވާފައިވާ ކަމަށެވެ.

މިއަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ކަންކަން ފޮރުވަން ސަރުކާރަށް ވަފާތެރިވާ މަޖިލީސް މެންބަރުންތަކެއް އެބަތިއްބެވި ކަަމަށް ވިދާޅުވެ ރައީސް ނަޝީދު ބޮޑެތި ތުހުމަތުތަކެއް ފެންމަތި ކުރެއްވީ އެމްޑީޕީގެ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގްރޫޕްގަ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ގުރޫޕްގައިވެސް އެ ތުހުމަތު ރައީސް ނަޝީދު އައުކުރައްވާފައިވެ އެވެ. މައިގަނޑުކޮށް ތުހުމަތު އަމާޒު ކުރެއްވީ ރައީސް ސޯލިހްގެ ވަރަށް އަރިސް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ މެންބަރު ހުސައިން ޝަމީމް އަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންގެ ގުރޫޕްގައި ނަޝީދު ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ ކަންކަން ފޮރުވަން ސަރުކާރަށް ވާގިވެރިވަނީ މެންބަރު ހުސައިން ކަަމަށެވެ.

"އަޅުގަނޑަށް އެނގޭތީ މި ދަންނަވަނީ، މިކަން [މެއި ހައެއްގެ ހަމަލާ] ފޮރުވުމުގައި ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ އަނދުންގޭ ހުސެއިން. މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއްބޭފުޅަކީ ތިބޭފުޅާ އާއި އާރުކާޓީ،" ވަކިވަކިން ފޮނުއްވެވި ދެ މެސެޖުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ހުސައިން ވަނީ އެ ދުވަހު ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. ވިދާޅުވީ އެެފަދަ ކަމެއް އޭނާއަށް ނުކުރައްވާނެކަން ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ ފަހުން މަޖިލީސް މެންބަރުންނަށް ހާއްސަ ގުރޫޕްގައިވެސް ނަޝީދު ވަނީ އެ ތުހުމަތު އާކުރައްވާފަ އެވެ. ވިދާޅުވީ ހުސައިންގެ އަތުގައި މިހާރުވެސް ހޭކިފައި ހުރީ އެމަނިކުފާނުގެ ލޭ ކަމަށެވެ.

"ހުސައިންގެ އަތް ރަނގަޅަށް ބަލައިލާ. ހުސައިންގެ އަތުގައި މިހާރު ކޭއްތިފައި ތި ހުރީ އަޅުގަނޑުގެ ލޭ،" ނަޝީދުގެ މެސެޖުގައި ވިދާޅުވި އެވެ.

އެ ވާހަކަތަކަށް މަޖިލީސް ގުރޫޕްގައިވެސް ހުސައިން ރައްދު ދެއްވެވި އެެވެ. ހުސައިން ފުރަތަމަ ވިދާޅުވީ ނަޝީދު ހުންނެވީ މާބޮޑަށް ކޯފާވެފައި ކަމަށެވެ. އަދި ވިދާޅުވީ ހުސައިނަށް އަމާޒުކުރި ތުހުމަތުތަކަކީ ހަގީގަތެއް ނޫން ކަމަށާ އެއީ ވަރަށް ބޮޑަށް ކޯފާވެފައި ހުންނެވުމަށްފަހު ވިދާޅުވި ވިދާޅުވުމެއް ކަމަށެވެ.

ހުސައިން އެހެން ވިދާޅުވުމުން ނަޝީދު ވަނީ "އަޅުގަނޑުގެ ލެޔަކީ ކެރަފާ ދަނޑިކޮށީގެ ލޭ. އޭގައި އަސަރު ހުންނާނެ" ކަމަށް ވިދާޅުވެ ރައްދުވެސް ދެއްވާފަ އެވެ. އަދި ތުހުމަތު އިތުރަށް ފުޅާކުރައްވާ ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ކަންކަން ފޮރުވަން ސަރުކާރަށް ވާގިވެރި ވަނީ ހަމައެކަނި ހުސައިން ނޫން ކަމަށެވެ. ނަމަވެސް ދެން އެކަމުގައި ތުހުމަތު ކުރައްވާ އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ނަޝީދުގެ އެ ތުހުމަތުތައް ހުސައިން ސިފަކުރެއްވީ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށް އުފެއްދެވި ތުހުމަތުތަކެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ އިލްޒާމު އެޅުވުމުގައިވެސް ހައްދެއް އޮންނަން ވާނެ ކަމަށެވެ. ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ތާއީދު އިތުރުކުރަން މަސައްކަތް ކުރުމަކީ ދޮގު އިލްޒާމު އަޅުވަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ހުސައިން މަޖިލީހަށް ފޮނުއްވި ސިޓީގައިވާ މައްސަލަ މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހުގެ އާންމު ކޮމިޓީ އަށް ފޮނުއްވާފަ އެވެ. ހުސައިން ވަނީ އޭނާ އަށް ތުހުމަތުކުރެއްވުމަށް ބޭނުންކުރެއްވި ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީ ދިނުމަށް އެދިވަޑައިގެންފަ އެވެ.

އާންމު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ވަޓްސްއަޕް ގުރޫޕަކީ ރަސްމީ އެއްޗެއްތޯ ސުވާލު އުފައްދަވާފަ އެވެ. ނަމަވެސް އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ސާފުކުރެއްވުމަށްފަހު މައްސަލަ ކުރިއަށް ގެންދިއުމަށް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ ކުރިއަށް ދިއުމަށް ނިންމެވި އެވެ.