ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވަން ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން)ގެ މައްޗަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ހުސައިންއަށް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
މިއަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ކަންކަން ފޮރުވަން ސަރުކާރަށް ވަފާތެރިވާ މަޖިލީސް މެންބަރުންތަކެއް އެބަތިއްބެވި ކަަމަށް ވިދާޅުވެ ރައީސް ނަޝީދު ބޮޑެތި ތުހުމަތުތަކެއް ފެންމަތި ކުރެއްވީ އެމްޑީޕީގެ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގްރޫޕްގަ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ގުރޫޕްގައިވެސް އެ ތުހުމަތު ރައީސް ނަޝީދު އައުކުރައްވާފައިވެ އެވެ.
ނަޝީދުގެ ތުހުމަތާ ގުޅިގެން ހުސައިން މަޖިލީހަށް ފޮނުއްވި ސިޓީގައިވާ މައްސަލަ މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހުގެ އާންމު ކޮމިޓީ އަށް ފޮނުއްވާފަ އެވެ. ހުސައިން ވަނީ އޭނާ އަށް ތުހުމަތުކުރެއްވުމަށް ރައީސް ނަޝީދު ބޭނުންކުރެއްވި މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުތައް -- ޗެޓްލޮގުގެ ކޮޕީ ދިނުމަށް އެދިވަޑައިގެންފަ އެވެ.
ހުސައިންގެ ސިޓީއާ ގުޅިގެން އާންމު ކޮމިޓީން ބޭއްވި ދެ ބައްދަލުވުމަށް ފަހު ކޮމިޓީގެ މެމްބަރުން މިއަދު އެއްބަސްވެވަޑައިގަތީ ހުސައިން އެދިވަޑައިގެންނެވި ޗެޓްލޮގް މަޖިލީހުގެ އިދާރާ އިން އޭނާއާ ހިއްސާކުރުމަށެވެ. ޗެޓްލޮގް ހުސައިންއާ ހިއްސާކުރެއްވުމަށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.
ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވަމުން އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވީ ޗެޓްލޮގް ހޯދަން ހުށަހަޅާފައިވަނީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގްރޫޕެއްގައިވާ ޗެޓްލޮގަގަކަށް ވާތީ އެ މެސެޖުތައް ދޭން ޖެހޭނެ ކަމަށެވެ. އަދި އެ މެސެޖުތަކުގެ ޒިންމާ ނަގަންޖެހޭނީ އެ މެސެޖެއް ކުރެއްވި ފަރާތަކުން ކަމަށްވެސް ރާޝިދު ވިދާޅުވި އެވެ.
ހުސެއިންގެ މައްޗަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތާ ގުޅިގެން އެމަނިކުފާނަށް ފިޔަވަޅު އެޅުމާ ގުޅޭ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ބަލައިގަނެ އެ މައްސަލަ ކޮމިޓީން މިހާރު ދަނީ ބަލަމުންނެވެ.
ނަޝީދުގެ މެސެޖުގައި ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ ކަންކަން ފޮރުވަން ސަރުކާރަށް ވާގިވެރިވަނީ މެންބަރު ހުސައިން ކަަމަށެވެ.
"އަޅުގަނޑަށް އެނގޭތީ މި ދަންނަވަނީ، މިކަން [މެއި ހައެއްގެ ހަމަލާ] ފޮރުވުމުގައި ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ އަނދުންގޭ ހުސެއިން. މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއްބޭފުޅަކީ ތިބޭފުޅާ އާއި އާރުކާޓީ،" ނަޝީދުގެ މެސެޖުގައިވެ އެވެ.
"ހުސައިންގެ އަތް ރަނގަޅަށް ބަލައިލާ. ހުސައިންގެ އަތުގައި މިހާރު ކޭއްތިފައި ތި ހުރީ އަޅުގަނޑުގެ ލޭ،" ނަޝީދު ފޮނުއްވި އިތުރު މެސެޖެއްގައި ކުރެއްވި ތުހުމަތު ބޮޑުކުރެއްވި އެވެ.
ރައީސް ނަޝީދަށް ރައްދުދެއްވާ ހުސައިން އެ ދުވަހު ވިދާޅުވީ އެެފަދަ ކަމެއް އޭނާ ނުކުރައްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ހުސައިނަށް އަމާޒުކުރި ތުހުމަތުތަކަކީ ހަގީގަތެއް ނޫން ކަމަށާ އެއީ ވަރަށް ބޮޑަށް ކޯފާވެފައި ހުންނެވުމަށްފަހު ވިދާޅުވި ވިދާޅުވުމެއް ކަމަށެވެ.
ރައީސް ނަޝީދުގެ ތުހުމަތުތައް ހުސައިން ސިފަކުރެއްވީ ނިމިގެން ދިޔަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށް އުފެއްދެވި ތުހުމަތުތަކެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ އިލްޒާމު އެޅުވުމުގައިވެސް ހައްދެއް އޮންނަން ވާނެ ކަމަށެވެ. ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް އެކަމުގައި މަސައްކަތް ކުރުމަކީ ދޮގު އިލްޒާމު އަޅުވަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ހުސައިން އިތުރަށް ވިދާޅުވީ ބޮމުގެ ހަމަލާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތެއް ކުރުމުގެ ސަބަބުން ހައްގުތަކާއި އިމްތިޔާޒުތަކަށް އުނިކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކުރެއްވި ތުހުމަތުގެ ގޮތުން ފުރާނައަށް ނުރައްކާ އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.