އަފްޣާންގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ އާއި ހައި ކައުންސިލް ފޮ ނޭޝަނަލް ރިކޮންސިލިއޭޝަންގެ ވެރިޔާ، އަބްދުﷲ އަބްދުﷲ ތިބީ ގޭ ބަންދު ކޮށްފައި ކަމަށް ބުނެ ފަތުރަމުން ގެންދިއަ މީޑިއާ ރިޕޯޓަކަށް ރައްދުދީ ތާލިބާނުން ބުނީ އެ ހަދަނީ ކޮޅެއް މެދެއް ނެތް ދޮގެއް ކަމަށެވެ.
ތާލިބާނުން ޕޮލިޓިކަލް އޮފީހުގެ ތަރުޖަމާން މުހައްމަދު ނައީމް ވިދާޅުވީ ސީއެންއެންއިން އެވާހަކަ ފަށައިގަތް ގޮތެއް ވެސް އެނގިވަޑައި ނުގަންވާ ކަމަށެވެ. އެނާ ވިދާޅުވީ ސީއެންއެން ކަހަލަ ނެޓްވޯކަކުން ވާހަކައެއް ދައްކާނީ މައުލޫމާތަށް ބިނާކޮށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ހާމިދު ކަރުޒާއީ އާއި އަބްދުﷲ އަބްދުﷲ ބެހޭ ގޮތުން އެނގިފައި އޮތީ އަފްޣާންގައި ވެރިކަން ކުރުމަށް އަބުދް ޣަނީ ބަރާދަރު އިސްކޮށް ތާލިބާނުން އެކުލަވާލާ 12 މެމްބަރުގެ ކައުންސިލްގައި އެ ދެބޭފުޅުން ހިމަނާފައިވާ ކަމަށެވެ.
ސީއެންއެންގެ ރިޕޯޓާ ގުޅިގެން ފެތުރުނު ވާހަކަތަކުގައި ހާމިދު ކަރުޒާއީ ގޭ ބަންދު ކުރުމަށް ފަހު ކަރުޒާއީ އާއި އަބްދުﷲ އަބްދުﷲ ގެ ސެކިޔުރިޓީ ޓީމް ވެސް ކޮންމެވެސް ތަނެއްގައި ހިފަހައްޓާފައިވާ ކަމަށް ބުނެ ދެކެވުނު ވާހަކަތައް ހިމެނެ އެވެ. ސީއެންއެންއިން ބުނީ އަބްދުﷲ އަބްދުﷲ ގެ ގެއަށް ތާލިބާނުން ވަދެ ހާވާފައިވާ ކަމަށެވެ.
ތާލިބާނުން ދަނީ އަފްޣާންގައި ސަރުކާރެއް އެކުލަވާލަން މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ހާމިދު ކަރުޒާއީ އާއި އަބްދުﷲ އަބްދުﷲ އަށް ފުރުސަތުދޭ ގޮތަށް ވާހަކަތައް ދެކެވުނެވެ. އަނެއްކޮޅުން ތާލިބާނުންގެ މަޝްވަރާ މޭޒުދޮށުގައި ވެސް މި ދެބޭފުޅުން ތިބޭތަން މީޑިއާއަށް ވަނީ ފެނިފަ އެވެ.