ދުނިޔެ

އަފްޣާން މޮސްކޯ މަޝްވަރާތައް ފަށައިފި

އަފްޣާނިސްތާންގެ ހާލަތާއި މުސްތަގުބަލާ މެދު މަޝްވަރާ ކުރުމަށް 10 ގައުމެއްގެ މަންދޫބުން އަދި ތާލިބާނުން ބުދަ ދުވަހު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ޖަމާ ވެއްޖެ އެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ބައްދަލުވުން ފައްޓަވައި ދެއްވަމުން ވިދާޅުވި ގޮތުގައި މޮސްކޯ މަޝްވަރާތަކަކީ އަފްޣާންގައި ސުލްހަ ދެމެހެއްޓުމަށް އޮތް އެންމެ ކާމިޔާބު އަދި އެންމެ އެދެވޭ ރާސްތާ އެވެ.

އެމެރިކާގެ މަންދޫބަކު ސެޝަންގައި ބައިވެރިވެ ވަޑައިނުގަތުން ވަޒީރު ސިފަ ކުރެއްވީ ނިކަމެތިކަމެއް ގޮތުގަ އެވެ. އޭނާ އަދި ވިދާޅުވީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެމެރިކާ ބައިވެރި ނުވީ އުސޫލީ މައްސަލަތަކެއްގެ ސަބަބުން ނޫން ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވީ މޮސްކޯ-އަފްޣާން ސެޝަންގައި އެމެރިކާ ބައިވެރި ނުވުން ނުބައި ގޮތަކަށް މާނަ ނުކުރައްވާނެ ކަމަށާއި އެކަމަކު އެމެރިކާއިން އަފްޣާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު މިދާކަށް ދުވަހު އިސްތިއުފާ ދެއްވުން ސަބަބަކަށް ވެދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ އަފްޣާން ހާލަތަށް ހެޔޮ ބަދަލު ގެންނަން އެމެރިކާ ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބައްދަލުވުމުގައި ކަނޑައަޅާ ކަންތައްތަކުގެ ތަންފީޒީ މަރުހަލާތަކުގައި އެމެރިކާ ބައިވެރިވާނެ ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި އަމާޒަކީ އަފްޣާނިސްތާނުގައި ސުލްޙަ ގާއިމުކޮށް ދެމެހެއްޓުމެވެ. އަދި ގަބީލާތަކައި ވަންހަތައް ހިމެނޭ ގޮތުން އެންމެން ޝާމިލުވާ ސަރުކާރެއް އެކުލަވާލުން ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ތާލިބާނުން ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައު އުޒުރުވެރިވުން މައްސަލައެއް ގޮތުގައި ވަޒީރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އަފްޣާންގައި އިޖުތިމާއީ އިގުތިސޯދީ މައްސަލަތައް ވަރަށް ގިނަ ކަމަށެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ވަޒީރު ބަސް ވިދާޅުވި އެވެ.

އަފްޣާނިސްތާނުގައި އޮތް ނިކަމެތި ހާލަތު ނުތަނަވަސް ކަމަށް މަގުފަހިކުރުވާ ކަމަށާއި އެކަމުން ފައިދާ ނަގާނެ ބަޔަކީ ޓެރަރިސްޓުންނާއި ވަގުންގެ ގޭންގުތައް ކަމަށް ލަވްރޯފް ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން އަވަށްޓެރި ގައުމުތަކުގައި ބިރުވެރިކަން އުފެދުން އެކަށީގެންވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މެދުތެރޭ އޭޝިޔާގެ އަވަށްޓެރި ގައުމުތަކާ ދެކޮޅަށް އަފްޣާން ފަސްގަނޑު ބޭނުން ކުރުމަށް ޓެރަރިސްޓުންނަށް ފުރުސަތު ނުދިނުމަށް ތާލިބާނުންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި ކަމަށެެވެ.

އަފްޣާން އިދާރާތަކާއެކު މުއާމަލާތް ކުރެވޭ މިންވަރު ރަނގަޅު ކަމަށް ވަޒީރު ވިދާޅުވި އެވެ. އަފްޣާނިސްތާނުގައި ތިބި ރަޝިޔާގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކާބުލްގައި ހުންނަ ރަަޝިއާ އެމްބަސީ ހިންގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވީ އެހެން ގައުމުތަކުގެ އެމްބަސީތަކަށް ވެސް ހުރަހެއްނެތް ކަމަށާއި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ރަޝިޔާގެ ރައްޔިތުން ކާބުލްއިން ބޭރުކުރުމުގައި ތާލިބާނުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވަޒީރު ޝުކުރުއަދާކުރެއްވި އެވެ. ރަޝިޔާގެ ނޫސްވެރިންނަށް އަފްޣާނިސްތާނުގައި ބިރެއް ނެތި ވާޖިބު އަދާކުރުމަށް ތާލިބާނުން ދިން ފުރުސަތަށް ވެސް ސުކުރުއަދާކުރެއްވި އެވެ.

ލަވްރޯފް ވިދާޅުވީ އިންސާނީ ކާރިސާއިން އަފްޣާން ސަލާމަތްކުރުމަށާއި ހިޖުރަކުރާ މީހުންގެ ރާޅުބާނިތައް ކުރިމަތިވިޔަ ނުދިނުމަށް އަފްޣާނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަގުތު ކުޑަތަން ވެއްޖެ ކަމަށެވެ.

މޮސްކޯ-އަފްޣާން މަޝްވަރާ ސެޝަންގައި ރަޝިޔާގެ އިތުރުން ކަޒަކިސްތާނާއި ތަޖިކިސްތާނާއި އީރާން އަދި ޕާކިސްތާނާއި ޗައިނާ އާއި ތުރުކުމެނިސްތާންގެ އިތުރުން އިންޑިއާ އާއި ކިރްގިސްތާން އަދި އުޒްބެކިސްތާންގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި އެވެ. ރަސްމީ ސެޝަންތަކަށް ފަހު ޖޮއިންޓް ސްޓޭޓްމަންޓަކަށް އަމަލުކުރަން ގޮވާލާނެ ކަމަށް ބެލެވެ އެވެ.