ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޯނުކުރައްވައި އަފްޣާނާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން ބުނީ ދެރައީސުން ވާހަކަދެއްކެވީ އަފްޣާން އިގްތިސޯދަށް އެއްބާލުން ދެވެން ހުރި ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.
ދެލީޑަރުންގެ މަޝްވަރާގައި އަފްޣާނުން ޓެރަރިޒަމް ނައްތާލުމާއި ތާލިބާނުން ވެރިކަންކުރަން ފެށުން ޑްރަގް ނެޓްވޯކްތައް އުފެދުމަށް އޮތް ބިރުވެރިކަމާ ބެހޭ ވާހަކަތައް ވެސް ހިމެނޭ ކަމަށް ކްރެމްލިންއިން ބުންޏެވެ.
ޝީ ވިދާޅުވި ކަމަށް ވަނީ އަފްޣާންގައި ސުލްހަ ގާއިމުކުރުމަށް އޮތް އެންމެ ފަސޭހަ ގޮތަކަށް ވާނީ އިގްތިސޯދު ހަރުދަނާކޮށް އާންމު ފަރުދުންނަށް ސަރުކާރުން އަޅާލާ މިންވަރު އިތުރުކޮށްގެން ކަމަށެވެ. އަފްޣާންގައި ތާލިބާނުން ސަރުކާރެއް އެކުލަވާލުމާއެކު ޗައިނާއިން އިންވެސްޓްމަންޓް ހުށަހަޅާނެ ކަމަށް ޝީ ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ ޗައިނާއާއެކު އަފްޣާންގެ ތަރައްގީއަށް ރަޝިއާ ވެސް ބައިވެރިވާނެ ކަމަށާއި މިވަގުތަށް އޮތް އެންމެ މުހިންމު ކަމަކީ ސުލްހަ ކަމަށެވެ. އަފްޣާނަކީ ގަބީލާތައް ގިނަ ގައުމަކަށް ވެފައި ކޮންމެ ގަބީލާއަކުން ވެރިކަން ކުރަން ނުކުތުން މައްސަލައަކަށް ވާނެ ކަމަށާއި ޓެރަރިސްޓް ހަމަލާތައް ގިނަވެދާނެ ކަމަށް އޮތް ބިރު ބޮޑު ކަމަށެވެ.
ތާލިބާނުން އޮގަސްޓް 15 ގައި އަފްޣާން ހިފައި ސަރުކާރެއް އުފައްދަން މަސައްކަތްކުރަމުން އެބަ ގެންދެ އެވެ. އަފްޣާންގައި ތާލިބާނުން ވެރިކަން ކުރަން ފެށުމުން އޮތް ބިރަކީ ސަރަހައްދީ ޓެރަސްޓް ގުރޫޕްތައް – އައިސިސް-ކޭ ފަދަ ހަނގުރާމަވެރި ގުރޫޕްތަކުން އަފްޣާނަށް ހަމަލާތައް އިތުރުކުރުމެވެ. އައިސިސް-ކޭ ދެކޭ ގޮތުން ތާލިބާނުންނަކީ ނައްތަލަން ޖެހޭ ދުޝްމަނުންނެވެ.