ދުނިޔެ

ކާބުލް އެއާޕޯޓް ހިންގައިދޭން ތާލިބާނުން އެދިއްޖެ: އުރުދުޣާން

ކާބުލް އެއާޕޯޓް، ހާމިދު ކަރުޒާއީ އިންޓަނޭޝަލް އެއާޕޯޓް ތުރުކީން ހިންގައި ދިނުމަށް ތާލިބާނުން ހުށަހަޅައިފި ކަމަށް ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅު ވެއްޖެ އެވެ. އުރުދުޣާން ވިދާޅުވީ ސަލާމަތީ ގޮތުން އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ކަމެއް ތާލިބާނުން ބަލަހައިޓައި ދޭނެ ކަމަށާއި އެ ޖަމާއަތުން އެދުނީ އެއާޕޯޓް މެނޭޖްކޮށް ހިންގައި ދިނުމަށް ކަމަށެވެ.

އަފްޣާން ދޫކޮށް ފުރަން ބޭނުންވެފައި ތިބި މީހުންނާއިގެން ކާބުލް އެއާޕޯޓް މިހާރު ވެސް އޮތީ ތޮއްޖެހިފަ އެވެ. އެއާޕޯޓް ސާފުކޮށް އާދައިގެ ހާލަތަށް ގެނެސް ދަތުރުވެރިންނަށް ހުޅުވާލެވޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ. އަނެއްކޮޅުން އެއާޕޯޓް ސަރަހައްދުގައި އައިސިސް-ކޭ ޖަމާއަތުން ޖާނު ގޮއްވައިގެން ދިން ބޮމުގެ ހަލަމާތަކުގެ ސަބަބުން ބިރުވެރިކަން އަދި ވެސް ނުފިލަ އެވެ.

އުރުދުޣާން ވިދާޅުވީ ތާލބާނުން އެދުމުގެ މަތިން އެއާޕޯޓަ ހަވާލުވާން މަޝްވަރާ ކުރައްވާނެ ކަމަށާއި ތުރުކީން އަދި ރަސްމީ ޖަވާބެއް ނުދެން ކަމަށެވެ.

އިސްތަންބޫލްގައި، ބޮސްނިއާ ހެޒްގޮވީނާގެ ވެރިރަށް ސަރައިވޯއަށް ފުރާވަޑައިގަތުމުގެ ކުރިން އުރުދުޣާން ނޫސްވެރިނަށް ވިދާޅުވި ގޮތުން ކާބުލް އެއާޕޯޓަށް ހަމަލާދިން ބަޔަކަށް ހަރުކަށި އަދަބު ދޭން ޖެހެ އެވެ. އެމަނިކުފާން ވިދާޅުވީ ހަމަލާދިން ކަމަށް ބެލެވެނީ ދާއިޝް / އައިސިސް ޖަމާއަތުން ކަމަށާއި އެ ބައިގަނޑު ތިބި ތަނަކުން ދަމާ ނެރެން ޖެހޭ ކަމަށެވެ.

އުރުދުޣާން ވިދާޅުވީ ކާބުލް އެއާޕޯޓުގައި އެހާ ގިނަ މީހުން އެއްވެފައި ތިއްބައި ދިން ފަދަ ހަމަލާއެއް އެއާޕޯޓް އާދައިގެ ހާލަތަށް ގެންނަ ފަހުން ވެސް ދީފާނެ ކަމަށާއި އެފަދަ ޓެރަރިސްޓުންގެ ކިބައިން ކާބުލް މުޅިން ސާފުވާން ޖެހޭ ކަމަށެވެ.

އުރުދުޣާން ވިދާޅުވި ގޮތުން ކާބުލްގައި ހުންނަ ތުރުކީ އެމްބަސީ އެއާޕޯޓްގެ ސެކިޔުރިޓީ ޒޯނަށް ބަދަލު ކޮށްފައިވާ ކަމަށާއި ތާލިބާނުންނާއެކު އެތަނުގައި މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. އެމަކިނުފާން ވިދާޅުވީ އެއާޕޯޓެއް ހިންގަން ހަވާލުވާއިރު ދެފަރާތުން ދައްކަން ގިނަ ވާހަކަ ހުންނާނެ ކަމަށާއި ތާލިބާނުންނާއެކު އިތުރު ބައްދަލުވުންތައް އަދިވެސް އޮންނާނެ ކަމަށެވެ.

ކާބުލް އެއާޕޯޓަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 90 އަށް އަރާފައިވާ ކަމަށް ތުރުކީން ބުނެ އެވެ. އޭގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހަކު ހިމެނެ އެވެ. ހަމަލާތަކުގައި އެކިވަރުގެ އަނިޔާ 170 އަށް ވުރެ ގިނަ މީހުންނަށް ވަނީ ލިބިފަ އެވެ.