ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މަސް ގަންނަން ކީކިމިނި ތައްޔާރުވަނީ

Aug 28, 2021

އިރުވައިގައި ރާއްޖޭގެ މަސްވެރިކަން ރަނގަޅަށް ފެށިގެން އަންނައިރު ށ. ކީކިމިނީގައި ހަދާފައިވާ މަސް ފެކްޓަރީއަށް މަަސް ގަންނަން ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އަށް ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަސް ގަނެ ރައްކާ ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހާއްސަކޮށް އުތުރުގައި މަސް ގަންނާނެ ފެކްޓަރީއެއް ނެތުމުން އަކަމަށް އަވަސް ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކީކިމިނީގައި ހަދާފައިވާ މަސް ފެކްޓަރީ އޮޕަރޭޝަން ގެނެސް މަސް ގަތުން އަވަސް ކުރުމަށްޓަކައި އެ ފެކްޓަރީ ހިންގާ އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ވާހަކަދައްކާފައިވާ ކަމަށެވެ. ކީކިމިނީގައި މިހާރު ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރު ކުރިއަށް އޮތް މަސްވެރިކަމުގެ ސީޒަނުގައި އެ ފެކްޓަރީ އަށް މަސް ގަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހަސަން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"އަޅުގަނޑުމެންގެ މިނިސްޓަރު ވަރަށް ފަހުން ކީކިމިއްޔަށް ވަޑައިގެން ވަރަށް ބައްލަވައިފި. އެތަން އެވަނީ އަދިވެސް ރަނގަޅަށް ނުފެށި. އެހެންނަމަވެސް އެބޭފުޅުން މިހާރު ވަރަށް ރަނގަޅަށް ތައްޔާރުވެފައި ހުރީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ސީޒަން ތެރޭގައި އެބޭފުޅުން ވެސް ގަންނަން ފަށާނެ ކަމަށް އަޅުގަނޑުމެން ލަފާކޮށްފައި އޮތީ. އެތަން ވަރަށް ބޮޑަށް ތައްޔާރުކޮށް ހަދާފައި އޮތީ މަސް ގަތުމަށްޓަކައި.،" ހަސަން ވިދާޅުވި އެވެ.

ކީކިމިނީގައި މަސް ފެކްޓަރީއެއް ގާއިމުކުރުމަށް އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ އެ ރަށް ހަވާލުކޮށްފައި އޮންނަތާ އެތައް އަހަރެއްވީ އިރު ވެސް އެ ރަށުގެ އޮޕަރޭޝަން ފެށުން ލަސްވުމަކީ މަސްވެރިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ މައްސަލަ އެކެވެ.

ތ. ފުނައްޑޫގައި ހަދާފައިވާ މަސް ފެކްޓަރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހަސަން ވިދާޅުވީ އެ ރަށުގެ އޮޕަރޭޝަން އަލުން ފެށުމަށް ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ފުނައްޑޫ އަކީ ދޭތެރެއަކުން ކޮންމެވެސް ބަޔަކު އެތަނާ ހަވާލުވެ، މަސައްކަތް ފެށުމަށްފަހު ހުއްޓާލައި ތަނެއްކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ދާއިމީކޮށް ފުނައްޑޫ އޮޕަރޭޓް ކުރެވޭނެ ބަޔަކު ހޯދުމަށް ކަމަށެވެ. މިހާރު ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރު އަންނަ އަހަރު ތެރޭގައި ފުނައްޑޫ ވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ހަސަން އުއްމީދުކުރައްވަ އެވެ.

ހަސަން ވިދާޅުވީ ދެކުނުގެ މަސްވެރިން ބާނާ މަސް ގަތުމަށްޓަކައި ލ. އަތޮޅުގައި ހަދާފައިވާ ހޮރައިޒަން މަސް ފެކްޓަރީއާއި ގއ. ކޫއްޑޫ ފެކްޓަރީ އަދި އައްޑޫ ސިޓީގެ ހުޅުދޫގައި ހަދާފައިވާ ފެސިލިޓީ ހުރުމުން މާބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު ހުރިހާ މަސްވެރިން މަސް ވިއްކަން އެއް ދިމާލަކަށް ގޮސްފިނަމަ ފެކްޓަރީތަކަށް ބާރު ބޮޑުވާނެ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

ހަސަން ވިދާޅުވީ ކުރިން ބައެއް ކުންފުނިތަކަށް މަސް ގަތުމަށް އޮތް އެކްސްކުލޫޒިވިޓީ ނުވަތަ ހާއްސަކަން މިހާރު ދޫކޮށްލައި، މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ކޮންމެ ބަޔަކަށް ވެސް މިހާރު މަސް ގަނެ ބޭރުކުރެވޭނެ ކަމަށެވެ. މަސްވެރިން ބާނާ މަސް ގަތުމަށްޓަކައި އަމިއްލަ ކުންފުނިތަކާ މަޝްވަރާކޮށް ކުންފުނިތަކަށް ހުރި ދަތިތައްވެސް ސަރުކާރުން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިފްކޯ އަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އެއް ދައްޗަކީ މަސް ގަތުމަށް ބޭނުންކުރާ ބޯޓުތައް ކުދިވުން ކަމަށް ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ ދޯނިތައް އަޅުގަނޑު ދަންނަވާނީ އަށްޑިހައިގެ އަހަރު ތެރޭގައި ނުވަދިހައިގެ އަހަރު ތެރޭގެ ދޯންޏާއި މިހާރުގެ ދޯންޏާއި ވަރަށް ތަފާތު އިނގޭތޯ. ދެން މިފްކޯ ތަންތަނުގައި އަޅުގަނޑު ދަންނަވާނީ ކުރިން ގެންގުޅުނީ ވަރަށް ކުޑަ ކެޕޭސިޓީގެ ބޯޓުތަކެއް. މިހާރު އެއިން ބޯޓަކަށް އެންމެ ދޯންޏެއްގެ މަސްވެސް ނުކިރުވޭނެ،" ހަސަން ވިދާޅުވި އެވެ.

މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމަށްޓަކައި ސަރުކާރުން ގެންދަނީ ކޫއްޑޫ ފެކްޓަރީގެ ސްޓޯރޭޖު ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޫއްޑޫގައި މިހާރު ހުރި 2000 ޓަނުގެ މަސް ރައްކާކުރާ ސްޓޯރޭޖަށް އިތުރު 4000 ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ކޫއްޑޫ ސްޓޯރޭޖުގެ ކެޕޭސިޓީ ޖުމްލަ 6000 ޓަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މީގެއިތުރުން މަސް ރައްކާ ކުރާ ސްޓޯރޭޖެއް މިވަގުތު ގާއިމުކޮށްފައި ނުވާ ފެލިވަރުގައި ވެސް 4000 ޓަނުގެ ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު ދުވާލަކަށް ގަނެވެނީ 240 ޓަނުގެ މަހެވެ.