މިފްކޯ

މަސްދަޅުގެ އަގު ބޮޑެއް ނުކުރަން: މިފްކޯ

މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ރޯދަ މަސް ނިމުމުން މިފްކޯގެ މަސްދަޅުގެ އަގު ބޮޑުކޮށްފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ބައެއް އާންމުން ވަނީ މިފްކޯ އަށް ފާޑުކިޔާފަ އެވެ.

މިކަމާ ގުޅިގެން އަވަސް އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ މިފްކޯގެ މަސްދަޅު މިހާރު ބާޒާރުގައި ލިބެންހުރި އަގަކީ މިއަހަރުގެ ރޯދަ މަހަށް ހާއްސަ ކޮށްގެން ފެށި ޕްރޮމޯޝަނަކަށް ކަނޑައެޅި އަގުތަކެއް ކަމަށެވެ.

ކޮންމެ އަހަރަކުވެސް މިފްކޯއިން ރޯދަމަހާއި ދިމާކޮށް މަސްދަޅުގެ އަގު ހެޔޮ ކުރެ އެވެ. އަދި ރޯދަ މަސް ނިމުމުން އެ އަގުތައް ކުރީގެ އަގަށް ބަދަލުކުރެ އެވެ.

ފައުޒީ ވިދާޅުވީ ކޮވިޑްގެ ހާލަތު އޮތް ގޮތުން މިފްކޯ އިން މީގެކުރިން އަމަލުކުރާ ގޮތަށް ރޯދަ މަސް ނިމުމުން މިއަހަރު މަސްދަޅުގެ އަގަށް އަދި މިހާތަނަށް ބަދަލު ގެނެސްފައި ވެސް ނުވާނެ ކަމަށެވެ.

"ސަރުކާރުގެ މަސައްކަތްތައް ކުރީގައި އޮތްގޮތަށް ރުޖޫއަވެ، ލޮކްޑައުން އުވާލައި، އަދި ކޮވިޑްގެ މިހާލަތުން އަރައިގަނެވުމުން އަނބުރާ ކުރީގައި ވިއްކި އަގަށް މަސްދަޅުގެ އަގު ބަދަލުކުރަން ވިސްނިދާނެ. ނަމަވެސް މަސްދަަޅުގެ އަގު އޭރުން ވެސް ކުރިއަށް ވުރެ ވަކި އަގު ބޮޑު ވެގެނެއް ނުދާނެ،" ފައުޒީ ވިދާޅުވި އެވެ.

ބާޒާރުގައި މިފްކޯގެ ތެޔޮ މަސްދަޅެއް މިހާރު ވިއްކަނީ 12.25 ރުފިޔާ އަށެވެ. އަދި ފެން މަސް ދަޅެއް ވިއްކަނީ 11.25 ރުފިޔާ އަށެވެ. ތެޔޮ މަސްދަޅެއް ރޯދައިގެ ކުރިން ވިއްކާފައިވަނީ 13.05 ރުފިޔާ އަށެވެ. އަދި ފެން މަސްދަޅެއް ވިއްކާފައިވަނީ 12.05 ރުފިޔާ އަށެވެ.