ދުނިޔެ

ކާބުލްގައި ބޭންކްތައް އަދިވެސް ބަންދު

އަފްޣާނިސްތާންގައި ބޭންކްތައް ބުދަ ދުވަހު ހުޅުވާނެ ކަމަށް ތާލިބާނުން އޮތީ ބުނެފަ އެވެ. ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުން ބޭންކްތައް ހުޅުވާނެ ކަމަށް މާލީ އިދާރާތަކުން އޮތީ އެއްބަސްވެފަ އެވެ.

ބޭންކްތައް ނުހުޅުވައި ދިގުލައިގެން ދިއުމުން އާންމުންގެ އަގުތައި ހުރި ނަގުދު ފައިސާ ހުސްވެ ދަތިތައް ކުރިމަތިވެވައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް ބޭންކްތައް ހުޅުވާނެ ވަކި ތާރީޚެއް ފައިނޭންސް މިނިސްޓްރީއަކުން ވެސް ނުބުންޏެވެ. ބުނީ ބޭންކްތައް ހުޅުވުން ދެން ލަސް ނުވާނެ ކަމަށެވެ.

ބޭންކްތައް ހުޅުވައި ދިނުމަށް ތާލިބާނުން ބާރު އަޅަމުން ދިއަ ނަމަވެސް، މަރުކަޒީ ބޭންކް ހުޅުވުމުގެ ކުރިން ޕްރައިވެޓް ބޭންކްތަކާއި އަދި ފައިސާ މާރު ކުރާ ތަންތަން ފަދަ ފައިސާއާ ގުޅުން ހުރި އިދާރާތައް ހުޅުވަން އެތަންތަން ހިންގާ މީހުން ދެކޮޅު ކަމަށްވެ އެވެ.

ޚަބަރުތައް ބުނާ ގޮތުން ބޭންކްތައް ބަންދު ކޮށްފައި ހުރުމުން މުވައްޒަފުންނަށް މުސާރަ ދޭން ކުންފުނިތަކަށް ވަނީ ދަތިވެފަ އެވެ. ތާލިބާނުން އަރައި އަފްޣާން ކުއްލިއަކަށް ހިފުމުން ކުންފުނިތަކުގެ ވެރިންނަށް ދުރާލާ ކަމެއް ކުރާނެ ވަގުތު ނުލިބުނީ އެވެ.

ދުނިޔޭގެ މާލީ އިދާރާތަކުން ބުނާ ގޮތުން ތާލިބާނުންނާއެކު މުއާމަލާތް ކުރެވޭނީ އިންސާނީ ހައްގުތަކާ މެދު ތާލިބާނުން ދެކޭ ގޮތެއް އެނގުމުންނެވެ. ތާލިބާނުންނަށް އޮތީ އަމަލުން އެކަން ސާބިތު ކޮށްދިނުމެވެ. އަދި ބުނީ އަފްޣާން ދޭން ހަމަޖެހިފައި ހުރި މާލީ އެހީތައް މި ވަތުގަށް މަޑުޖައްސާނީ ކަމަށެވެ.

އަފްޣާންގައި އިންވެސްޓްކުރާނެ ކަމަށް ޗައިނާއާ ރަޝިއާއިން ވެސް ބުނެ އެވެ. އެހެން ނަމަވެސް ބުނާ ބަހާ އަމަލާ ދިމާ ކުރަން ޖެހޭނެ ކަމަށް އޮތީ ބުނެފަ އެވެ. ތާލިބާނުން ވެސް ހެޔޮ ގޮތުގައި މުއާމަލާތްކުރާ ނަމަ ތާލިބާނުންނަށް އެއްބާލުން ދޭނެ ކަމަށް އެގައުމުތަކުން ބުނެ އެވެ.