ދުނިޔެ

1.2 ބިލިއަން އެކައުންޓު ހެކް ކުރި މީހަކު އެފްބީއައި އިން ހޯދަނީ


މީހުންގެ ޒާތީ މައުލޫމާތުން ވައްކަންކުރަން 1.2 ބިލިއަން މީހުންގެ އެކައުންޓް ހެކްކުރި ހެކަރެއް އެފްބީއައި އިން ދެނެގަނެ އެމީހާ ހޯދަށް ފަށައިފިއެވެ. އިންޓަނެޓުގައި މި މީހާ މަޝްހޫރުވެފައި ވަނީ މރ. ގްރޭ ގެ ނަމުންނެވެ.

މި ހެކަރު މީހުންގެ ޒާތީ މައުލޫމާތު ނަގާފައިވަނީ ރަޝިޔާގެ އީމެއިލް އެޑްރެހެއް މެދުވެރި ކޮށެވެ. މީހުންގެ ފޭސްބުކް އަދި ޓްވިޓާގެ ޔޫޒާ އާއި ޕާސްވޯޑް އޮންލައިންކޮށް ވިއްކުމަށް މރ. ގްރޭ މަސައްކަތް ކުރިއެވެ. އޭނާ ވަގަށް ނެގި މައުލޫމާތު ތަކުގެ ތެރެއިން މިހާތަނަށް ވިއްކާފައި ވަނީ ކިހާ މައުލޫމާތެއް ކަމެއް ސާފެއް ނުވެއެވެ.

މި ހެކަރުގެ ހަރަކާތްތަށް ފާހަގަ ކުރެވި އެންމެ ފުރަތަމަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހެޅީ އެމެރިކާގެ ސައިބަ ސެކިއުރިޓީ ކުންފުންޏެކެވެ. މި ކުންފުނިން ވަނީ އެތައް ބައެއްގެ މައުލޫމާތާއި ހެކް ކޮށްފައިވާ 500 މިލިއަން އީމެއިލް އެޑްރެސް އެއްގެ މައްސަލަ ރިޕޯޓު ކޮށްފައެވެ. މި ކުންފުނިން ބުނީ ރަޝިޔާގެ ސައިބާވޯސް ނަމަކަށްކިޔާ އިންޓަނެޓުން ވައްކަން ކުރާ ގުރޫޕުން ވެސް 4 ލައްކައަށްވުރެ ގިނަ ވެބްސައިޓް ހެކްކޮށްފައިވާ ކަމަށެވެ.

ގްރޭ ވަނީ އަމިއްލަ އެކައުންޓްތައް ހެކް ވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ސޮފްޓްވެއާ އެއް ވިއްކާފައެވެ. ވައިރަސް ތަކަކީ އެންޓި ވައިރަސް ހަދާ ފަރާތްތަކުން އެމީހުންގެ އެންޓި ވައިރަސް ވިއްކުމަށް އުފަންކުރާ އެއްޗެއް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނާ ބުނުން ގްރޭ ގެ ވައްކަމުގައި ވަނީ ދިމާ ވެފައެވެ. ގްރޭ ވަގަށް ނެގި 1.2 މިލިއަން ޕާސްވޯޑަކީ މިހާތަނަށް މިގޮތަށް އިންޓަނެޓުގައި ކުރި މިފަދަ އެންމެ ބޮޑު ވައްކަމެވެ. -- ބީބީސީ