އޭސީސީ

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ކޯސްތަކެއް ފަށަނީ

ގައުމީ ޔުނިވާސިޓީއާ ގުޅިގެން ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ހޭލުންތެރިކުރުމާބެހޭ ކޯސްތަކެއް ފަށަން އޭސީސީން ނިންމައިފި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފުޅާ ދާއިރާއެއްގައި ހިންގަން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެމްއެންޔޫއާ ގުޅިގެން އެ ކޮމިޝަނުން ހިންގަން ނިންމާފައިވާ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް ދޭ ގޮތަށް ތައްޔާރުކުރާ ކޯސްތަކެއް ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ކޯސްތައް އެމްއެންޔޫއާ ގުޅިގެން ހިންގުމަށްޓަކައި އެކޮމިޝަނުން އެމްއެންޔޫގެ އިސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތުން އަންނަ 2016 ވަނަ އަހަރު ކޯސްތައް ފަށަން މިހާރު ނިންމާފައިވާ ކަމަށެވެ.

އަންނަ އަހަރު އޭސީސީން އެމްއެންޔޫގައި ފަށާ ކޯސްތަކަކީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ކޯސްތަކެކެވެ. އެހެން ނަމަވެސް ޔުނިވަސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮރަޕްޝަނާ ގުޅޭ ހޭލުންތެރިކުުމުގެ ޕްރޮގްރާމްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.