ދުނިޔެ

އެއް ކުށެއްގައި ހިމެނޭ ދެ މީހަކަށް އެއް ވަގުތެއްގައި އިންޑޮނީޝިއާ ގައި މަރުގެ އަދަބު ދެނީ

މީގެ 10 އަހަރު ކުރިން އިންޑޮނީޝިއާއަށް ހަތަރު މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި މަރަން ހުކުމްކުރި އޮސްޓްރޭލިއާގެ ދެ މީހުންނަށް އެއް ވަގުތެއްގައި މަރުގެ އަދަބު ދިނުމަށް އިންޑޮނީޝިއާ އިން ނިންމައިފި އެވެ.

އޮސްޓޭރިލާގެ ދެ ރައްޔިތެއް ކަމަށް ވާ މޫރާން ސުކުމަރަން އާއި އެންޑްރޫ ޗެންގެ މައްޗަށް މަރުގެ ހުކުމް އައިސްފައިވަނީ ބަރުދަނުގައި 8.3 ކިލޯގެ މަސްތުވާތަކެތި އިންޑޮނީޝިއާއަށް އެތެރެކުރަން އުޅުމުންނެވެ. އެ ދެ މީހުންގެ އިތުރުން އިތުރު ހަތް މީހަކު ވެސް އެ މައްސަލައިގައި ހައްޔަރުކުރި ނަމަވެސް އެ ދެ މީހުން ފިޔަވައި އެންމެނަށް ވެސް އައީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

އިންޑޮނީޝިއާގެ އެޓާނީ ޖެނެރަލް ވިދާޅުވީ އެ ދެ މީހުން އެ ކުށްކުރީ އެއްފަހަރާ ކަމަށް ވާތީ އެ ދެ މީހުންނަށް މަރުގެ އަދަބު ދޭނީ ވެސް އެއްފަހަރާ އެއް ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެ ދެ މީހުންނަށް މަރުގެ އަދަބު ދޭނެ ދުވަހެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

މަރުގެ އަދަބު ލުއިކޮށް ދިނުމަށް އެ ގައުމުގެ ރައީސަށް އެ ދެ މީހުން ހުށަހެޅި ނަމަވެސް އޭގެ ތެރެއިން އެކަކުގެ މަރުގެ އަދަބު ލުއިކޮށްދެވެން ނެތް ކަމަށް ރައީސް ވަނީ ނިންމެވިއިރު ދެވަނަ މީހާ ހުށަހެޅި ހުށަހެޅުމާ މެދު މިހާތަނަށް ވަކި ގޮތެއް ރައީސް ނުނިންމަވަ އެވެ. ނަމަވެސް ރައީސް ޖޮކޯ ވިދޯދޯ ކުރިން ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރަން ހުކުމް ކުރެވޭ އެއްވެސް މީހެއްގެ އަދަބު ލުއިކޮށް ނުދެއްވާނެ ކަމަށެވެ.

މަރުގެ އަދަބު އުވާލުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އިންޑޮނީޝިއާ ސަރުކާރަށް ގޮވާލަމުން ދިޔަ ނަމަވެސް އަންނަ އާދިއްތަ ދުވަހު އެ ގައުމުގައި ވަނީ ހަ މީހަކަށް މަރުގެ އަދަބު ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެހެން އެންމެނަކީ ވެސް ބޭރު ގައުމުތަކުގެ ރައްޔިތުންނެވެ. އެ ހަ މީހުންނަކީ ރައީސް ވިދޯދޯ ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން ފުރަތަމަ މަރުގެ އަދަބު ދޭނެ މީހުންނެވެ.

މަސްތުވާތަކެތީގެ އެތެރެ ކުރުމުގެ މައްސަލަތަކުގައި މަރުގެ އަދަބު ދެމުންދާ އިންޑޮނީޝިއާ ގައި ނުރަސްމީކޮށް މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮންނަތާ ހަތަރު އަހަރަށް ފަހު އަލުން މަރުގެ އަދަބު ތަންފީޒު ކުރަން ފެށީ 2013 ގަ އެވެ.