ރައީސް އަބްދުﷲ ޔާމީން

ހެކިތައް ބަލައި ނުގަތުމާމެދު ގޮތެއް ނުނިންމުނު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދެ ދައުވާ ސާބިތު ކުރަން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ހެކިތަކެއް ބަލައި ނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުންތަކާމެދު މިއަދު ގޮތް ނިންމޭ ގޮތެއް ނުވި އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ މައްސަލައިގައި ދައުވާ ލިބޭ ހަތަރު މީހުން އެއްކޮށެވެ. އެއީ ރައީސް ޔާމީނާއި، އަހުމަދު ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ.

ރައީސް ޔާމީން ފިޔަވައި ދެން ތިބި މީހުންގެ ބައިގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ބައެވެ. ރައީސް ޔާމީންގެ ބައިގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމުގެ ބައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު 9:00 އަށް ތާވަލްކުރި މި އިބްތިދާއީ އަޑުއެހުން ފެށުނީ 10:20 ހާއިރު އެވެ. މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އަޑުއެހުން ފެށުން ލަސްވެފައި ވަނީ ދައުވާ ލިބޭ ބައެއް ފަރާތްތަކުން ވަކީލުން އައްޔަނުކުރުމާއި އަދި މައްސަލައިގައި ތަނާޒުލްވެފައިވާ ވަކީލުންގެ ކަންކަމާ ގުޅިގެން ކަމަށެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އޮންލައިންކޮށް ގުޅާލައިފައިވާ ބައެއް މީހުންނަށް ކޯޓުގެ މަންޒަރާ އަޑު ލިބުމުގައި ދަތިތަކެއް ވެސް ދިމާވަމުން ދާތީ ކޯޓުން ވަނީ މި އަޑުއެހުމުގެ ބައިތައް އެހެން ދުވަހަކަށް ރީޝެޑިއުލް ކޮށްފަ އެވެ. އެގޮތުން ރައީސް ޔާމީން ފިޔަވައި ދެން ތިބި މީހުންގެ އަޑުއެހުން މިމަހުގެ 16 ވަނަ ދުވަހުގެ އެކި ގަޑިތަކަށް ބަހައިލި އެވެ.

ރައީސް ޔާމީންގެ ބައި ދެން ކުރިއަށް ގެންދާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ޝަރީއަތެއް ކަމަށް ކަނޑައަޅާފަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެދުވަހު ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ 86 ހެކީގެ ތެރެއިން ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ވަނީ ހުށަހަޅާފަ އެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ހެކިބަސް ނުނެގޭނެ ކަމަށް ވަނީ ހުށަހަޅާފަ އެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑީގައި ވަނީ އެ ދެ މީހުން ކަމަށާއި އެ ދެ މީހުންނަކީ ދައުވާ ލިބޭ ފަރާތަށް "ހެކި ދިނުމަށް އުފައްދާފައިވާ މެޝިންތަކެއް" ކަމަށް ވުން ކަމަށެވެ.

މީގެ އިތުރުން ވެސް އިތުރު ޝަފަހީ ހެކިތަކާއި ކިތާބީ ހެކިން ބަލައި ނުގަތުމަށް ވަނީ އެދުނެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.