އެމްއެމްޕީއާރުސީގެ ހިޔާނާތް

ޔޫސުފް ނައީމު ޖަލުގައި ހުންނަވާއިރުވެސް އާރަށުން އޭނާއަށް ފައިދާ

ވ. އާރަށުގެ މައްސަލައިގައި ކުށް ސާބިތުވެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޖަލަށްލީ ނަމަވެސް އާރަށުން ޔޫސުފް ނައީމަށް މިހާރުވެސް ބޮޑު ފައިދާއެއް ލިބެމުންދާ ކަމަށާއި އެކަން ހުއްޓުވައިދިނުމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އެދިވަޑައިގެންފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ އާރަށުގެ މައްސަލައިގައި ޖިނާއީ ހުކުމެއްކޮށް ޖަލަށްލީ ނަމަވެސް ޔޫސުފް ނައީމަށް އާރަށުން ފައިދާ ލިބެމުންދާ ކަމަށާއި އޭގެ ސަބަބުން ނުހައްގު މުއްސަނދިކަމެއް ލިބޭނެ ކަމަށެވެ. އެހެންވެ އެކަން ހުއްޓުވައިދިނުމަށް ފިޔަވަޅު އެޅުމަށް ޝުޖާއު ވަނީ ޕްރޮސެކިއުޓާ ޖެނަރަލްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ޖިނާއީ ބަޔާ އެކީ މަދަނީ ބައިވެސް އެބަ ޖެހޭ ނިމެން. އެހެންނޫނީ މި މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭ. އެމްޑީޕީން ވެރިކަމަށް އައީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ނުހައްގު މުންސަނދިކަން ހޯދައި މީހުން ހުއްޓުވަން. އެކަން ކުރަން ޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާރަށުގައި މިހާރު ރިސޯޓެއް ތަރައްގީކޮށް ހިންގަމުންދާތީ ވ. އަތޮޅުގެ ރައްޔިތުންނަށް އެ ރަށް އަނބުރާ ދޭން ޖެހޭ ކަމަށް މިހާރު ގަބޫލުނުކުރައްވާ ކަމަށެވެ. އެކަމަކު ޔޫސުފް ނައީމު އާރަށް ހޯދުމުގެ މަރުހަލާގައި އާއި އަދި އެ ރަށް ބޭނުންކުރައްވައިގެން ޖިނާއީ ކުށެއް ކުރިކަން ސާބިތުވުމާ ގުޅިގެން އާރަށުން އެއްވެސް ފައިދާއެއް ޔޫސުފް ނައީމަށް ލިބިގެންވާނެ ކަމަށް އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ރަށުގައި ތަރައްގީ ކުރަމުންދާ ރިސޯޓު ހިންގާ ކުންފުނީގައި ޔޫސުފް ނައީމްގެ ހިއްސާ އޮތުމުން އެ ހިއްސާ ދައުލަތަށް ނަގަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އާރަށުން ޔޫސުފް ނައީމަށް ލިބޭ މާލީ މަންފާ ހުއްޓުވާ ނުލެވޭނަމަ އިއްޔެ އާރަށުގެ މައްސަލައިގައި ޔޫސުފް ނައީމު ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސަް މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭ ކަންވެސް ޝުޖާއު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ.

"މިހާރު މިވާ ގޮތުން ޔޫސުފް ނައީމު ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން ނިކުންނައިރު ޔޫސުފް ނައީމް ހުންނާނީ ބޮޑު މުއްސަންޖަކަށް ވެފައި ނޫންތޯ،" ޝުޖާއު ވިދާޅުވި އެވެ.

އާރަށް ކުއްޔަށް ހިފީ ރިޝްވަތު ދީގެންކަން ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވެ ތިން އަހަރާއި ދެ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އިއްޔެ އެވެ. މި މައްސަލައިގައި ރިޝްވަތު ހިފިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް ވަނީ ޖަލަށްލާން ހުކުމްކޮށްފަ އެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކޮށް އެ ރަށް މިހާރު ހިންގަނީ ސިނަމަން ވެލިފުށި މޯލްޑިވްސްގެ ނަމުގަ އެވެ. މިރިސޯޓު ހިންގާތާ މިހާރު ގާތްގަނޑަކަށް އަހަރެއް ވެއްޖެ އެވެ.