ރައީސް އަބްދުﷲ ޔާމީން

ޔާމީން ޖަލަށްލި މައްސަލައިގެ ހުކުމް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު ހުކުމް މާދަމާ އިއްވާނެ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން ފުރަތަމަ ތާވަލުކުރީ މި މަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް ފަހުން ވަނީ ހުކުމް އިއްވުން 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ. ޔާމީނަށް ހުކުމް ކުރުން އޮތީ މާދަމާ މެންދުރު 1 ޖަހާއިިރު އެވެ.

ރައީސް ޔާމިޏްގެ އިސްތިއުނާފު ޝަރީއަތް ނުނިމި ދިގުލައިގެންދާތީ އެމަނިކުފާނުގެ ވަކީލުންނާއި އާއިލާއިން އަދި އެމަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރުވެސް ރައީސް ޔާމީންގެ ދެ ޝަރީއަތެއް ދަށު ކޯޓްގައި ކުރިއަށް ދެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.