ހަބަރު

ރައީސް ޔާމީންގެ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށައިފި

Nov 28, 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް ކްރިމިނިލް ކޯޓުން މިއަދު އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު އެއްބަސްވި ނަމަވެސް، އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ފައިސާކަމާއި، އެކަން ކޮށްފައިވަނީ މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ނިޔަތުގައި ކުށްކޮށްގެން ހޯދާފައިވާ ފައިސާތަކެއް އަސްލު އޮޅުވާލުމަށްކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ހުކުމް ކުރަން ތައްޔާރުވެފައިވަނިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމާ ގުޅިގެން، ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ޝަރީއަތް ކުރިއަށް ގެންދެވި ފަސް ގާޒީންގެ ބެންޗުން މިއަދު ވަނީ އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފަ އެވެ.

އެ ގޮތަށް ކަނޑައަޅާފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމަނިކުފާނަށް އެނގިވަޑައިގެންހުރެ، އެ ފައިސާގެ އަސްލު އޮޅޭގޮތަށް އަމަލުކޮށްފައިވާތީކަމަށް އެ ބެންޗުން ވަނީ ބުނެފަ އެވެ.

އެހެންކަމުން، އެ މަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ފަސް ގާޒީންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

ހުކުމް އިއްވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، އެ ހުކުމް އިސްނިއުފާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒް ވަނީ ވިދާޅުވެފަ އެވެ.

ސިޔާޒް ވިދާޅުވި ގޮތުގައި، އެ ހުކުމަކީ ގާނޫނީ ހަމަތަކުގެ އިތުރުން ބުއްދީގެ ހަމަތަކާވެސް ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ރައީސް ޔާމީނަށް ކުރި ހުކުމް ބަލައިނުގަންނާނެ ކަމަށާއި، އެމަނިކުފާނު މިނިވަންވަންދެން މަސައްކަތްކުރާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.