ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.
މި މައްސަލައަކީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯދި މައްސަލައެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ 75 އިސްތިއުފާ ނުކުތާއެއް ފާހަގަކޮށްފަ އެވެ.
މިގޮތުން، ރައީސް ޔާމީން ކުރެއްވި ކުށެއް ސާފު ނުވާއިރު، އޭސީސީގެ ތަހުގީގު އެއްވެސް ރިޕޯޓެއްގައި އެމަނިކުފާނަށް ތުހުމަތެއް ކޮށްފައިނުވާ ކަމަށާއި މަނީ ލޯންޑްރިންގެ ކުށުގެ ތުހުމަތަށް ސުވާލު ވެސް ކޮށްފައިނުވާ ކަމަށެވެ. އަދި، ވޮޑުމުލާގެ ފައިސާކަން ދައުލަތުގެ ކަނޑައެޅި އަސާސެއް ސާބިތުކޮށް ނުދެވޭ ކަމާއި އެހެންކަމުން މި މައްސަލާގައި ހިނގާފައިވާ ކޮރަޕްޝަންގެ އަމަލަކީ ކޮބައި ކަމެއް ވެސް ސާފު ނުވާ ކަމަށެވެ.
ދެން ފާހަގަކުރީ މި މައްސަލާގެ އެންމެ މުހިންމު ތިން ހެކިންގެ ހެކި ބަސް ބަލައިނުގަނެވޭނެ ސަބަބުތަކެވެ. އެގޮތުން އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ހެކި ބަސް ދެއްވަމުން ދޮގު ހަދާފައި ކަމާއި އެ ހެކި ބަސް ބަލައިގެނެގެން ނުވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންއާ ބައްދަލު ކުރެއްވި ކަމަށް މުއައްވިޒު ވިދާޅުވިއިރު އެކަމަށް ރައީސް ޔާމީނާއި އެ ބައްދަލުވުމުގައި ދެން ބައިވެރިވި ހަސަން ލުތުފީ އިންކާރު ކުރާ ކަމަށެވެ. އަދި ރައީސް އޮފީހާއި އޭސީސީއިން ވެސް އެ ބައްދަލުވުން ބޭއްވި ކަމުގެ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ.
އޭގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އަދީބަކީ ދެ ފާސިގުން ކަމަށްވާއިރު އެމީހުންގެ ހެކި ބަސް ބަލައިގަނެގެން ނުވާނެ ކަމަށެވެ. އެގޮތުން ޒިޔާތު ހެކި ބަސް ދެމުން ދައްކާފައިވާ ވާހަކަތަކާއި އޭގެ ކުރިން އެކި ގޮތްގޮތުން ނެރެފައިވާ ބަޔާންތަކާ ފުށުއެރުންތައް އެބަހުރި ކަމަށެވެ.
ނަމަވެސް، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވެ ނެރުއްވި ރައުޔުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ހާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔަމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮންނަ ކަމަށް، އަދި ކުށުގެ ދައުވާގެ ފުރަތަމަ އުންސުރު ސާބިތުވާ ކަމަށެވެ.
"އެސްއޯއެފްގެ އެކައުންޓުން އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އާދައިގެ ވިސްނުމުން ވިސްނާލުމުންވެސް އެނގޭ،" ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒް ވެސް ވިދާޅުވީ އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ދައުލަތުން ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި، ދައުލަތުން ސާބިތުކޮށްދޭންޖެހެނީ އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބެލެވޭ ހާލަތެއް ދައުވާލިބޭ ފަރާތުގެ ކިބާގައިއޮތްކަން ސާބިތުކުރުން ކަމަށެވެ.
ހެކިންނާ ގުޅޭގޮތުން ދިފާއުން ފާހަގަކުރި ނުކުތާއަށް އިޝާރާތްކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަދީބާއި، ޒިޔަތުގެ ހެކިބަސް ގަބޫލުކުރަންޖެހޭނީ އިތުރު ހެކިތަކުގެ މައްޗަށް ކަމަށާއި، އަދި ޔާމީންގެ މައްޗަށް ހުކުމް އިއްވާފައިވަނީ ހަމައެކަނި އެ ދެ މީހުންގެ ހެކި ބަހުގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.
"ތިން ހެކިންގެ ހެކި ބަސް އެއްފަރާތްކުރި ނަމަވެސް، ޝައްކެއް ނެތް މިންވަރަށް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ސާބިތުވޭ،" ފަނޑިޔާރު މަޒީދުގެ
ރައުއުޔަށް ތާއީދުކުރައްވަމުން ނިޔާޒް ވިދާޅުވި އެވެ.
ފަނޑިޔާރު ހުސެއިން ޝަހީދުގެ ތަފާތު ރައުޔު
މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ހުކުމް ދެމެހެއްޓި ނަމަވެސް، އެ މައްސަލާގައި ފަނޑިޔާރު ހުސެއިން ޝަހީދު އިއްވެވި ރައުޔު ތަފާތެވެ.
މިގޮތުން، ފަނޑިޔާރު ހުސެއިން ޝަހީދު ފާހަގަކުރެއްވި ގޮތުގައި ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންވެސް ހަމަހަމަވެގެންވާއިރު، ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ތަފާތު ކުރުމުގެ ދަށުން ކޮށްފައިވާ ދައުވާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އަދި ޔާމީން އަމިއްލައަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމަށް އިސް ނެންގެވުމުން އެމަނިކުފާނުގެ ކިބައިގައި ނުބައި ނިޔަތެއް ނެތްކަން ހާމަވެގެންގޮސްފައިވާކަމަށް ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައިވެ އެވެ.
މީގެ އިތުރުން، އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އިސްލާމިކް ބޭންކަށް ޖަމާކުރި ފައިސާ ނޫން ކަމަށާއި އެ ފައިސާއިން މަންފާ ހާސިލު ކުރުމަށްޓަކައި ރައީސް ޔާމީންގެ އެކައުންޓުގައި ބެހެއްޓުމަށްފަހު އެހެން ފައިސާ ޖަމާކުރި ކަމަށް ދައުލަތުން ބުނި ނަމަވެސް އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ހެކިންނާ ގުޅޭގޮތުން ދިފާއުން ފާހަގަކުރި ނުކުތާއަށް އިޝާރާތްކުރައްވައި، ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ.
އަދި އަދީބަކީ ރައީސް ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް ބޮޑު ގެއްލުމެއްދިނުމަށް އުޅުމުގެ ކުށް ސާބިތުވެފައިވާ މީހަކަށްވާއިރު، އަދީބުގެ ހެކި ބަހަކީ އަދާވާތްތެރިކަން އޮތް ފަރާތެެއްދޭ ހެކިބަހަކަށްވާތީ ރައީސް ޔާމީނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ބޭނުންކުރެވޭނެ ގޮތެއް ނެތް ކަމަށް ރައުޔުގައިވެ އެވެ.
އެ ހުރިހާކަމަށް ރިއާއަތްކުރާއިރު، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާއަކީ ބާތިލުކުރަންޖެހޭ ހުކުމެއްކަމަށް ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވި އެވެ.
މިހާރުވެސް ރައީސް ޔާމީންގެ ދެ ޝަރީއަތެއް ދަށު ކޯޓްގައި ކުރިއަށް ދެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.