ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ ވ. އާރަށު މައްސަލައިގައި ނުބައިކޮށް މުއްދަތު ގުނުމުގެ ސަބަބުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި ނުގަންނަން ހައިކޯޓުން ނިންމައިފި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެދުވަހު ގާޒީ ވިދާޅުވެފައި ވަނީ ގާނޫނު މާނަކުރާ ހަމަތަކުގެ މަތިން މުއްދަތު ގުނުމަށް ފަހު ހުށަހެޅުންތައް ހުށަހެޅުމަށެވެ.
އެކަމަކު މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ހުށަހެޅުންތައް ހުށަހަޅާފައި ވަނީ މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ހުށަހެޅުންތައް ބަލައި ނުގަންނަން ގާޒީ ނިންމީ މެއި 25 ގައެވެ.
އެ މައްސަލަ މިދިޔަ ހަފްތާތެރޭގައި ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ. އެ މައްސަލަ ބަލައިނުގަންނަން ނިންމާފައި ވަނީ މިއަދު އެވެ.
އާރަށު މައްސަލައިގެ ޝަރީއަތް ފަށައިފައިވާއިރު، ދެން އޮންނާނީ ހެކިބަސް ނެގުމެވެ. އެގޮތުން މިހަފްތާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ހެކިބަސް ނެގުން ކުރިއަށްދާނެ އެވެ. ގާޒީ ވިދާޅުވެފައި ވަނީ މި މައްސަލައިގެ ހުކުމް ސެޕްޓެމްބަރު ކުރައްވާނެ ކަމަށެވެ.