ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނާ ދެކޮޅަށް 86 ހެކި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި ގުޅިގެން އެމަނިކުފާނާ ދެކޮޅަށް 86 ހެއްކެއް ދައުލަތުން ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ އިބްތިދާއީ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި މިއަދު ދެފަރާތުން ވެސް ވަނީ ހެކި ހާމަކޮށްފަ އެެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

އެގޮތުން ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި ދެ ދައުވާ ސާބިތު ކުރަން ހުށަހަޅާ ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ހިމެނެ އެވެ.

ކިތާބީ ހެކިންގެ ތެރޭގައި ބެންކެ ސްޓޭޓްމެންޓްތަކާއި އޭރު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި ދެމެދު ކުރެވުނު މުއާމަލާތްތައް ހިމެނެ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ވަނީ ޝަފައީ ހެކިންނާއި ކިތާބީ ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ޖުމްލަ 30 ހެއްކެއް ހުށަހެޅުއްވި އެވެ. ޝަފައީ ހެކިންގެ ގޮތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ސަން ސިޔާމާއި، އަހުމަދު ކްރިކް ރިޒާ ހިމެނެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމުގައި މެދިވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަދި ސަންގެ ކުންފުނިތަކަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފަ އެވެ. ދައުވާ ލިބޭ ތިން ފަރާތުން ވެސް މީގެ ކުރިން ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑު އެހުން ފަށަމުން ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އެދިވަޑައިގެންފައި ވަނީ އޭސީސީން 2017 ވަނަ އަހަރު އެމްއެމްޕީއާރުސީއާ ގުޅޭގޮތުން ހިންގި ބޮޑު ތަހުގީގުގެ ރިޕޯޓްގައި ހިމެނޭ ލިޔެކިޔުންތައް ހޯދުމަށެވެ. އެ ރިޕޯޓްގައި އެ މައްސަލައާ ރައީސް ޔާމީނާ ގުޅުމެއް އޮތް ކަމަށް އޭސީސީން ބުނެފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ލިޔެކިޔުންތަކަކީ ދައުވާއިން ބަރީއަވާނެކަން ސާބިތުވާނެ ލިޔެކިޔުންތަކެއްް ކަމަށް ވެސް ވިދާޅުވި އެވެ. އެ ލިޔެކިޔުންތައް ބޭނުންވާ ކަމަށް ބުނެ ކޯޓަށް ވަނީ ސިޓީއެއް ވެސް ފޮނުވާފަ އެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވެފައި ވަނީ މީގެ ކުރިން ކުރިއަށް ގެންދިޔަ ޝަރީއަތުގައި އެ ލިޔެކިޔުންތަކަށް ޖަވާބުދާރީ ވެފައިވާ ކަމަށެވެ.

މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވެފައި ވަނީ އެ ލިޔެކިޔުންތައް ހޯދުމަށް އަމުރެއް ނެރެދޭވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުގެ މަތިން އެ އޮންނަ އުސޫލުގެ ތެރޭގައިވާ ފޯމު މެދުވެރިކޮށް ހުށަހެޅުމުން ކަމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އައިސްފައިވަނީ ގާޒީއަށް އެޑްރެސްކޮށް ލިޔުއްވާފައިވާ ސިޓީއެއް އެކަނި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި އެކަމާމެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށާއި އޭގެ ފަހުން ދިފާއަށް އިތުރު ހެކިން ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށްވެސް އިސް ގާޒީ ވިދާޅުވި އެވެ. އަދި ލިޔެކިޔުންތައް ހޯދުމަށް އޮންނަ އިޖުރާއަތުގެ ތެރެއިން ފޯމް ހުށަހަޅައިގެން ހެކި ހޯދުމަށް ތިން ދުވަސް ވެސް ވަނީ ދެއްވާފަ އެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެފަރާތައް ވެސް ވަނީ 10 ދުވަހުގެ މުއްދަތު ދީފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށް އިސް ގާޒީ ވަނީ އިއުލާނުކުރައްވާފަ އެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނަށް ލިބުނު އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. ކޯޓުގައި އެމަނިކުފާނު ވަނީ މި ދައުވާއަަށް އިންކާރު ކުރައްވާފަ އެވެ.