ބާސެލޯނާ

ފާޓީއަށް 10 ނަންބަރު ހައްގު؟

ލައިނަލް މެސީ ބާސެލޯނާ އާއި ވަކިވުމުން އޭނާ ކުޅެމުން އައި 10 ނަންބަރު ޖާޒީ ދާދި ފަހަކާއި ޖެހެންދެން ވެސް އެއްވެސް ކުޅުންތެރިއަކަށް ދީފައެއް ނުވެ އެވެ. ހަގީގަތުގައި އެއްވެސް ކުޅުންތެރިއަކަށް އެ ރިސްކު ނަގައި އަމިއްލައަށް އެކަމާއި ކުރިމަތިލާން ނުވެސް ކެރުނީ އެވެ. އެކަމަކު މީގެ ދެތިން ދުވަސް ކުރިން ބާސާއިން ވަނީ އެ ޝަރަފު ޒުވާން ފޯވާޑް އަންސޫ ފާޓީއަށް ދީފަ އެވެ.

މިކަމުގެ އުފަލުގައި ފާޓީގެ ބައްޕަ ވަނީ ބާސެލޯނާގެ ސްޓޯރަށް ގޮސް އޭނާގެ އެތައް ޖާޒީއެއް ގަނެފަ އެވެ. އަދި ބާސާއިން އުންމީދު ކުރަމުން އަންނަނީ މެސީގެ ފެންވަރަށް ނުދިޔަ ނަމަވެސް 10 ނަންބަރު ހައްގުވާ ވަރުގެ މޮޅު ކުޅުމެއް ފާޓީގެ ފަރާތުން ފެންނާނެ ކަމަށެވެ. އެކަމަކު އޭނާއަށް އެ ފެންވަރަށް ކުޅެވޭނެތޯ، ނުވަތަ މިހާރު ފާޓީއަށް 10 ނަންބަރު ދިނުން ހައްގުތޯ މިއީ ރަނގަޅު ސުވާލެކެވެ.

ފާޓީ އެނބުރި ބާސާގެ ޓީމާއި ގުޅުނީ އަނިޔާގެ ސަބަބުން 10 މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެވެ. އެހެންކަމުން ކުރިއަށް ހުރި މެޗު ތަކުގައި އޭނާގެ ފޯމާއި މެދު ވަކި ގޮތެއް ނިންމަން ވަރަށް އުނދަގުލެވެ. ނަމަވެސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެނބުރި ރަނގަޅު ފޯމަކަށް އައިސް ފާޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނަން ދުވަސް ނަގާނެ އެވެ. ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

އަނިޔާއިން އެނބުރި އައިސް އަލުން ކުޅުމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ މެސީގެ 10 ނަންބަރު ޖާޒީ އޭނާއަށް ދިނުމަކީ ހަމަ ޔަގީނުންވެސް އިތުރު ޕްރެޝަރަކާއި ކުރިމަތިލާން ޖެހޭނެ ކަމެކެވެ. މީގެ ސަބަބުން ރަނގަޅު ކުޅުމެއް ދައްކަން ޒުވާން ކުޅުންތެރިޔާ ކުރާ މަސައްކަތަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވެ އެވެ. ރަނގަޅު ކުޅުމެއް ނުފެންނަ ނަމަ ސަޕޯޓަރުންނާއި ޓީމުގެ ފަރާތުން ވެސް ޕްރެޝަރު ބޮޑުވާނެ އެވެ.

އަނެއްކޮޅުން މި ފަހުގެ ތާރީހުގައި ބާސާގެ 10 ނަންބަރު ޖާޒީގައި ކުޅެފައި ވަނީ ފުޓްބޯޅަ ދުނިޔޭގައި އެވަގުތަކު ހުރި އެންމެ ނަން ފަވާލެވޭ ކުޅުންތެރިންނެވެ. އެންމެ ފަހުން ބާސާގެ 10 ނަންބަރަށް މެސީ ކުޅުނު އިރު، އޭގެ ކުރިން ކުޅުނީ ރޮނާލްޑީނިއޯ، ހުއާން ރޮމާން އަދި ރިވާލްޑޯ އެވެ. މި ކުޅުންތެރިން 10 ނަންބަރަށް ކުޅެން ފެށިއިރު ކުޅުމުގެ ފެންވަރު ހުރި ވަރާ ބަލާފައި އަންސޫ ފާޓީ އާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

މި ދަނޑިވަޅުގައި ބާސާއިން ފާޓީއަށް 10 ނަންބަރު ޖާޒީ ދިނީ، ބާސާގައި ފަނޑުވުމެއް ނުވާ މެސީގެ ފިޔަވަޅުތައް ފޮހެލައި އާ ތާރީހެއް ލިޔަން ކަމަށް ވެދާނެ އެވެ. އެކަމަކު މެސީގެ ހަނދާންތައް ބާސާއިން ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ބާސާގައި ހުރި ލުއިސް ސުއަރޭޒް އާއި އެންޓޯނިއޯ ގްރީޒްމަން ވެސް މިހާރު ޓީމުގައި ނެތުމުން ފާޓީއަށް 10 ނަންބަރު ދިނުން މިއީ އޭނާއަށް ދެވޭ ވަރަށް ބޮޑު އުންމީދަކާއި ހިތްވަރެކެވެ. އެހެންކަމުން ސަޕޯޓަރުންނާއި ޓީމު ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ދައްކަން އޭނާ މަރުދޭނެ އެވެ.