ބާސެލޯނާ

ފަޓީގެ ކޮންޓްރެކްޓް އާކޮށްފި

ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

ފަޓީގެ ކޮންޓްރެކްޓް އާކުރީ 2027 އާއި ހަމައަށެވެ. އަދި ރިލީޒް ކްލޯސްއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެއް ބިލިއަން ޔޫރޯ އެވެ.

މީގެ ކުރިން ބާސެލޯނާއިން ފަޓީ އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ. އަދި ޓީމުން ބޭނުން ވެއްޖެ ނަމަ އިތުރު ދެ އަހަރަށް ކޮންޓްރެކްޓް ދިގުދަންމާލެވެން އޮތެވެ. ނަމަވެސް ބާސެލޯނާއިން އިތުރު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަޓީ އާއެކު އެގްރީމެންޓެއް ހެދީ ޓީމަށް އޭނާގެ މުހިއްމުކަން ބޮޑު ވުމުންނެވެ.

ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުރެފައި އެނބުރި އައިސް ފަޓީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަނިޔާއިން ސަލާމަތްވި ފަހުން ފަޓީ މިހާތަނަށް ދެ ގޯލު ޖަހާފައިވެ އެވެ.

އުމުރުން 18 އަހަރުގެ ފަޓީއަކީ ޔޫރަޕުގެ ގިނަ ކްލަބް ތަކަކުން ކަޅި އަޅަމިން އަންނަ ޒުވާން ކުޅުންތެރިއެކެވެ. އެކަމަކު ބާސާއިން ބުނީ ފަޓީ އަކީ ވިއްކާ ވަރަށް ވުރެ މާ މުހިންމު ކުޅުންތެރިއެއް ކަމަށެވެ. މެސީ ޓީމު ދޫކޮށްލުމާއެކު 10 ނަންބަރު ޖާޒީވެސް ބާސާ އިން ވަނީ ފަޓީއަށް ދީފަ އެވެ.

ފަޓީގެ އެއްބަސްވުން އާކުރުމާއި އެކު އެހެން ޓީމަކުން ފަޓީ ގަތުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެއީ އެހާ ބޮޑު އަގެއް ދައްކާފައި ފަޓީ ގަތުމަކީ ކްލަބު ތަކަށް ދަތި ކަމަކަށް ވާނެތީ އެވެ.

ޓީމުގެ މުސްތަގުބަލުގެ ގޮތުގައި ބާސެލޯނާގެ ރައީސް ލަޕޯޓާ ފާހަގަކޮށްފައި ވަނީ ޕެޑްރީ، ގަވީ އަދި އަރައުހޯގެ އިތުރުން ފަޓީ އެވެ. އެހެންކަމުން މި ކުޅުންތެރިން ހިފަހައްޓަން ބާސެލޯނާއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ.