ލަ ލީގާ

ފަޓީ އެނބުރި އައިސް ބާސާއަށް ބޮޑު މޮޅެއް

ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ އެނބުރި އައިސް އެޓީމަށް މުހިއްމު މޮޅެއް ހޯދައިދީފި އެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ބާސެލޯނާ އާއި ލެވަންޓޭ ބައްދަލުކުރި މެޗުން ބާސެލޯނާ މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ.

ފަޓީ ބާސެލޯނާގެ ޓީމާއި ގުޅުނީ އަނިޔާގެ ސަބަބުން 10 މަސް ދުވަހު ކުޅުމާއި ދުރުގައި ހުރެފަ އެވެ. އޭނާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއިން ރަނގަޅުވުމަށް ފަޓީ ވަނީ ދެ އޮޕަރޭޝަން ކޮށްފަ އެވެ.

ފަޓީ އެނބުރި ޓީމާއި ގުޅުނުއިރު އޭނާގެ ބޮލުގައި ވަނީ ބޮޑު ޒިންމާއެއް އެޅިފަ އެވެ. ދާދި ފަހުން ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ބާސާގެ ލެޖެންޑް ލައިނަލް މެސީގެ ޖާޒީ ދީފައި ވަނީ ފަޓީ އަށެވެ.

މި މެޗުގައި ބާސެލޯނާއަށް އެންމެ ފުރަތަމަ ލީޑު ނަގައިދިނީ މެމްފިސް ޑިޕާއީ އެވެ. ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ޑިޕާއީ ގޯލު ޖެހީ ލެވަންޓެގެ ޕެނަލްޓި އޭރިއާ ތެރެއިން ޑިޕާއީ އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. އޭގެ ހަތް މިނެޓު ފަހުން ބާސާ އަށް ލީޑު ފުޅާކޮށްދިނީ ލޫކް ޑިޔޯންގް އެވެ. މި ގޯލަކީ ސާޖީނިއޯ ޑެސްޓް ދިން ޕާހަކުން ޑިޔޯންގް ޖެހި ގޯލެކެވެ.

ބާސެލޯނާގެ ފަހު ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ފަޓީ ޖަހައިދިން ގޯލެކެވެ. މެޗުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ގޯލު ޖެހުމަށްފަހު ފަޓީ އުފާ ފާޅުކުރީ އޭނާގެ ޑޮކްޓަރު ގައިގައި ބައްދާލުމަށްފަހު އެވެ. މެޗަށްފަހު ފަޓީ ވަނީ އޭނާގެ ޑޮކްޓަރުންނާއި މެޑިކަލް ޓީމަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

މި މޮޅާއި އެކު ބާސެލޯނާ މިހާރު އޮތީ 12 ޕޮއިންޓާއި އެކު ލަލީގާ ތާވަލުގެ ހަވަނައިގަ އެވެ.