ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ އާއެކު ހަދާފައިވާ އެއްބަސްވުން ބޮޑު އަގަކަށް އާ ކުރަން ދެފަރާތުން އެއްބަސް ވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފަޓީގެ އެގްރީމެންޓް އާ ކުރަން ދެފަރާތުން އެއްބަސްވީ ވަރަށް ބޮޑު އަގަކަށެވެ.
ބާސެލޯނާއިން ވަނީ މިދިޔަ ހަފްތާގައި އެޓީމުގެ ސެންޓްރަލް މިޑްފީލްޑަރު ޕެޑްރީގެ އެއްބަސްވުން އާކޮށްފަ އެވެ. ޕެޑްރީގެ ރިލީސް ކްލޯސްއެއްގެ ގޮތުގައި އެއް ބިލިއަން ހަމަޖައްސާފައި ވާއިރު، އޭނާގެ ކޮންޓްރެކްޓް އާކޮށްފައި ވަނީ 30 ޖޫން 2026 އާއި ހަމައަށެވެ.
ފަޓީގެ ކޮންޓްރެކްޓް 2027 ވަނަ އަހަރާއި ހަމައަށް އާކުރަން ބާސެލޯނާއިން މަސައްކަތް ކުރަމުން އަންނަ އިރު، އޭނާގެ ކޮންޓްރެކްޓްގެ ދަށުން މުސާރަ ބޮޑު ކުރަން ހަމަޖެހިފަވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިއްޔެގެ ވަގުތެއްގައި، ބާސެލޯނާގެ ކީ ޕްލޭޔަރެއް ކަމުގައި ޓީމުން ދެކެމުން އަންނަ ފަޓީގެ އެޖެންޓް ޖޯޖް މެންޑީސް އާއި ބާސެލޯނާގެ ފުޓްބޯޅަ ޑިރެކްޓަރު މެތިއު އެލްމަނީ ވަނީ ފަޓީގެ ކޮންޓްރެކްޓް އާކުރުމަށް އެއްބަސްވުމެއް އެކުލަވާލާފަ އެވެ. މިދިޔަ ހަފްތާގައި މި އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް ބާސާގެ މި މަސައްކަތަށް އޭރު މާ ބޮޑު ކުރިއެރުމެއް ލިބުނު ތަނެއް ނުފެނެ އެވެ.
ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުރެފައި އެނބުރި އައިސް ފަޓީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަނިޔާއިން ސަލާމަތްވި ފަހުން ފަޓީ މިހާތަނަށް ދެ ގޯލު ޖަހާފައިވެ އެވެ.
އުމުރުން 18 އަހަރުގެ ފަޓީއަކީ ޔޫރަޕުގެ ގިނަ ކްލަބް ތަކަކުން ކަޅި އަޅަމިން އަންނަ ޒުވާން ކުޅުންތެރިއެކެވެ. އެކަމަކު ބާސާއިން ބުނީ ފަޓީ އަކީ ވިއްކާ ވަރަށްވުރެ މާ މުހިންމު ކުޅުންތެރިއެއް ކަމަށެވެ. މެސީ ޓީމު ދޫކޮށްލުމާއެކު 10 ނަންބަރު ޖާޒީވެސް ބާސާއިން ވަނީ ފަޓީއަށް ދީފަ އެވެ.
ބާސާއިން މިހާރު އެކުލަވާލާފައިވާ އެއްބަސްވުމާއި އެއްގޮތަށް ކަންތައް ގޮސްފި ނަމަ އެހެން ޓީމަކުން ފަޓީ ގަތުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެއީ އެހާ ބޮޑު އަގެއް ދައްކާފައި ފަޓީ ގަތުމަކީ ކްލަބު ތަކަށް ދަތި ކަމަކަށް ވާނެތީ އެވެ. އެހެން ކަމުން ބާސެލޯނާއިން އަންނަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ފަޓީ ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ޓީމުގެ މުސްތަގުބަލުގެ ގޮތުގައި ބާސެލޯނާގެ ރައީސް ލަޕޯޓާ ފާހަގަ ކޮށްފައި ވަނީ ޕެޑްރީ، ގަވީ އަދި އަރައުހޯގެ އިތުރުން ފަޓީ އެވެ. އެހެން ކަމުން މި ކުޅުންތެރިން ހިފަހައްޓަން ބާސެލޯނާއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ.