ބާސެލޯނާ

މެސީ ދޫކޮށްލުމަކީ މޮޔަ ކަމެއް: ބާޓޯމެއޯ

ލައިނަލް މެސީ ދޫކޮށްލުމަކީ ބާސެލޯނާއިން ކުރި ވަރަށް މޮޔަ ކަމެއް ކަމަށް އެޓީމުގެ ކުރީގެ ރައީސް ޔޯސެފް މަރިއާ ބާޓޯމެއޯ ބުނެފި އެވެ.

ބޭރުގެ ކުޅިވަރު މީޑީއާ ތަކަކަށް ދިން އިންޓަވިއު އެއްގައި ބާޓޯމެއާ ބުނީ މެސީ ދޫކޮށްލަން ބާސެލޯނާއިން ނިންމި ނިންމުމަކީ ނުރަނގަޅު ނިންމުމެއް ކަމަށެވެ. އަދި މިެސީ އާއި ނުލައި ބާސާއިން ކުޅޭއިރު ގިނަ ކަންތައް ތަކެއް ބަދަލު ކުރަން ޖެހޭކަން ފާހަގަ ކުރަމުން ބާޓޯމެއާ ބުނީ އޭނާގެ ދައުރުގައު މެސީ ޓީމުން ދިޔަ ނުދެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ.

ބާސެލޯނާގެ ރައީސް ކަމާއި ބާޓޯމެއާ ހަވާލުވީ 2014 ވަނަ އަހަރުގެ ޖެނުވަރީ މަހު އެވެ. އަދި އަމާޒުވި ފާޑު ކިއުން ތަކާއި އެކު އޭނާ އިސްތިއުފާ ދިނީ 2020 ވަނަ އަހަރު އޮކްޓޫބަރު މަހު އެވެ. މަގާމުން ދުރު ވުމަށް ފަހު ވެސް އޭނާ އަންނަނީ މިހާރުގެ ރައީސް ލަޕޯޓާ އާއި ލަޕޯޓާގެ ބޯޑަށް ގިނަ ފާޑުކިއުން ތަކެއް އަމާޒު ކުރަމުންނެވެ.

ބާޓޯމެއާ ވަނީ މި އިންޓަވިއުގައި އޭނާގެ ދައުރުގެ ބޯޑާއި ކޯޗު ރޮނާލްޑް ކޫމަން ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. "އަހަރެންގެ ބޯޑުގެ އެއްވެސް މެމްބަރަކު ކްލަބަށް ހިޔާނާތްތެރި ވެފައި ނުވާނެ. އޮޑިޓް ރިޕޯޓުން ވެސް އެކަން ވަރަށް ރަނގަޅަށް ހާމަވާނެ" ކަމަށް ބާޓޯމެއާ ބުންޏެވެ.

އަދި ކޫމަން އަކީ ބާސެލޯނާގެ ކޯޗު ކަމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ބާޓޯމެއާ ވަނީ ބުނެފަ އެވެ. ބާޓޯމެއާ ބުނީ ކޫމަން ހުރީ އެކަން ކުރަން ތައްޔާރަށް ކަމަށެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ނުލައި ޓީމު ބިލްޑް ކުރަން އުނދަގޫވާނެ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށެވެ. މިކަން ކުރުމަށް ޓީމުގައި ހުރި ޒުވާން ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ ކަން ފާހަގަ ކުރަމުން ބާޓޯމެއާ ބުނީ ބާސެލޯނާގައި ތިބީ ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިން ތަކެއް ކަމަށެވެ.

ކޫމަން ބާސެލޯނާގެ ކޯޗު ކަމަށް ގެނައީ ބާޓޯމެއާގެ ދައުރުގައި އޭނާ އެވެ.