ހުޅުމާލެ

ކޭ-ޕާކުގައި އަންނަ އަހަރު ދިރިއުޅެން ފަށާނެ

މާލޭ ސިޓީގެ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އިމާރާތްކޮށް ނިންމާފައިވާ ކޭ-ޕާކު ރެސިޑެންސުން އެޕާޓުމަންޓް ގަތް މީހުނަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ މީހުންގެ އެޕާޓްމަންޓްތަކަށް ވަދެވޭނެ ކަމަށް ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ ހަންބޯ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ހުޅުމާލޭގައި އެޅި މި މިކްސް-ޔޫސް ރެސިޑެންޝަލް އެޕާޓުމަންޓުތަކަކީ ކޮރެއަން ސްޓައިލަށް ތަރައްގީކުރި 14 ބުރީގެ މަތީފަންތީގެ ހައުސިން ކޮމްޕްލެކްސް އެކެވެ. ޖުމްލަ 110 އެޕާޓުމަންޓު ހިމެނޭ އެ ބިލްޑިން ކޮމްޕްލެކްސްއަކީ ޒަމާނީ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ފިނިޝިން އަދި އެޕްލަޔަސްންތައް ވެސް ހިމެނޭގޮތަށް ވިއްކާފައިވާ އެޕާޓުމަންޓުތަކެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އޭރު ލަފާކުރީ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި، 2020 ވަނަ އަހަރުގެ ކުރިން އެޕާޓުމަންޓުތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، އަދިވެސް މި އިމާރާތުގެ މަސައްކަތްތައް ނުނިމެ އެވެ.

ކޭ-ޕާކުގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރަމުން ހަންބޯއާއެކު މަސައްކަތް ކުރާ ކޮރެއާގެ ޑިވެލޮޕަރު ވިދާޅުވީ، މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވީ ކޮވިޑާ ގުޅިގެން ދިމާވި ކަންކަމުގެ ސަބަބުން ކަމަށެވެ. އަދި ޑިވެލޮޕަރުގެ ހައިސިއްޔަތުން މަޝްރޫއު ނުނިމި ލަސްވާ މައްސަލައިގައި ކަސްޓަމަރުންގެ ކިބައިން މާފަށް އެދުނެވެ.

މި އިމާރާތް ނިމިފައިވާއިރު، އިންޓީރިއާގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ފިނިޝިންއަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ސައިޓަށް ގެންގޮސްފައިވެ އެވެ. އަންނަ އޮކްޓޫބަރުގެ ނިޔަލަށް އިލެކްޓްރޯނިކް އެޕްލަޔަންސްތައް ގެނެވޭނެ ކަމަށް ވެސް ހަންބޯއިން ބުންޏެވެ. މި ކުންފުނިން މިތަނުގައި ބޭނުންކުރާ ހުރިހާ އުފެއްދުންތަކަކީ ވެސް ދެކުނު ކޮރެއާގެ އުފެއްދުންތަކެވެ.