އެޗްޑީސީ

އުސޫލާ ހިލާފަށް ހުޅުމާލެއިން ބިން ވިއްކި ވާހަކަ އެޗްޑީސީ އިން ދޮގުކޮށްފި

ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ވިއްކުމަށް އިއުލާނުކޮށްފައިވާ ބައެއް ބިންތައް ބިޑް އުސޫލާ ހިލާފަށް ވިއްކާފައިވާ ކަމަށް ކުރާ ތުހުމަތުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.

އެޗްޑީސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކާފައިވަނީ އާންމުކޮށް އިއުލާނުކުރުމާއެކު ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ.

ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުންކަން ފާހަގަކޮށް އެޗްޑީސީ އިން ބުނީ އެއަށްފަހު އީއޯއައި ހުށަހެޅި ފަރާތްތަކަށް ބިޑް ކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ.

ބިން ގަތުމުގެ ފުރުސަތު ދީފައިވާނީ ބިޑް ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނިމޭއިރު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށް ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާނުކޮށްފައިވާ ބިމުގެ ބޭސް ރޭޓަށްވުރެ ދަށް ނޫން އަގެއްގަ އެވެ. ބޭސް ރޭޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ކޯޕަރޭޝަންގެ ބޯޑް އޮފް ޑައިރެކްޓަރުން އެންޑޯޒް ކޮށްފައިވާ ރޭޓް ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

މި ގޮތުން އުސޫލުގެ ދަށުން އެޗްޑީސީ އިން ވިއްކާފައިވާ ބައެއް ބިންތަކުގެ ތަފުސީލުވެސް އެ ނޫސްބަޔާނުގައި ވަނީ ހިމަނާފަ އެވެ.

އެޗްޑީސީގެ ބަޔާނުގައި ވަނީ އެ ކޯޕަރޭޝަނުން ވިއްކާފައިވާ ބިންތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.