އެޗްޑީސީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފު ޖަމީލް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު އައްޔަންކޮށްފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަންކުރީ ކުރިން އެމަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ރޭ އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

މައުރޫފު ވަނީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިިގެން ވަރަށް ގިނަ ދުވަސް ވަންދެން އެތަން ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގެންފަ އެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓު އުފެއްދިއިރު އެތަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދި އޭގެ ފަހުން އެޗްޑީސީ އުފެދުމާއެކު އެ ކުންފުނީގެ ސީއީއޯގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

ފަޒުލް އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި ކުށްތަކެއްގައި ތުހުމަތުކުރެވި ދައުލަތުގެ އިދާރާތަކުން އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ވަގުތެއްގައެވެ.