ފިލިޕޭ ކޮޓިނިއޯ، 2018 ވަނަ އަހަރު ލިވަޕޫލް ދޫކޮށް ބާސެލޯނާ އާއި ގުޅުނު ފަހުން ޓީމުގެ ފުރަތަމަ 11 އިން އާންމު ގޮތެއްގައި ޖާގަ ހޯދުމަށް ވަނީ ނުކުޅެދިފަ އެވެ.
ލިވަޕޫލްގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ބާސާއަށް ބަދަލުވެ ކޮޓީނިއޯއަށް އެ ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. އޭނާ ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރެފަ އެވެ. އެކަމަކު އަނިޔާއިން ރަނގަޅުވެ މިހާރު ކޮޓީނިއޯ ވަނީ މުޅިން ފިޓް ވެފަ އެވެ.
އެހެންކަމުން މެސީގެ އިތުރުން އަދިވެސް ޓީމަށް މުހިންމު އެތައް ކުޅުންތެރިއެއް ޓީމާއި ވަކިވެފައި ވާއިރު މިއީ ކޮޓީނިއޯއަށް ޓީމުގެ ފުރަތަމަ 11 އިން ދާއިމީ ޖާގައެއް ހޯދުމަށް ރަނގަޅު ފުރުސަތެކެވެ. އަނެއް ކޮޅުން ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ކޮޓީނިއޯއަކީ ޓީމުގެ ކީ ޕްލޭޔަރެއްގެ ގޮތުގައި ފާހަގަ ކޮށްފަ އެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ކުރިއަށް އޮތް ހަފުތާ ތަކުގައި އޮންނަ ލީގު މެޗު ތަކުގެ ފުރަތަމަ 11 އިން ކޮޓީނިއޯއަށް ޖާގަ ހޯދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ކޮޓީނިއޯ ބާސާއަށް ގެންނަން ހަދާފައިވާ ޑީލުގެ ދަށުން އޭނާ ބާސާއަށް 100 މެޗު ކުޅެދީފި ނަމަ އެ ކްލަބުން ލިވަޕޫލަށް 20 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ އެވެ.
ކޮޓިނިއޯ މިހާރު ވަނީ ބާސާއަށް 90 މެޗު ކުޅެދީފަ އެވެ. އެހެންކަމުން 100 މެޗު ހަމަވަން ދެން އޮތީ ބާކީ އެންމެ 10 މެޗެވެ. ނަމަވެސް ބާސާގެ މާލީ ހާލަތު ހުރި ގޮތުން މިއީ އެ ޓީމަށް މިހާރު ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ.
ބާސާ އާއެކު ކޮޓީނިއޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރަށެވެ. އޭނާގެ މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭތީ އާއި ޓީމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ބާސާއިން ވަނީ އޯގަސްޓު މަހުގެ ނިޔަލަށް ނިމުނު ޓްރާންސްފާ މާކެޓުގައި އޭނާ ވިއްކާލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭނާގެ މުސާރައިގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑު ކަމުން އެއްވެސް ޓީމަކުން އޭނާ ގަންނަން އެއްބަހެއް ނުވި އެވެ.
ޓީމުގެ ކުޅުން ރަނގަޅު ކުރުމަކީ ކޯޗު ކޫމަން އެންމެ ބޮޑަށް ސަމާލުކަން ދޭނެ އެއް ކަންތަކެވެ. އަނެއް ކޮޅުން ޓީމުގެ މެނޭޖުމެންޓުން މަސައްކަތް ކުރަމުންދަނީ ޓީމުގެ ހަރަދުތައް ކުޑަ ކުރުމަށެވެ. އެހެންކަމުން ކޮޓީނިއޯ އާއި މެދު އެޓީމުން ކަންތައް ކުރާނެ ގޮތެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބީ މަޑުކޮށްގެންނެވެ.